( 30 މާރިޗު 2023 އާ ގުޅޭ )
"އޭގެ ފަހުން ލައިއަށް ގުޅާ. ދެ މީހުން ވާހަކަދައްކާ. މަތިއޮމާން ކުރާން އުޅޭމީހެއްހެންނޫން. ދަރަކްގެ ހަޤީޤީ އިޙްސާސްތަކުގެ ވާހަކަ ލައިލީއާ ދައްކަންވީ. ދަރަކް ވިސްނާ ގޮތާއި ބޭނުންވާ ގޮތް އޭނާއަށް ކިޔައިދޭންވީ. ކޮންމެ ގޮތަކަށް ކަންތައްވިޔަސް ދޮގުތަކެއް ހަދައި ސަބަބުދައްކަން އުޅުމަށްވުރެ ހަޤީޤަތަށް ހުރިހާ ވާހަކައެއްދެއްކުން އެންމެ ރަނގަޅީ. ލައިލީ ބޭނުންވާގޮތް ބުނާއިރަށް އެގޮތަކަށް އެއްބަސްވުމުގެ ކުރީން ދަރަކްގެ ޚިޔާލު ވެސް އޭނާއަށް މުހިންމުވާނެ. އެނގެން ވެސް ބޭނުންވާނެ." ނޫރީ ބުންޏެވެ. އޭނާ ދެއްކި ވާހަކައަށް ދަރަކް އިސްޖެހިފައި އިނދެ ބޯޖަހަމުން ދިޔައެވެ.
* * * * *
ކެތްކުރާން އުނދަގޫ ކަމަކަށް ވިޔަސް ލައިލީއަށް ވަގުތު ބޭނުންވާކަން ދަރަކް އަމިއްލަ ހިތަށް ވިސްނާދީ އެގޮތް ޤަބޫލުކޮށްގެން ހުރީއެވެ. ލައިލީ އިސްވެ އޭނާއަށް ގުޅާނޭ އިރެއްގެ އިންތިޒާރުގައެވެ. އެނބުރި އެމީހުން ދިރިއުޅޭން ހިފާފައި ހުރި އެޕާޓްމެންޓަށް އައިސް ދިރިއުޅުން ހަމަޖެހޭނޭ ވަގުތެއްގެ އުންމީދުގައެވެ.
"އޭތް. ކާކަށް ނުދާނަންތަ؟. އެކެއް ޖަހާ ދިޔައީ. މިއަދު ބްރޭކެއް ވެސް ނެތީތަ؟." އަފްރާހު ގޮނޑީގައި އިނދެ ދަރަކްގެ ކައިރިޔަށް ގޮނޑިއަށް ދުއްވާލައި ކައިރިވެލުމާއެކު ވާހަކަދެއްކިއެވެ.
"އަފްރާ ދޭ ބްރޭކަށް." ދަރަކް ދާހިތްނުވެފައި އިނދެ ބުންޏެވެ.
"ތިހެން ނުހަދާ. މިހާއިރު މި މަޑުކުރީ ދަރަކްއާއެކީ ދާންވެގެން. ހިނގާބަލަ... މަ ދީވެސް ފާނަން." އަފްރާހު ބުންޏެވެ.
އަފްރާހު ދުރަށް ނުގޮސްގެން ދަރަކް ތެދުވިއެވެ. މެންދުރުގެ ކާން އަފްރާހު ބޭނުންވީތީ އޭނާ ކަނޑައެޅި ކެފޭއަށް ދަރަކް ދިޔައީ ވެސް އަފްރާހުގެ ސައިކަލު ފަހަތުގައެވެ. އޭނާ އަފްރާހާ ބައިވެރިވީ ނަމަވެސް އެއްޗެއް ކާކަށް ބޭނުމެއްނުވިއެވެ. އެހެންވެ އަފްރާހު ކަންދެން ދަރަކް ގެނުވީ ކަޅުކޮފީއެކެވެ.
"އަދިވެސް ހުރިހާކަމެއް ހަމައަކަށް ނޭޅެނީތަ؟." އަފްރާހު އަހާލިއެވެ.
