ރައީސް އޮފީސް

ޗައިނާގެ ސީއައިޑީސީއޭގެ ވައިސް ޗެއާމަން، ފައިސަލްގެ އަރިހަށް

Apr 2, 2023

ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް ކޯޕަރޭޝަން އޭޖެންސީ (ސީއައިޑީސީއޭ)ގެ ވައިސް ޗެއާމަން ޑަން ބޮކިން ރާއްޖޭގެ ނައިބް ރައީސް ފައިސަލް ނަސީމާ ބައްދަލުކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ކުރިއަށް ދިޔަ މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ރާއްޖެއާ ޗައިނާގެ 50 އަހަރުވީ ބަދަހި ގުޅުމާ ގުޅޭގޮތުން ވާހަކަފުޅުދައްކަވާފަ އެވެ. އަދި ފާއިތުވެ ދިޔަ ދުވަސްތަކުގައި ދެ ގައުމުގެ ގުޅުންބަދަހިވެ، ވެވިފައިވާ އެއްބަސްވުންތަކާ ގުޅޭ ގޮތުންވެސް ވާހަކަދެއްކެވި އެވެ.

ނައިބް ރައީސް ފައިސަލްގެ ވާހަކަފުޅުގައި ރާއްޖޭގެ އިޖުތިމާއީ އިގްތިސާދީ ކުރިއެރުމަށް ޗައިނާއިން ވަރަށް ބޮޑަށް އެހީތެރިވެދެއްވާފައިވާކަން ފާހަގަކުރެއްވި އެވެ. އަދި ފާއިތުވެ ދިޔަ އަހަރުތަކުން ފެށިގެން ދެ ގައުމުގެ ދެމެދުގައި އޮތް ބަދަހި ރަޙުމަތްތެރިކަމުގެ ގުޅުން ކުރިއަށް އޮތްތަނުގައިވެސް އެގޮތުގައި ދަމަހައްޓާނެ ކަމުގައި ވިދާޅުވި އެވެ. މީގެ އިތުރުން ފަތުރުވެރިކަމާއި ސިއްހީ ހިދުމަތްތަކާއި އުމުރާނީ ތަރައްގީގެ އިތުރުން، މޫސުމީ ބަދަލުތަކާ ގުޅިގެން ފިޔަވަޅުތައް އެޅުމާއި، މޫސުމީ ބަދަލުތަކަށް ހޭނުމާއި، އެނޫންވެސް މުހިއްމު ދާއިރާތަކުން ގުޅިގެން މަސައްކަތް ކުރުމަށް ދެ ބޭފުޅުން ފުޅާދާއިރާއެއްގައި މަޝްވަރާކުރައްވާފައިވެ އެވެ.

މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވަމުން އަންނަ ނުރައްކާތަކުން އަރައިގަތުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކުގައި، ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުން ބޭނުންވާ ކަމަށްވެސް ނައިބް ރައީސް ފައިސަލް ދެންނެވި އެވެ. އަދި ވިލުންވެެރި މުޖުތަމައެއް ބިނާކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތުގައި ހާއްސަ ގޮތެއްގައި ބޭނުންވަނީ މާލީ އެހީ ކަމުގައިވެސް ވިދާޅުވި އެވެ.

ނައިބް ރައީސްއާއި ސީއައިޑީސީއޭގެ ވައިސް ޗެއާމަންގެ މިބައްދަލުކުރެއްވުން ނިންމަވާލެއްވީ ރާއްޖެއާ ޗައިނާގެ މެދުގައި އޮތް ގާތް ރަހްމަތްތެރިކަމުގެ ގުޅުން، ކުރިއަށް އޮތް ތަނުގައިވެސް އިތުރަށް ބަދަހިކުރުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވަމުންނެވެ.