ދުނިޔެ

ބުރުގާ ނާޅާ އުޅޭ ނަމަ ދައުވާކުރާނަން: އީރާން

އީރާންގެ ރައްޔިތުން އަމަލުކުރަން ގާނޫނުގައި ބުނެފައި އޮންނަ މާއްދާތަކާ ޚިލާފުވާ ކޮންމެ މީހަކާ މެދު ރަހުމެއް ނެތި ދައުވާކުރާނެ ކަމަށް ޝަރުއީ ދާއިރާގެ ވެރިޔާ، ޣުލާމް ހުސައިން މުހުސިނީ އީޖީ ވިދާޅުވެއްޖެ އެވެ.

ޣުލާމް ހުސައިން ވިދާޅުވި ގޮތުގައި ބުރުގާ ނާޅައި އާންމު ތަންތަނުގައި އުޅޭ އަންހެނުންނާ މެދުވެސް އަމަލުކުރަން އޮތީ ހަރުކަށި އުސޫލުތަކެކެވެ.

އިންޒާރަކާ ނުލައި އަދި ކުރިއާލައި ނަސޭހަތް ދިނުމެއްވެސް ނެތި އެފަދަ މީހުންނާ މެދު ޝަރީއަތް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަރުއީ ދާއިރާގެ ވެރިޔާ މި މޭރުމުން ވާހަަކަދެއްކެވި ސަބަބަކީ އީރާންގައި އަންހެނުން ހެދުން އަޅަން ޖެހޭ ގަވާއިދު ދޫކޮށްލައި އާންމު ތަންތަނުގައި ބުރުގާ ނާޅާ އުޅޭ އަންހެނުން ގިނަވުމެވެ.

ރެސްޓޯރަންޓްތަކާއި އަދި ގިނަ ބަޔަކު އެއްވެ އުޅޭ ވިޔަފާރި މާރުކޭޓުތަކުގައި ބުރުގާ ނާޅާ އަންހެނުންގެ އަދަދު މި ފަހުން ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

ބުރުގާ ނާޅާ އުޅުމަކީ އީރާންގެ ވަންތަކަން ގެއްލިގެންދާނެ ކަމެއް ކަމަށް ޣުލާމް ހުސައިން ވިދާޅުވި އެވެ. އެއީ ގައުމާ ދުޝްމަންވުން ފަދަ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އާންމު ތަންތަނުގައި އަޚުލާގީ މިންގަނޑު ދެމެހެއްޓުމަށް އަމަން ބަލަހައްޓާ އޮފިސަރުންނަށް އަންގަވާނެ ކަމަށްވެސް ޝަރުއީ ދާއިރާގެ ވެރިޔާ ވިދާޅުވި އެވެ.

ޣުލާމް ހުސައިން މި ފަދަ އިބާރާތްތަކުން ވާހަކަދެއްކެވިއިރު، ބުރުގާ ނާޅާ އުޅާ އަންހެނުންނާ މެދު އަމަލުކުރަން އޮންނަ އުސޫލުތައް ހަރުކަށި ކުރުމާ ބެހޭ ގޮތުންވެސް ވަޒީރުންގެ މެދުގައި ވަނީ ބަހުސްކުރެވިފަ އެވެ. އަދި އެކަމަށް މަގުފަހިކުރުވާ ޚުލާސާ ބިލްތަކެއްވެސް ވަނީ ބަހުސާ ހަމައިގަ އެވެ.

އީރާންގައި މިފަހުން ސަރުކާރާ ދެކޮޅަށް ހިނގާދިޔާ ހާދިސާތަކަށް ފަހު މަދަނީ ބަސްނޭހުން ވަނީ އިތުރުވެފަ އެވެ. ސަރުކާރަށް ޖެއްސުންކުރުމަށް އަންހެނުން ބުރުގާ ނަގައި އަންދައި އަދި ބޮލުގެ އިސްތަށިގަޑު ހާމަކޮށް ސޯޝަލް މީޑިއާގައި ވަނީ ކުޅިވަރަކަށް ހަދާފަ އެވެ.

އީރާނަށް މިފަދަ ބީރައްޓެހި ސިފަތައް އެތެރެކޮށްފައިވަނީ ނުބައި ފިކުރެއްގެ ބަޔަކު ގައުމުގެ ދުޝްމަނުންނާ ގުޅިގެން ކަމަށް ސަރުކާރުން ބުނެ އެވެ. އެ މީހުންގެ ބޭނުމަކީ އީރާންގައި ދެމެހެއްޓިފައި އޮތް ހަމަޖެހުން ފޫއަޅުވާލައި ހުޅަނގުގެ ހަމައެއް ލަމައެއް ނެތް އާދަތައް އީރާންގެ ތެރެއަށް ވެއްދުން ކަމަށްވެސް ސަރުކާރުން ވަނީ ބުނެފަ އެވެ.