"ލައިލީ އަދިވެސް ނާދޭ ގެއަކަށް." ދަރަކް ބުންޏެވެ.
"ތިހާވަރަށް ހާސްނުވެބަލަ. ލައިލީއާއެއްކޮށް ދިރިއުޅުން ވޯކްނުކޮށްފިއްޔާ އެހެން ގޮތްތައް ވެސް އޮންނާނެއެއްނު. ދަރަކް އަދިވެސް ނުލާހިކު ޒުވާން. އަނެއްކާ ރީތި ސިފައެއް ލިބިފައި ހުރިއިރު ކަންބޮޑުވާންވީ ކޮންކަމަކާ." އަފްރާހު ހިނިގަނޑެއް ޖަހާލިއެވެ. އެއީ އޭނާ ސަމާސާއަކަށް ބުނި އެއްޗެއް ކަމެއް ނޫނީ އޭނާގެ ވިސްނުން ހުރި ގޮތްކަމެއް ދެނެގަތުން ދަރަކްއަށް ދަތިވިއެވެ. އެހެންވިޔަސް ދަރަކްއަށް އެ ވާހަކަތަކުން ދޭހަވީ އޭނާއާއި ލައިލީއާ ދެމެދުގައި އޮތް ގުޅުން ކެނޑިގެންދާނޭކަމަށް އަފްރާހު ނިންމައިގެން ހުރީ ކަމުގައެވެ. އެ ވިސްނުންދެކެ ވެސް ދަރަކްއަށް ރުޅިއާދެވުނެވެ.
"ލައިލީއާ އަހަންނާ ވަކިވީމަ އޭނާއާ ދިމާކުރަން ވިސްނައިގެންތަ ތިހުންނަނީ. އަހަރެން އަދިވެސް އެކަން މަތިން ހަނދާނެއްނުނެތޭ." ދަރަކްގެ އަޑުގައި ހިސާބެއްގެ ނުރުހުންވިއެވެ.
"ކަމޯން މޭން. އެކަން އެޔޮތީ ނިމިފައެއްނު. އަހަރެން ލައިލީ ކައިރިން މަޢާފަށް ވެސް އެދުނިން. އެކަމުގެ ބަދަލުގައި އަހަރެން ލައިލީއަށް ހުރިހާކަމެއްގައި އެހީތެރިވީ ވެސް." އަފްރާހު ވަގުތުން ބުންޏެވެ.
"އަހަންނަކަށް އެހާ ފަސޭހައިން އެކަން ނިންމައެއް ނުލެވޭނެ. މީހަކު ބުނެގެން ވެސް ލައިލީއާ އެފަދަ ގޮތަކަށް ދިމާކުރިއިރު އެއީ އަހަރެންގެ އަނބިމީހާކަން އަފްރާއަށް އެނގެއެއްނު. އަނެއްކާ ކަލޭ ވެސް ތިއުޅެނީ މީހަކާ އިނދެގެން. ދަރީން ވެސް އެބަތިބި. އެންމެ ކައިރީގައި އުޅޭ އެކުވެރިޔާގެ އަނބިމީހާއާ ދިމާކުރަން ކެރުނުކަން. ކީއްވެ... ކީކޭ ހިތަށް އަރައިގެން ކުރިކަމެއް އެއީ." ދަރަކްއަށް ބުނެވުނީ ހަރުކަށިކޮށެވެ. ލައިލީއާ ވަކިން އުޅޭން ޖެހުމުގެ ސަބަބުން ދަރަކްގެ ޠަބީޢަތަށް ވެސް ވަނީ އެކަމުން ނުބައި އަސަރުތަކެއް ކޮށްފައެވެ. އެހާ އަވަހަށް އޭނާއަށް ރުޅިއާދެވުނީ އެހެންވެއެވެ.
"ދަރަކް ހަމަޖެހިބަލަ." އަފްރާހަށް ބުނެވުނެވެ.
