މީނާ ކުމާރީ އަކީ ވަރަށް ހުނަރުވެރި ބަތަލާއެއްކަން "ޕާކީޒާ" އާއި "ސާހިބް ބީވީ އައުރު ގުލާމް" ފަދަ ފިލްމުތަކުން ސާބިތުކޮށްދީފައި ވެއެވެ. މޮޅު އެކްޓިންގެ އިތުރުން މީނާ ކުމާރީގެ ކުރު ހަޔާތުގައި އޭނާ ދިރިއުޅުނު ގޮތުން ވެސް ގިނަ ބައެއްގެ ސަމާލުކަން އޭނާ އަށް ލިބުނެވެ.
މީގެ ތެރެއިން އެއް ކަމަކީ ކެމެރާއަށް އޭނާގެ ވާއަތް ފޮރުވައިގެން އުޅުމެވެ. މީނާ ކުމާރީގެ އެއްވެސް ފިލްމެއްގައި އޭނާ ވާއަތް ނުދައްކާނެ އެވެ. އަބަދުވެސް ޝޮޓްތައް ނަގާފައި ހުންނާނީ އެ އަތް ފޮރުވޭ ކަހަލަ އެންގަލް ތަކުންނެވެ.
މީނާ ކުމާރީ މިގޮތަށް ކަންތައް ކުރާ ސަބަބު ހާމަކުރީ އޭނާގެ ދޮން ދަރިފުޅު ތާޖްދާރް އަމްރޯހީ އެވެ. ތާޖްދާރް އަކީ މީނާ ކުމާރީ ކައިވެނި ކުރި ކުޅަދާނަ ޑައިރެކްޓަރު ކަމާލް އަމްރޯހީއަށް އެހެން ބަނޑަށް ލިބިފައި ހުރި ދަރިއެކެވެ. ތާޖްދާރް ބުނެފައިވާ ގޮތުގައި އޭނާގެ ޗޯޓީ އައްމީ (ދޮންމަންމަ) ވާއަތް ފޮރުވައިގެން އުޅެނީ އޭނާގެ ވާއަތުގެ ކުޑަ އިނގިއްޔަށް އަނިޔާވެ އައިބުވެފައިވާތީ ކަމަށެވެ. އޭނާ ވާއަތް ފޮރުވަނީ އެ އިނގިލި ފެނިދާނެތީ އެވެ.
ތާޖްދާރް ކިޔައިދިން ގޮތުގައި 1951 ވަނަ އަހަރުގެ މޭ 21 ވަނަ ދުވަހު މީނާ ކުމާރީ މަހާބްލޭޝްވަރު އިން މުމްބައި އަށް ދަތުރުކުރަނިކޮށް އޭނާގެ ދުއްވި ކާރު އެކްސިޑެންޓެއް ވި އެވެ. މިއީ ވަރަށް ބޮޑު އެކްސިޑެންޓެއް ކަމަށާއި އެކްސިޑެންޓްގެ ސަބަބުން ލިބުނު އަނިޔާތަކަށް ފަރުވާ އަށް މީނާ ކުމާރީ އެތައް ދުވަހެއް ވަންދެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮތް ކަމަށެވެ.
މީނާ ކުމާރުގެ ވާތު ކުޑަ އިނގިއްޔަށް އަނިޔާވީ މި އެކްސިޑެންޓްގައި ކަމަށާއި އިނގިލި ފަސޭހަވިއިރު ވަރަށް ބޮޑަށް ކުރުގެޅި އައިބުވެފައި ހުރުމުން އޭގެ ފަހުން ފިލްމުތަކުގައި އެ އަތް ނުފެންނަ ގޮތް ހަދަނީ ކަމަށެވެ.
މީނާ ކުމާރީ އަކީ ވަރަށް ގޮތެއްގައި ހުންނަ އަންހެނެއް ވެސް މެއެވެ. އެއް ފަހަރަކު އޭނާ މަސައްކަތް ކުރި ފިލްމެއްގެ ޑައިރެކްޓަރު ފިލްމު ސެޓުގައި މީނާ ކުމާރީގެ ގައިގައި އޭނާ ހިތްހަމަނުޖެހޭ ގޮތަކަށް އަތްލުމުން އެ ޑައިރެކްޓަރުގެ މޫނުގައި އެތި ފަހަރެއް ޖެހި ވާހަކައަކީ ވަރަށް މަޝްހޫޜު ވާހަކަ އެކެވެ.
މިކަމުގެ ބަދަލު ޑައިރެކްޓަރު ހިފީ ވަރަށް މޮޅަށެވެ. ފިލްމުގެ އެކްޓަރު ލައްވާ މީނާ ކުމާރީގެ މޫނުގައި ޖަހާ މަންޒަރެއް ޝޫޓް ކުރުވައިގެންނެވެ. އަދި މި މަންޒަރު އެއް ފަހަރުން ރަނގަޅަށް ނެގުނު ކަމަކަށް ވެސް އޭނާ ނުހެދި އެވެ. އެންމެ ފަހުން އެ ޝޮޓް އޯކޭ ކަމަށް އޭނާ ނިންމީ 31 ފަހަރު އެކްޓަރު ލައްވާ މީނާގެ މޫނުގައި ޖަހުވާފަ އެވެ. މި މަންޒަރު ޝޫޓްކުރުމަށްފަހު އެނބުރި ކޮޓަރިއަށް ގޮސް ވަރަށް ގިނައިރު ވަންދެން މީނާ ކުމާރީ ރުއި ކަމަށް ވެއެވެ.