ރިޔާޒް ރަޝީދު

އެމްއެމްޕީއާރްސީއާއެކު ވިޔަފާރީގެ މުއާމަލާތެއް ނުކުރަން: ރިޔާޒު

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އާއެކު އެއްވެސް ވިޔަފާރީގެ މުއާމަލާތެއް ހިނގާފައި ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލުފުށި ދާއިރާގެ މެމްބަރު އަދި ޕީޕީއެމް ޕީޖީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރު ރިޔާޒު ރަޝީދު ވިދާޅުވެއްޖެ އެވެ.

ރިޔާޒް މިހެން ވިދާޅުވީ ސޯޝަލް މީޑިއާއާއި ރާއްޖޭގެ ބައެއް މީޑިއާތަކުގައި އެމްއެމްޕީއާރްސީ އިން 300،000 ޑޮލަރު ރިޔާޒުގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް ބުނެ ފެތުރި ވާހަކަތަކާ ގުޅިގެނެވެ.

އެވާހަކަތައް ދޮގުކޮށް ރިޔާޒް މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެމްއެމްޕީއާރްސީ އިން 300،000 ޑޮލަރު އޭނާގެ އެކައުންޓައް ޖަމާކުރި ކަމަށް ފެތުރެމުން އަންނަ ވާހަކަތަކަކީ ދޮގެއް ކަމަށާއި އެކަމަކީ ރިޔާޒް އާއި އެއްވެސް ގުޅުމެއް އޮތް ކަމެއް ނޫން ކަމަށެވެ.

"... އަޅުގަނޑު އެމްއެމްޕީއާރްސީ އާއިއެކު އެއްވެސް މުއާމަލާތެއް ހިނގައިފައެއް ނުވާނެ. އަދި މީޑިއާތަކުގައި މިކަމާ ގުޅޭގޮތުން ދައުރުވާ ފޮޓޯތަކަކީ ވެސް އަޅުގަނޑުގެ ވިޔަފާރިޔާ އެއްވެސް ގުޅުމެއް ހުރި ފޮޓޯ އެއް ވެސް ނޫން،" އެ ބަޔާނުގައި ބުނެއެވެ.