"އެނގޭތަ ސަމައިރާއަކީ އެމްޑީގެ ޢާއިލާ ކުއްޖެއްކަން. އޭނާގެ އެއްބަނޑުއެއްބަފާ މީހެއްގެ ދަރިއެއް. އެމްޑީއަށް ކަލޭމެންގެ ކަންތައް އެނގިއްޖެއްޔާ ވާނެގޮތް އެނގޭ ދޯ." ދަރަކް ބުންޏެވެ. އަފްރާހު ހާސްވެގެން ދެ ލޯ ބޮޑުކޮށްލިއެވެ. ދަރަކްއަކީ ރުޅިގަދަ މީހެއްނޫނެވެ. އެހެންނަމަވެސް އޭނާ އެ ދިނީ އިންޒާރެއްކަން އަފްރާހަށް އިޙްސާސްވިއެވެ.
"އަހަރެން ލައިލީއަށް ކަމެއްނުކުރަމޭ ބުނީމެންނު. އަކިޔަލް... އޭނާ އެ ދުވަހު އެ ވާހަކަ ދެއްކީ ނިކަން ކަންބޮޑުކޮށްފައި. ދަރަކް. އެއީ އަހަރެން ސީރިއަސްކޮށް ކުރިކަމެއްނޫނޭ. އިޓްސް އަ މިސްއަންޑަސްޓޭންޑިން. އަހަރެން ލައިލީއަށް އެޕްރޯޗު ކުރުމުގެ ވިސްނުމެއް ނުގެންގުޅޭން. ސޮރީ މޭން. ޕްލީޒް. ދެން މަޢާފްކޮށްބަލަ. އެކަން އަނބުރާ ގެންދެވެންޏާ އަހަރެން އެކަން ވެސް ކުރީމުސް." އަފްރާހު ބުންޏެވެ.
"ދުވަހަކުވެސް ލައިލީއާ ދިމާއަށް ބަލައިލައިގެން ނުވާނެ." ދަރަކް ބުންޏެވެ.
"އޮފްކޯޒް. ދަރަކް... ސަމައިރާ..." އަފްރާހުގެ އަޑުގައި އަޅައިގަތުމެއް ހުއްޓެވެ.
"އަހަރެންގެ ދިރިއުޅުމުގެ ތެރެއަށް ނުވަންނަންޏާ އަހަންނަށް ވަރިހަމަ ކޮންމެ މީހަކު ކޮންމެ ގޮތަކަށް އުޅުނަސް. އަހަރެން ނޫޅެން މީހުންގެ ދިރިއުޅުމާ ނުކުޅެވިގެންނެއް." ފަރުވާކުޑަ ރާގެއްގައި ދަރަކް ބުންޏެވެ.
"ތޭންކްސް މޭން. އެކަމަކު އަސްލު ދަރަކް އަހަންނާމެދު ތިހާ ހާސްވެ ރުޅިއައިއިރު. އަހަންނަށްވުރެ މާނުރައްކާތެރި މީހަކު ލައިލީ ކައިރީ ވިއްދާފައި ހުރިކަން އެނގޭތަ؟." އަފްރާހު ބުންޏެވެ. ދަރަކް އެ ބުނި އެއްޗެއް ސާފުވިއެވެ. އެއީ ކާކުކަން އޭނާއަށް އެނގެއެވެ. އެހިނދު ދަރަކްގެ މޫނަށް އަރާފޭބީ އަސަރުތައް އަފްރާހު ވެސް ދުށްޓެވެ.
"ހޭ. އަހަރެން އެހެން ބުނީ ތިހާ ޑިޕްރެސްވާނެކަމަކަށްނޫން. ދަރަކް ދެވަނަ ނަޒާނަށް ނުވާތި. ދަރަކް ގޮސްފިއްޔާ އަހަރެން ބޯގޮވާނެ. މަސައްކަތްތައް ގިނަވެގެން އަވަހަކަށް ގެއަކަށް ވެސް ނުދެވޭނެ." އަފްރާހުގެ ވާހަކައިން ދަރަކްގެ ޠަބީޢަތް ބަދަލުވިއެވެ. ރުޅިގަނޑު ފިލާ ކުޑަކޮށް ހިނިއައެވެ. ދަރަކްގެ ހާލާމެދު ހަމްދަރުދީވުމަށްވުރެ އަފްރާހުގެ އަމިއްލަ އެދުން އިސްކުރިއިރު އެއީ އޭނާގެ ގޮތްކަން ދަރަކްއަށް އެނގެއެވެ.
