ގާސިމް އިބްރާހިމް

ޖޭޕީ ބަނދުނާމުކުރާތީ ގާސިމުގެ ނުރުހުން

Apr 1, 2023

ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ބައެއް ބޭފުޅުން އެ ޕާޓީން ވަކިވެވަޑައިގަންނަވަމުން ޕާޓީ ބަނދުނާމުވާ ގޮތަށް އަމަލުކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވެ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް ނުރުހުން ފާޅުކުރައްވައިފި އެެވެ.

ޖުމްހޫރީ ޕާޓީގެ އިސް ބޭފުޅުންތަކެއް ވަކިން ހާއްސަކޮށް ސަރުކާރުގެ އިސް މަގާމުތަކެއްގައި ތިއްބެވި ބޭފުޅުންތަކެއް ވަނީ މިމަހުގެ ތެރޭގައި ޖޭޕީ ދޫކޮށް ވަޑައިގެންފަ އެވެ. ޖޭޕީން ވަކިވާ ބޭފުޅުންގެ ލިސްޓު އަދިވެސް ދިގުވާނެ ކަމަށް ބެލެވެ އެވެ.

ޖުމްހޫރީ ޕާޓީން ބޭފުޅުންތަކެއް ވަކިވަމުން މިދަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ޖުމްހޫރީ ޕާޓީން ތާއީދުކުރުމުގެ ބަދަލުގައި އެ ޕާޓީން ވަކިން އިންތިހާބުގައި ވާދަކުރުމަށް ނިންމުމާ ގުޅިގެންނެވެ.

ގާސިމް އިބްރާހީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ޖޭޕީގެ ބައެއް ބޭފުޅުން އެ ބޭފުޅުންގެ މަގާމު ދިފާއުކުރެއްވުމުގެ ނިޔަތުގައި ޕާޓީއާއި ޕާޓީގެ ލީޑާޝިޕް ބަދުނާމު ކުރައްވަމުން ގެންދަވާ ކަމަށެވެ. އެގޮތަށް އަމަލުކުރެއްވުމުގެ ބަދަލުގައި ކަމުގެ ހަގީގަތާ އެއްގޮތަށް ވަޒީފާގެ ބޭނުމަށްޓަކައި ޕާޓީން ވަކިވާކަން އިއުލާން ކުރެއްވުން ކީއްތޯއޭ ވިދާޅުވެ ގާސިމް ވަނީ ސުވާލުކުރައްވާފަ އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ގާސިމް އިބްރާހީމް ވަނީ ޖުމްހޫރީ ޕާޓީގެ ޓިކެޓް ހޯއްދެވުމަށް ފޯމު ހުށަހަޅުއްވާފަ އެވެ.

ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންނެވި އިސް ބޭފުޅުންގެ ތެރޭގައި ރައީސް އޮފީހުގެ މިނިސްޓަރު އަހްމަދު ސަމީރާއި، އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހްމަދު ހުސައިން (ހަނަފީ)އާއި، އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހް އާއި، އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްއާއި ހަޔާ އެޑިޔުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އައިމިނަތު މުހައްމަދު ސަލީމްގެ އިތުރުން އާޓްސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ވަލީދާ ވަލީދު ހިމެނެ އެވެ.