މީހުން

އަމީރު ނައްވާފް: ކުވައިތުގެ ހަމަޖެހުން

ކުވައިތުގެ އަމީރު ޝައިޚް ނައްވާފް އަލް އަހުމަދު އަލް ޖާބިރު އަލް ސަބާހް ކުވައިތުގެ ރަސްކަމާއި ހަވާލުވެވަޑައިގަތީ އެމަނިކުފާނުގެ އެއްބަފާ ބޭބޭފުޅު އަމީރު ސަބާހް އަލް އަހުމަދު އަލް ޖާބިރު އަލް ސަބާހް އަވަހާރަވެވަޑައިގަތުމާ ގުޅިގެން ސެޕްޓެމްބަރު 29، 2020 ގައެވެ.

ކުވައިތުގެ ވަލީ އަހުދުކަމަށް އަމީރު ނައްވާފް ކަނޑައަޅުއްވާފައިވަނީ ފެބްރުއަރީ 7، 2006 ގައެވެ.

އަމީރު ނައްވާފް ނިސްބަތްވެވަޑައިގަންނަވާ ޝާހީ އާއިލާ އަލް ސަބާހް އާއިލާ ނިސްބަތްވަނީ އަރަބިކަރައިގެ އުތްބާގެ ދަރިކޮޅަށެވެ. މި ދަރިކޮޅަކީ އަރަބިކަރައިގެ ނަޖްދުން އައިސްފައިވާ އަރަބިންގެ ބޮޑު ދަރިކޮޅެކެވެ. މިދަރިކޮޅު މީހުން ނަޖުދު ކަރައިން އިރުމަތީ އަރަބިއާ އަށް ހިޖުރަކޮށްފައިވަނީ މީލާދީން 16 ވަނަ ގަރުނުގެ ތެރޭގަ އެވެ. އަދި ބަނީ އުތްބާ ނިސްބަތްވަނީ އަރަބިންގެ އުތުރުގެ މައި ދަރިކޮޅު އަދްނާން ވަންހައިގެ ރަބީއާ ދަރިކޮޅަށެވެ.

ކުވައިތާއި ބަހްރެއިނާއި ގަތަރާއި އަދި ސައުދީ އަރަބިއާގެ ޝަހީ އާއިލާތަކުގެ ފެށުން އައިސްފައިވަނީ އަދްނާން ވަންހައިގެ އެކި ދަރިދަރިކޮޅާ އެވެ. އެއީ ކީރިތި ރަސޫލާ މުހައްމަދު ސއ ވަޑައިގެންފައިވާ ދަރިކޮޅުވެސް މެއެވެ.

އަމީރު ނައްވާފް އަކީ މިހާރު އުމުރުފުޅުން 85 އަހަރުފުޅުވެފައިވާ އަލް ސަބާހް އާއިލާގެ މިހާރުގެ އެންމެ ދުވަސްވީ ބޭފުޅާ އެވެ.

އެމަނިކުފާނު ވަނީ ކުވައިތުގެ ގަވަރުނަރެއްގެ އިތުރުން ތަފާތު އެކި ވުޒާރާތަކުގެ ވަޒީރުކަން ކުރައްވާ، ސަރުކާރުގައި ދިގު މުއްދަތެއް ހޭދަކުރައްވާފަ އެވެ. ކުވައިތުގެ ހިންގެވުން އަމީރު ނައްވާފް ކުރިއަށް ގެންދަވަނީ އޭނާގެ ކުރިން ވެރިކަން ހިންގެވި އަމީރު ޝައިޚް ސަބާ އަލް އަހުމަދު އަލް ސަބާ ކަނޑައަޅުއްވާފައިވާ ސިޔާސަތާ އެއްގޮތަށެވެ.

އަމީރު އަލް ސަބާ އަކީ ނުގުޑާފަދަ އަޒުމެއް ގެންގުޅުއްވި ކުވައިތުގެ ހާރިޖީ ސިޔާސަތު އެކުލަވާލެއްވި ފަރާތެވެ. އަދި ކުވައިތުގެ ހާރިޖީ ސިޔާސަތު ވަރަށް ހުނަރުވެރިކޮށް ހިންގަވައި ގަލްފްގައި އުފެދުނު މައްސަލަތަކުގައި ސުލްހައިގެ މެދުވެރިއެއްގެ ދައުރު ހިންގެވިގޮތުން ދުނިޔޭގެ އިތުބާރު ހޯއްދަވާފައިވެ އެވެ. އެރޮނގުން އޭނާ ކުރެއްވި މަސައްކަތްޕުޅަކީ ކުވައިތުގައި ފާހަގަކޮށްލެވޭ ތަރިކަ އެކެވެ.

ތެލުގެ މުއްސަނދިކަން އޮތް ކުޑަކުޑަ ކުވައިތަކީ ވަރަށް މިނިވަންކޮށް ގަލްފްގައި ހިންގަމުން އަންނަ އަދި ޕާލިމެންޓްރީ ދައުރުގައި ވަރަށް ޑިމޮކްރެޓިކް ހަރަކާތްތައް ހިންގަމުން އަންނަ ގައުމެކެވެ. އަމީރު ނައްވާފް ގެންދަވަނީ ކުވައިތުގެ މިނިވަންކަމާއި ހަރުދަނާކަން މާޒީގައިވެސް އޮތްގޮތަށް ކުރިއަށް ގެންދަވަމުންނެވެ.

އަމީރު ނައްވާފަކީ ކުވައިތުގައި ޒަމާނީ ފުލުހުންގެ ބާރެއް ގާއިމުކުރެއްވި އެއް ބާނީ އެވެ. އަދި ކުވައިތުގެ ނެޝަނަލް ގާޑް ހިންގެވުމުގެ މަސްއޫލިއްޔަތު އަދާކުރައްވާފައިވެ އެވެ. ހަމައެހެންމެ ޒުވާނުންނަށް ނެޝަނަލް ގާޑުން ފުރުސަތު ދެއްވައި ކުޑަކުދިންނާއި އަންހެނުންގެ ހައްގުތައް ހިމާޔަތްކުރެއްވުމަށް ނަމޫނާ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ އޯގާތެރި މަޑުމައިތިރި ބޭފުޅެކެވެ.