"ނަޒާންގެ ވާހަކަ ބުނީމަ މި ހަނދާންވީ. މިދިޔަ ވީކަންޑްގައި އޭނާއާ ދިމާވި. ވަރަށް ޗޭންޖުވެފައި ހުރީ. ޖޮބެއްގައޭ ބުނި އުޅެނީ. ދަރީންގެ ޚަރަދު ދެވޭވަރު ކުރަންވާނެނޫންހޭ ބުނީ. ވަރިކުރި އަންހެނުންނާ ދެމެދު އޮތް ގުޅުން ވެސް ރަނގަޅުވި ވާހަކަ ދެއްކި. މިހާރު ކުދީންނާ ބައްދަލުކުރަން ހުއްދަ އޮވެޔޯ. ކުދީންގެ ކަންކަމުގައި އަންހެން މީހާ ވެސް ނަޒާންގެ ޚިޔާލު ހޯދާކަމަށް ބުނި. އަހަރެން އިނީ ބުނާނެ އެއްޗެއް ނޭނގި. ހިޔެއްނުވޭ ވާހަކަދެއްކިއިރު އެއީ އަހަރެމެންނާއެކީ އުޅުނު ނަޒާނުހެނެއް. އަދިކިރިޔާ އޭނާ ބޮޑުވީ. މަށަށް ވެސް ވަރަށް ނަސޭހަތްދިން." އަފްރާހު ބުންޏެވެ. އެ ވާހަކަތައް އިވުމުން ދަރަކްގެ ތުންމައްޗަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ.
"ނަޒާންގެ ދިރިއުޅުން ހަމަޖެހުނުކަން އެނގުނީމަ ވަރަށް ހިތްހަމަޖެހިއްޖެ. ދެމަފިރިންނަށް ވިޔަސް އަނބިމީހާއާއި ފިރިމީހާއަކީ އެމީހެއްގެ ގޮތުގައި ތަފާތު ދެ މީހުން. އެކަކު ހިތުގައިވަނީ ކީކޭކަން އަނެކަކަށް އެނގޭނީ ދުލުން އެ އިޙްސާސްތައް ހާމަކުރެވިގެން. އެކަކުއަނެކަކަށް ކިޔާދެވިގެން." އަމިއްލަ ދިރިއުޅުމާމެދު ވިސްނަމުން ދަރަކް ބުންޏެވެ.
އެނބުރި އޮފީހަށް އައިސް ވެސް ދަރަކްއަށް މަސައްކަތަށް ސަމާލުކަމެއް ނުދެވުނެވެ. ޚިޔާލުތަކާއި ފިކުރުތަކުން ސިކުނޑިވަނީ ބަރުވެފައެވެ. ލައިލީއަށް ގުޅަން ހިތަށް އަރާއިރު އެ ހިތް އަނެއްފަހަރު ލައިލީ ހޯދަން ދާން ދަރަކްގެ ގާތުގައި ބުނެއެވެ. އެއާއެކު ލައިލީއަށް ވަގުތުދޭން ވީ ވަޢުދުގެ މަތިން އޭނާގެ ޟަމީރު ހަނދާންކޮށްދެއެވެ. އޮފީސް ގަޑި ހަމަވުމުން އިތުރަށް އެއް މިނެޓު ވެސް މަޑުކުރާކަށް ދަރަކް ބޭނުމެއްނުވިއެވެ. އޮފީހުން ނުކުމެގެން ސައިކަލު ޕާކުކޮށްފައި ހުރި ދިމާއަށް ދަރަކްއައެވެ. ޕާކިންޒޯންގައި ދުވާރު ކައިރީ ހުރި ހޮޅިދަނޑީގައި ލެނގިލައިގެން ހުރި އަކިޔަލް ފެނުމާއެކު ދަރަކްއަށް ލިބުނީ ސިހުމެކެވެ.
"ހެލޯ." އަކިޔަލް ހިނިތުންވުމަކާއެކު ބުނެލިއެވެ.
