ލައިފްސްޓައިލް

ޖަރުމަނު މީހަކު ކިންގް ޗާލްސް އަށް ވެދުމަށް އެރުވި ކަރުދާސް ތާޖް

އިނގިރޭސި ވިލާތުގެ ރަސްކަން ލިބިވަޑައިގަތުމަށްފަހު ކިންގް ޗާލްސް ގައުމުން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި މިދިޔަ ހަފުތާގައި ޖަރުމަނަށް ވަޑައިގަތެވެ. މި ތާރީޚީ ދަތުރުފުޅުގައި ރަސްގެފާނުގެ އަރިހުގައި ކުއީން ކޮންސޯޓް ކެމީލާ ވެސް ބައިވެރިވެ ވަޑައިގަތެވެ.

މި ދަތުރުފުޅުގައި ކިންގް ޗާލްސް ޖަރުމަނުގެ ވެރިރަށް ބާލިންއަށް ވަޑައިގަތް ދުވަހު ހިނގި ވަރަށް މަޖާ ހާދިސާއެއްގެ ވީޑިއޯ ޓުވިޓާގައި މީހަކު ޝެއާ ކޮށްފައި ވެއެވެ. ވަރަށް ކުރު ކުރު މި ވީޑިއޯގައި ފެންނަނީ ކިންގް ޗާލްސް ބާލިން އަށް ވަޑައިގަން ވަގުތު އެމަނިކުފާނަށް މަރުހަބާ ކިޔަން ދެ ފަރާތުގައި އެތުރިގެން ތިބި ގިނަ އަދަދެއްގެ މީހުންނެވެ. އޭގެން ބައެއް މީހުންނާ އެމަނިކުފާނު ސަލާމް ކުރައްވަމުން ގެންދަވަނިކޮށް އެތަނުގައި ހުރި ޒުވާނަކު ކުއްލިއަކަށް ކިންގް ޗާލްސް އަށް ބާގާ ކިންގް ކަރުދާސް ތާޖެއް ދިއްކުރެ އެވެ.

"މިއީ މަނިކުފާނަށް. ބޭނުންފުޅިއްޔާ ގެންދަވާ،" ކިންގް ޗާލްސް އަރިހުގައި އެމީހާ މިހެން ދަންނަވާ އަޑު ވީޑީއޯގައި އިވެ އެވެ.

ނަމަވެސް އިނގިރޭސި ރަސްގެފާނު މި ކަރުދާސް ތާޖް ގަބޫލެއް ނުކުރެއްވި އެވެ. ވަރަށް އަދަބު އިހްތިރާމާއެކު އެމަނިކުފާނު ވިދާޅުވީ އެތާޖު އެމަނިކުފާނަށް ނުދެއްވިޔަސް އެންމެ ރަނގަޅު ކަމަށެވެ.

މި ވަގުތު ކިންގް ޗާލްސް ކަންތައް ކުރެއްވި ގޮތުން ޝާހީ އާއިލާގެ ކަންކަން ބަލާ ހޯދާ ގިނަ ބަޔަކު ވަނީ އެމަނިކުފާނަށް ވަރަށް ތައުރީފުކޮށްފަ އެވެ. ރުޅި އިސް ނުކުރައްވާ ވަރަށް އާދައިގެ ގޮތަކަށް މިކަން ނެންގެވީމަ އެވެ.

ކިންގް ޗާލްސް އަށާއި ކުއީން ކޮންސޯޓް އަށް ޖަރުމަނުން ވަނީ ރަތްދޫލައިގެ ހޫނު މަރުހަބާއެއް ކިޔާފަ އެވެ. އަދި އެމަނިކުފާނުގެ އިސްތިގްބާލުގައި އެއާޕޯޓުގައިވެސް ވަރަށް ކުލަގަދަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައި ވެއެވެ. އެމަނިކުފާނާށް މަރުހަބާ ދެންނެވުމަށް ޖަރުމަނުގެ ރައީސް އާއި އަނބިކަނބަލުން އެއާޕޯޓަށް ވަޑައިގެން ތިއްބެވި އެވެ. އަދި ފަހުން އެމަނިކުފާނުގެ ޝަރަފުގައި ބޭއްވި ފަރިއްކޮޅެއްގައި ކިންގް ޗާލްސް ވަނީ ޖަރުމަނު ބަހުން ދެތިން ޖުމްލައެއް ވިދާޅުވެ ޖަރުމަނު މީހުންގެ ހިތްތަކަށް އުފާވެރިކަން ގެނެސްދެއްވާފަ އެވެ. އަދި އެމަނިކުފާނުގެ ވާހަކަފުޅުގައި ޖެއްސެވި މަޖާ ޖޯކުތަކަށް އެންމެ ވަރަށް ހީނ މަޖާ ކޮށްފައި ވެއެވެ.

ޖަރުމަނު މީހުންގެ ދީލަތި މަރުހަބާއަށް ކިންގް ޗާލްސް ޝުކުރު އަދާކުރައްވައި އަދި ޔޫކްރޭނުގެ އެއް މިލިއަން ރެފިއުޖީންނަށް ޖަރުމަނުގައި ދިރިއުޅެވޭނެ މަގު ފަހިކޮށްދީފައިވާތީ މިކަމަށްވެސް ކިންގް ޗާލްސް ޝުކުރު އަދާ ކުރެއްވި އެވެ.