ހަބަރު

އެސްއޯއެފްއިން ލިބުނު ހައްގު ނޫން ފައިސާއެއް ނުހުންނާނެ: ރިޔާޒު

އެމްއެމްޕީއާރްސީގެ ހިޔާނާތުގައި އެންމެ ބޮޑަށް ޝާމިލްވާ އެސްއޯއެފް ކުންފުނިން ލިބުނު ހައްގު ނޫން ފައިސާއެއް ނުހުންނާނެ ކަމަށް ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ވިދާޅުވެއްޖެ އެވެ.

ރިޔާޒު އެހެން ވިދާޅުވީ، މިއަދު އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީއިން އާންމުކުރި އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ރިޕޯޓުގައި އެސްއޯއެފްއިން ފައިސާ ޖަމާކުރި އެކައުންޓްތަކުގެ ތެރޭގައި ރިޔާޒުގެ ނަން ހިމެނިފައިވަނިކޮށެވެ. ރަށްތައް ވިއްކައިގެން އެމްއެމްޕީއާރްސީއަށް ލިބުނު ފައިސާ އެސްއޯއެފްއަށް ޖަމާކޮށްފައިވާއިރު އޭގެ ބައެއް އަމިއްލަ މީހުންގެ އެކައުންޓްތަކަށް ޖަމާކޮށްފައިވެ އެވެ.

އެ ފައިސާ ޖަމާވި ފަރާތްތަކުގެ އެކައުންޓްތަކުގެ ތެރޭގައި، ރައީސް އަބްދުﷲ ޔާމީންއާ އަރިސް، ރިޔާޒުގެ އެކައުންޓް ވެސް ހިމެނެ އެވެ. ރިޕޯޓްގައި ވަނީ ރިޔާޒު ރަޝީދުގެ އަމިއްލަ އެކައުންޓަށް 424،255 ޑޮލަރު ޖަމާކޮށްފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން ރިޔާޒު މިއަދު އާންމު ކުރެއްވި ބަޔާނެއްގައި ވިދާޅުވީ، އޭނާގެ ކުންފުންޏެއް ކަމަށްވާ މެރީޑިއަމް ސާވިސަސް އާއި އެސްއޯއެފްއާ ދެމެދު ހިނގައިދިޔަ ވިޔަފާރި މުއާމަލާތެއްގައި އެސްއޯއެފްއިން މެރީޑިއަމް ސާވިސަސްއަށް ލިބެންޖެހޭ ޕޭމަންޓެއް، އޭނާގެ ބޭންކް އެކައުންޓަށް ޑިޕޮސިޓްކޮށްފައިވާ ކަމަށެވެ.

އެ ފައިސާ އޭނާގެ އެކައުންޓަށް ޑިޕޮސިޓް ކުރަންޖެހުނީ އެވަގުތު މެރީޑިއަމް ސާވިސަސްގެ އެކައުންޓް ފްރީޒްކޮށްފައިވާތީ ކަމަށް ރިޔާޒު ވިދާޅުވި އެވެ. އެސްއޯއެފްއިން މެރީޑިއަމް ސާވިސަސްއަށް ދޭންޖެހޭ ފައިސާ އޭނާގެ އެކައުންޓަށް ޗެކަކުން ޖަމާކުރުމުން، އެ ފައިސާ އޭނާގެ އެކައުންޓަށް ރިއަލައިޒްވުމާއެކު، މެރީޑިއަމް ސާވިސަސްގެ އެހެން ބޭންކެއްގެ އެކައުންޓަކަށް އެ އަދަދު ވާނީ ޗެކަކުން ޖަމާކޮށްފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި ވާހަކަތަކަކީ އެންޓި ކޮރަޕްޝަން ކޮމިޝަންގެ ތަހުގީގުގައިވެސް އަޅުގަނޑު ކިޔައިދީފައިވާ ވާހަކަތަކެއްކަމުގައިވާތީ އާއި، މި މުއާމަލާތްތައް މިގޮތުގައި ހިނގައިފާވާކަން އެނގެން އޮތްއިރު، އެސްއޯއެފްއިން އެއްވެސް ގާނޫނީ ސަބަބެއް ނެތި އަޅުގަނޑުގެ އެކައުންޓަށް ފައިސާ ޖަމައަކޮށްފައިވާކަމަށް ދައްކުވައި މައުލޫމާތު ފެތުރުމަކީ ކަމުގެ ހަގީގަތް އޮޅުވާލުމުގެ ގޮތުން ކުރެވޭ ކަމެއްކަން ފާހަގަ ކުރަން، އަދި ދައުލަތުގެ އިދާރާތަކުން މައުލޫމާތު ފަތުރުމުގައި ޒިންމާދާރުވެރި ކަމުގެ
ހަގީގަތްތައް ނޯޅޭނެ ގޮތަކަށް ކަންކަން ތަރުތީބު ކުރުމަކީ އެ އިދާރާތަކުން ކުރަންޖެހޭނެ ކަމެއް،" ރިޔާޒުގެ ބަޔާނުގައިވެ އެވެ.

ރިޔާޒު ވިދާޅުވީ އޭނާއަށް ނިސްބަތް ކުރެވޭ އެއްވެސް ބަޔަކަށް ނުވަތަ ކުންފުންޏަކަށް ވިޔަސް އެސްއޯއެފްއިން ލިބުނު ހައްގު ނޫން ފައިސާއެއް ނުހުންނާނެ ކަމަށެވެ. އަދި ގާނޫނާއި ހިލާފު އެއްވެސް އަމަލެއްގައި އޭނާ ބައިވެރިވެފައިނުވާނެ ކަމަށެވެ.