"މިތާ ކީއްކުރަނީ؟." ދަރަކް ވަގުތުން ސުވާލު ކުރިއެވެ. އަކިޔަލް ހުރި ގޮތުން ހީވީ އޭނާއަށް މަޑުކޮށްގެން ހުރި މީހަކު ހެންނެވެ. ދަރަކް ހަމަ ފެނުމާއެކު ކައިރިޔަށް ވެސް އަތުވެއްޖެއެވެ.
"ސައިބޯން ދާނަންތަ؟. އޮފްކޯޒް ދަރަކްގެ ޓްރީޓެއް." ސަކަ ހީނލުމަކާއެކު އަކިޔަލް ބުންޏެވެ.
"ސައިބޯށޭ... އަހަންނާއެކީ..." ދަރަކްއަށް އަހާލެވުނީ ޤަބޫލުނުކުރެވިގެންނެވެ. އަކިޔަލް ބޭނުންވެގެން އުޅެނީ ކޮންކަމެއްކަން ދަރަކްއަށް އެއްގޮތަކަށް ވެސް ނޭނގެއެވެ.
ދެ ޚިޔާލެއްގައި ހުރެ ވެސް އަކިޔަލް ބުނި ރެސްޓޯރެންޓަށް އޭނާ ގޮވައިގެން ދަރަކް އައެވެ. ބޭނުމަކަށްވީ އަކިޔަލް އޭނާ ހޯދަން އައި މަޤްޞަދެއް އޮޅުންފިލުވުމެވެ. އެކަމަކު މޭޒުދޮށުގައި އިށީން ގޮތަށް އަކިޔަލް އެއްޗިއްސަށް އޯޑަރު ދިންއިރު ހީވީ އޭނާގެ ބޭނުމަކީ ދަރަކްގެ ޚަރަދުގައި ގަދައަށް ކާލުމެވެ. އޭތި މީތި އޭނާ ގެނުވިއެވެ.
"މީ ދަރަކްއަށް. އެއްޗެއް ނުކައި ތިއިންނަނީ ކީއްވެ؟." އަކިޔަލް ހިތްހަމަޖެހޭވަރަށް ކައިގެން ދަރަކްއަށް ބަލާލިއެވެ.
"އަހަންނަށާ އެކީގައެއްނު ތިކަނީ. ބަލާލާފައި މީހަކު ހިތަކަށް ނާރާ މިހާބައިވަރު މީހަކަށް ކެވޭނެއޭ." ދަރަކް ބުންޏެވެ. އެއާއެކު އަކިޔަލް ޖަހާލީ ލުއި ހިނިގަނޑެކެވެ.
"އައި އޭމް ޔަންގް... އެހެންނޫނަސް އަހަރެން ކުރާކަމެއް ކުރާނީ އެކަމާ ވަރަށް ގަޔާވެގެން. އަހަންނަށް ކަމުދާން ޖެހޭނީ." އަކިޔަލްގެ ނަޒަރު ދަރަކްއަށް ހުއްޓާލައިގެން އިނދެ ބުންޏެވެ. ދަރަކް އެއްޗެކޭ ބުނަން އުޅެފައި ވެސް ހިމޭންވީއެވެ. އަކިޔަލްގެ ގަސްދާމެދު ސުވާލު އުފެދިފައެވެ. ކުއްލިއަކަށް ޖަޒުބާތުގައި ޖެހި އިނދެ ރައްދެއް ދިނުމަށްވުރެ ވިސްނައިގެން ވާހަކަދައްކަން ދަރަކް ސަމާލުވެލީއެވެ.
"އަހަރެން އޮފީހުން ނުކުންނަންދެންތަ ހުރީ މަޑުކޮށްގެން. ކިހިނެއް އެނގުނީ އަހަރެން އުޅޭ އޮފީހަށް އަންނަން." އަކިޔަލް ކައި ނިމިއްޖެކަން ޔަގީންވުމުން ދަރަކް ވާހަކަދެއްކިއެވެ.
