ދިވެހި ރާއްޖެއާ ޗައިނާގެ ގުޅުން

ޗައިނާ އާއި ރާއްޖެ އެއްބަސްވުންތަކެއްގައި ސޮއިކޮށްފި

ރާއްޖެ އާއި ޗައިނާ އާއި ދެމެދު މުހިއްމު އެއްބަސްވުންތަކެއްގައި މިއަދު ސޮއިކޮށްފި އެވެ.

މި އެއްބަސްވުންތަކުގައި ސޮއި ކުރީ މިއަދު ފޮރިން މިނިސްޓްރީގައި މިކަމަށްޓަކައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

ރާއްޖޭގެ ފަރާތުން މި ރަސްމިއްޔާތުގައި އިސްކޮށް ހުންނެވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. ޗައިނާގެ ފަރާތުން މި ރަސްމިއްޔާތުގައި އިސްކޮށް ހުންނެވީ މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް ކޯޕަރޭޝަން އޭޖެންސީ (ސީއައިޑީސީއޭ)ގެ ވައިސް ޗެއާމަން ޑަން ބޮކިން އެވެ.

މި އެއްބަސްވުންތަކަކީ 2023 އިން 2025 އަށް ރާއްޖެ ޗައިނާގެ ތަރައްގީގެ ގުޅުން ބަދަހިކުރަން މަސައްކަތްކުރާނެ ގޮތްތަކުގެ މައްޗަށް އެކުލަވާލެވިފައިވާ އެއްބަސްވުންތަކެކެވެ.

ޗައިނާ އާއި ރާއްޖެ އާއި ދެމެދު މިއަދު ސޮއި ކުރެވުނު އެންމެ މައިގަނޑު އެއްބަސްވުމަކީ 2023 އިން 2025 އަށް ދެ ގައުމުގެ ދެމެދުގައި ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޕްލޭނެއް އެކުލަވާލާނެ ގޮތުގެ އެއްބަސްވުމެކެވެ. މި އެއްބަސްވުމުގެ ދަށުން ހަތަރު ދާއިރާއަކަށް ތަރައްގީގެ އެހީ ހޯދުމަށް އަމާޒު ކޮށްފައިވެ އެވެ. އެއީ ދެކުނުން ދެރަށަކާއި އުތުރުން ދެރަށެއް ހިމެނޭ ގޮތުންނެވެ. އެގޮތުން އުތުރު ހއ. ދިއްދޫ އާއި ރ. އަލިފުށި އަދި ދެކުނު ދ. ކުޑަހުވަދޫ އާއި ގއ. ވިލިގިނލީގައި ރީޖަނަލް ހޮސްޕިޓަލްތައް އެޅުމަށް ފީޒިބިލިޓީ ސްޓަޑީތަކެއް ހެދުމަށް ކުރެވުނު އެއްބަސްވުމަކާއި ޗައިނާގެ އެހީގެ ދަށުން ބިނާކޮށްފައިވާ ދާރުލް އާސާރާއި ލައިބްރަރީ މަރާމާތު ކުރުމުގެ އެއްބަސްވުމަކާއި އަދި ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް މަރާމާތު ކުރުމުގެ އެއްބަސްވުމެއް ހިމެނެ އެވެ.

2023 އިން 2025 އަށް ޗައިނާ ރާއްޖޭގެ ތަރައްގީގެ އެހީގެ ޕްލޭން އެއްބަސްވުމުގައި ސޮއި ކުރެއްވީ ފޮރިން ސެކްރެޓަރީ އަހްމަދު ލަތީފް އެވެ. ރީޖަނަލް ހޮސްޕިޓަލް އެޅުމަށް ފީޒިބިލިޓީ ސްޓަޑީ ހެދުމަށް މިނިސްޓާ އޮފް ސްޓޭޓް ފޯ ހެލްތް، އަހްމަދު އާދިލް ސޮއި ކުރެއްވި އިރު ދާރުލް އާސާރު އަދި ލައިބްރަރީ މަރާމާތު ކުރުމުގެ ސްޓަޑީ ހެދުމުގެ އެއްބަސްވުމުގައި ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު މުހައްމަދު ތޯރިގް އެވެ. އަދި ސިނަމާލެ ބްރިޖް މަރާމާތު ކުރުމުގެ މަސައްކަތުގެ ސްޓަޑީ ހެދުމުގެ އެއްބަސްވުމުގައި ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރ ފޯ ނެޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އަކުރަމް ކަމާލުދީން އެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފޮރިން މިނިސްޓަރު ޝާހިދު، ޗައިނާ ސަރުކާރަށް ޝުކުރު އަދާކުރައްވައި ރާއްޖެއިން ޗައިނާގެ އެހީއަށް ބޭނުންވެފައިވާ ދާއިރާތައް ފާހަގަކުރެއްވި އެވެ. ދިވެހިރާއްޖޭގެ ތެރައްގީގެ ދާއިރާގައި އެހީތެރިކަން ފޯރުކޮށްދޭ ކޮންމެ ގައުމަކާ އެކުވެސް ރާއްޖެ މަސައްކަތްކުރަން ތައްޔާރަށް އޮތް ކަމަށާއި ރާއްޖޭގެ ގުޅުން އޮތީ އެންމެ ގައުމަކަށް ބަރޯސާވެގެން ނޫން ކަމުގައިވެސް ވިދާޅުވި އެެވެ.

ސީއައިޑީސީއޭގެ ވައިސް ޗެއާމަން ޑަން ބޮކިން ވިދާޅުވީ އޭނާ އަށް ރާއްޖޭގެ ނަން ވަރަށް ފަރިތަ ކަމަށެވެ. އެއީ ޗައިނާ އިން ރައްޖެއަށް ވެދީފައިވާ ބޮޑެތި އެހީތައް ކަމުގައިވާ ހައުސިން ޕްރޮޖެކްޓްތަކާއި ސިނަމާލެ ބްރިޖާއި ހިލޭއެހީގެ ދަށުން ރާއްޖޭގެ ކުދިންނަށް ތައުލީމު ފޯރުކޮށްދިނުން ފަދަ ކަންކަމުގައި ރާއްޖޭގެ ނަން ގިނައިން އިވިފައިވާތީ ކަމަށް ވިދާޅުވި އެވެ. ނަމަވެސް އޭނާ ރާއްޖެއަށް ފަރިތަ ނޫން ކަމަށާއި ބްރިޖް މަތިން ދަތުރުކުރެއްވިއިރު ރާއްޖޭގެ ރައްޔިތުންގެ އުދާސް ހާމަކޮށްފައިވާ ތަކެތި ފެނުނު ކަމުގައިވެސް ވިދާޅުވި އެވެ.

ޑަން ބޮކިން އިތުރަށް ވިދާޅުވީ ރާއްޖޭގެ ރައްޔިތުން ތަރައްގީއަށް ބޭނުންވެފައިވާ މިންވަރު އިހުސާސް ކުރެވިއްޖެ ކަމަށެވެ. އެހެންވެ ޗައިނާ އިން އެކަންކަން ދިރާސާ ކުރާނެ ޓީމުތައް ރާއްޖެއަށް އަވަސް މުއްދަތެއްގައި ފޮނުއްވައި ދެއްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.