ޑްރަގު ރިހިބިލިޓޭޝަނަށް ޑޮކްޓަރުންނާއި ބޭސް ނެތުމުން އެނގެނީ އެކަމަށް އަހަމިއްޔަތުކަން ދޭން ބޭނުންވާ މިންވަރު ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިނގިލި ދާއިރާގެ މެންބަރު ގާސިމު އިބްރާހީމު މިއަދު ވިދާޅުވެއްޖެ އެވެ.
މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ފަސޭހައިން ފަރުވާ ލިބޭނެ ގޮތަށް ނިޒާމު ބަދަލުކުރުމަށް ސަރުކާރަށް ގޮވާލާ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށަހެޅުއްވި ގަރާރަށް ތާއީދު ކުރައްވާ ވާހަކަ ދައްކަވަމުން ގާސިމު ވިދާޅުވީ ދައުލަތުން ޝައުގުވެރިވާ ކަންތައްތައް ކުރާގޮތް ފެންނަ ކަމަށެވެ.
"(ޑްރަގު ރިހިބިލިޓޭޝަން) އެ ދާއިރާތަކުގައި ހިދުމަތްދޭނެ މުވައްޒަފުން ނެތިގެން ނުވަތަ ޑޮކްޓަރުންނާއި އެކްސްޕާޓުން ނެތިގެން ނުވަތަ ބޭސް ނެތިގެން އަދި ކޮންމެ ކަމެއް ނަމަހީވެސް ނެތިގެންދާ ދިއުން އޭގެން މި ފެންނަނީ ކަމުގެ ޝައުގުވެރިކަން ހުރި މިންވަރު ނުވަތަ އެކަމަކަށް އަހަމިއްޔަތުކަން ދޭން ބޭނުންވާ މިންވަރު،" ގާސިމު ވިދާޅުވި އެވެ.
ގާސިމު ވިދާޅުވީ ބަޔަކަށް ވަޒީފާ ދިނުމަށް ސަރުކާރު ކުންފުނިތަކުން ވަޒީފާތައް އުތުރެމުން އަރައިގެން އަންނަ ގޮތް ފެންނަ ކަމަށެވެ.
މަސްތުވާތަކެތި އެތެރެކުރާ ބިދޭސީން ފުރުވާލެވޭ ގޮތަށް ހަދާފައިވާ ގަވާއިދުގެ ސަބަބުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުން ދުވަހަކުވެސް ހައްޔަރު ނުކުރެވޭނެ ކަމަށް ގާސިމު ވިދާޅުވި އެވެ.
"މިބާވަތުގެ ކޮސް ކަންތައްތައް ކުރީމާ ދުވަހަކުވެސް ރަނގަޅެއް ނުވާނެ،" ގާސިމު ވިދާޅުވި އެވެ.
ގާސިމު ވިދާޅުވީ ދައުލަތުގެ މުއައްސަސާތަކުގެ ތެރެއިން އެއްޗެހި ގެއްލިގެންދާއިރު އެވާހަކަ ދެއްކުމުން އެއީ ސަރުކާރާ އިދިކޮޅަށް އަދި ރައީސުލްޖުމްހޫރިއްޔާއާ ދެކޮޅަށް ދައްކާ ވާހަކައެއް ކަމަށް ބަޔަކު ދެކޭ ކަމަށެވެ.
"ދައުލަތުގެ މުއައްސަސާތަކުގެ ތެރެއިން އެއްޗެހި ގެއްލިގެންދާއިރު އެވާހަކަ ދެއްކީމާ އެއީ ސަރުކާރާ އިދިކޮޅަށް ދައްކާ ވާހަކައެކޭ ރައީސުލްޖުމްހޫރިއްޔާއާ ދެކޮޅަށް ދައްކާ ވާހަކައެކޭ ބުނީމަ އަޅުގަނޑުމެންގެ ތެރެއިން ބަޔަކު އެގޮތަށް ދެކޭ ކަމަށްވާނަމަ އެއީ ވަރަށް ދެރަ ކަމެއްކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" ގާސިމު ވިދާޅުވި އެވެ.