"އޯ. އައި ހޭވް ދިސް." އަކިޔަލް ދައްކާލީ މޭޒުމަތިން ނެގި ފޯނެވެ. އިސްކުރީނުން ފެންނަނީ މީހަކު ހުރި ސަރަޙައްދެވެ. އެއީ އެ ރެސްޓޯރެންޓް ތެރެއެވެ.
"ޖީޕީއެސް ޑިވައިސްއެއް." ދަރަކްއަށް ބުނެވުނެވެ.
"އޭރު ސިޔާގެ ކަންތައްގަނޑުގައި ދަރަކްއަށް ފާރަލާންވެގެން އަފްރާހު ވަނީ ދަރަކްގެ ދަބަސްތެރެއަށް ޖީޕީއެސް ޑިވައިސްއެއް ލާފައި. މިހާ ދުވަސްވާއިރު ދަރަކްއަށް ނޭނގި އޮތުން ރަނގަޅެއްނުވާނެއެއްނު. އެހެންވެ..." އަކިޔަލް ބުންޏެވެ.
ދަރަކް ވަގުތުން ޖެހިގެން ހުރި ގޮނޑީގައި ބާއްވާފައި އޮތް އޭނާގެ ލެޕްޓޮޕް ދަބަސް ނެގިއެވެ. އަވަހަށް އޭގެ ތެރެ ހޯދަން ފެށިއެވެ. އަފްރާހު އެކަމެއް ކުރީ ކޮންއިރަކުކަން ދަރަކްއަށް ބުނަން އެނގެއެވެ. ދަބަހުގެ އަޑިން އޭނާއަށް އެ ކުޑަކުޑަ ޑިވައިސް ފެނުނެވެ. ވަގުތުން ނެގިގޮތަށް ނަގައި އޭތި ހަލާކުކޮށްލައިފިއެވެ.
"ލައިލީއާ ހުރިހާ ވާހަކައެއް ދައްކައިފިންތަ؟." އަކިޔަލް އަހާލިއެވެ. މިފަހަރު އޭނާގެ ހަރަކާތާއި އަޑުގައިވީ އާންމުކޮށް ފެންނަ ފަރުވާކުޑަކަމެވެ.
"އަކިޔަލްއާ ލައިލީ ވާހަކައެއް ނުދައްކާތަ؟." ދަރަކް ވެސް ކުރީ ސުވާލެވެ.
"ކަމެއްގައި ބިޒީކޮށް އުޅޭންޖެހިގެން ހޮޓެލަށް ނުދާތާ ދުވަސްތަކެއްވެއްޖެ." އަކިޔަލް ބުންޏެވެ.
"އަދި ހަމަޖެހިގެން ދެ މީހުން ވާހަކަދައްކާކަށް ފުރުޞަތެއް ނުލިބޭ." އިރުކޮޅަކު ހިމޭނުން އިނދެފައި ދަރަކް ބުންޏެވެ.
"ކީއްވެ؟." އަކިޔަލް ސީރިއަސްވެލިއެވެ.
"ކީއްވެހޭ... އެއީ... ލައިލީ އޭނާގެ މަންމަމެންގެއަށް ހިނގައްޖެ." ދަރަކް ބުނިގޮތުން ހީވީ ނުބުނަން އިނދެފައި ބުނީ ހެންނެވެ.
"އެހެން ދޯ. އޭގެ މާނައަކީ އަހަންނަށް ޗާންސް ބޮޑުވީއޭ. އައި ކެން މޭކް އަ މޫވް އޮން ހާ." ބޯއަރިކޮށް ހެވިލާފައި އަކިޔަލް ބުނެލިއެވެ. ދަރަކް ދެ ލޯ ބޮޑުކޮށްލިއެވެ. މީ ކޮންކަހަލަގެ ޒުވާނެއްބާއޭ ދަރަކް ހިތަށް އެރިއެވެ.
"އޮފްކޯޒް ނޮޓް. ނުވާނެ..." ދަރަކްއަށް ބުނެވުނީ ތަންކޮޅެއް ބާރަށެވެ. އެއާއެކު އަކިޔަލް ހޭންފަށައިފިއެވެ. ހެމުންހެމުން އޭނާ މޭޒުގައި ބޯ ވެސް ޖަހައިފިއެވެ. ދަރަކް ހައިރާންވިއެވެ.
"ވަރަށް ދުވަސްވެއްޖެ މިވަރަށް ނުހެވޭތާ. ދަރަކް. ކަލޭގެ ތިހުންނަ އަބައުގޮތް ކަނޑާލާފައި ނިކަން ގަޓުވާންވެއްޖެ." މޭޒުމަތިން ބޯ ހިއްލާލައި ދަރަކްއަށް ބަލާލަމުން އަކިޔަލް ބުންޏެވެ.
"އެޔޯ." ދަރަކްއަށް ބުނެވުނެވެ.
"އަހަރެމެން ފުރަތަމަ ބައްދަލުވީ ދުވަހު ކަލޭ ޖެލަސްވެފައި ހުރިވަރު ސާފުކޮށް ފެނުނު. އެކަމަކު ކަލޭ އެކަން ނުދައްކަން ވަރަށް މަސައްކަތްކުރި. އެކަމަކު އަހަންނަކީ އެގޮތަށް އިޙްސާސްތައް ފޮރުވާނޭ މީހެއްނޫން. އައި ވޯންޓް ހޯލްޑް ބެކް. އައި ވިލް ސެޑިއުސް ހާ." އަކިޔަލް ބުންޏެވެ.
"ނުވާނެ ތިކަމެއް. ލައިލީ ކަލެއާ ކައިރިއެއްނުވާނެ." ދަރަކް ބުނެލިއެވެ.
"އަހަރެންގެ މައްޗަށް ލައިލީ ހިތްކިޔާވަރު ކޮށްފިއްޔާ... ލައިލީ އަހަރެންދެކެ ލޯބި ހަމަ ވެދާނެ ދޯ. އެހެންވެއްޖެއްޔާ ލައިލީ ކައިރީ ދަރަކް ރޮއެ އާދޭސްކުރާނަންތަ ދޫކޮށްލާފައި ނުދާންބުނެ." އަކިޔަލް ބުންޏެވެ.
"އަހަރެން އެހާ ބަލިކަށި މީހެއްގެ ގޮތުގައި ލައިލީއަށް ސިފަކުރެވޭ ކަހަލަ ކަމެއް ކުރަންވީތަ؟." ދަރަކްއަށް ބުނެވުނެވެ.
"ފިރިހެނަކަށްވީތީ ރޮއެގެން ނުވާނޭ ބުނާހެން ދަރަކް ތިބުނަނީ. އަހަރެންގެ ނަޒަރުގައި އެންމެ ލޯބިވާ މީހާއަށް ތިމާގެ ހުރިހާ ސިފައެއް ފެންނަން ނޭދޭނަމަ އެމީހަކާއެކީ އުޅުމުގެ ބޭނުމެއްނެތް. އަންހެނަކަސް ފިރިހެނަކަސް އިޙްސާސް ކުރުމުގެ ބާރުވޭ. ރުޅިއައުމާއި ދެރަވުމާއި ރުއިމަކީ ކޮންމެ އިންސާނެއްގެ ފުށުން ވެސް ފާޅުވާނޭ ކަންކަން." އަކިޔަލް ބުންޏެވެ.
"ތި ވާހަކަތަކުގެ މަޤްޞަދަކީ ކޮބާ؟." ދަރަކް އަހާލިއެވެ.
"ދަރަކް ބަލިކަށިވާ ވަގުތު އެކަން އަނބިމީހާއަށް ދައްކަން ބޭނުންނުވަނީ އެ ސިފަތައް ފެނުމުން ލައިލީ ލޯބިވާވަރު ކުޑަވެދާނޭ ހީވާތީތަ. ނޫނީ އޭނާ ދަރަކްގެ އެ ސިފަތައް ބަލައިނުގަންނާނޭ ހީވަނީތަ؟. ލައިލީގެ އިޙްސާސްތައް ނޭނގި އޭނާގެ މައްޗަށް އެކަހަލަ ނިންމުމެއް ދަރަކް ނިންމިއިރު އެއީ ކިހާ ބޭއިންސާފު ނިންމުމެއް. އެއީތަ އަނބިމީހާއަށް ކުރާ ޤަދަރަކީ. ލޯބިވާވަރަކީ. އިނދެގެން އުޅުނަސް ދަރަކްއަށް އަމިއްލަ އަނބިމީހާގެ ހިތްވަރާއި ކެރޭކަން އަދި ނޭނގެނީ." އަކިޔަލް ބުންޏެވެ. ދަރަކް އެއްޗެކޭ ނުބުނެ އަކިޔަލްއަށް ބަލަން އިނީއެވެ. އެއާއެކު އަކިޔަލް ހިނިގަނޑެއް ޖަހާލައިފިއެވެ. ވެރިވެފައި އޮތް ސީރިއަސް މޫޑު ބަދަލުކޮށްލިއެވެ.
އަކިޔަލްގެ ހުންނަ ޖެހިލުންކުޑަކަން ދަރަކްއަށް ސިހުން ގެނުވީ ނަމަވެސް އޭނާގެ ޟަމީރު ނިންމީ އަކިޔަލްއަކީ ހަރުދަނާ ވިސްނޭ ޒުވާނެއްކަމެވެ. ވާހަކައިގެ މިސްރާބު ކޮންމެ ގޮތަކަށް ހުރިކަމުގައި ވިޔަސް އަކިޔަލް ވިޔާނުދާ މަގެއް ޚިޔާރު ނުކުރާނޭކަމުގެ ޔަގީންކަމެއް ދަރަކްގެ ހިތުގައި އޮތެވެ. އަކިޔަލްގެ ވާހަކަތަކުން އުނދަގޫވީ ނަމަވެސް ދަރަކްއަށް ރުޅިއެއް ނާދެވުނެވެ. އުމުރުން ހަގު ނަމަވެސް އަކިޔަލްގެ ފަރާތުން ދަރަކްއަށް ދަސްކުރާނޭ ފިލާވަޅުތަކެއް ލިބުނެވެ.
* * * * * *
އަކިޔަލް ހޮޓެލަށް އައީ ލައިލީއާ ސީދާ ބައްދަލުކުރާން ގަސްދުކޮށްގެންނެވެ. ލައިލީގެ ޑިއުޓީ ނިމޭ ގަޑިއަށެވެ. އޭނާއާ ލައިލީއާ ދިމާވާގޮތް ނުވީތީ އެ ދެމެދުގައި އެއްވެސް ވާހަކައެއް ދެކެވިފައެއް ނުވެއެވެ. ދެ މީހުންގެ އަތުގައި ފޯނު ނަންބަރު އޮތަސް އަކިޔަލް އިސްވެ ގުޅަން ބޭނުންނުވީ އެގޮތް ލައިލީއަށް ކަމުނުގޮސްދާނޭ ހީވާތީއެވެ. އެއްވެސް އިރަކު ދެ މީހުން އެކަކުއަނެކަކަށް ގުޅައިގެން ފޯނުކޯލުގައެއް ނުތިބޭ ވިއްޔާއެވެ.
"ލައި." ކާޑުޖަހާފައި ނުކުންނަން އައި ލައިލީއަށް އަކިޔަލް ގޮވާލިއެވެ.
"އާކި. ކިހިނެއްތަ؟. ހާދަ ދުވަސްކޮށްލާފައި... ހީކުރީ ހުއްޓާލީކަމަށް މިކޮޅަށް އައުން." ބަދަލުކޮށްލި ހިނިތުންވުމާއެކީ ލައިލީ ބުނެލިއެވެ.
"މިއައީ ލައި ބަލާ. އަހަންނާއެކީ އިރުއޮއްސޭ މަންޒަރު ބަލަން... ކެރޭނެތަ ދާން." އަކިޔަލް އަހާލިއެވެ. ލައިލީއަށް ދެ ބުމަ ކައިރިކޮށްލެވުނެވެ. އަކިޔަލް ސަމާސާއެއް ކުރަނީބާއޭ އޭނާގެ ހިތަށް އެރިއެވެ.
(ނުނިމޭ)