އަންވަރު ބިން އިބްރާހީމް އަކީ ނޮވްމެބަރު 2022 އިން ފެށިގެން މެލޭޝިއާގެ ބޮޑުވަޒީރެވެ.
އަންވަރު އުފަންވެ ވަޑައިގަތީ އޮގަސްޓް 10، 1947 ގައެވެ. އަންވަރު އިބްރާހީމް ތައުލީމް ހާސިލް ކުރައްވާފައިވަނީ ޔުނިވާސިޓީ އޮފް މަލަޔާ އިންނެވެ.
މެލޭޝިއާގެ 10 ވަނަ ބޮޑުވަޒީރު -- އަންވަރު އެންމެ ފުރަތަމަ މެލޭޝިއާ ރައްޔިތުންގެ ސަމާލުކަމަށް އައީ 1971 ވަނަ އަހަރު މެލޭޝިއާގައި އިސްލާމިކް މޫވްމަންޓްގެ ހަރަކާތުގައި ސަރުކާރާ އިދިކޮޅު ހަރަކާތްތައް ހިންގެވި ޒުވާން ލީޑަރެއްގެ ގޮތުގަ އެވެ.
މެލޭޝިއާގައި 1982 ވަނަ އަހަރު ވެރިކަމަށް އައި ސިޔާސީ ޕާޓީ -- ޔުނައިޓެޑް މެލޭސް ނެޝަނަލް އޯގަނައިޒޭޝަން ނުވަތަ އަމްނޯ އާއި އަންވަރު ގުޅިވަޑައިގަތެވެ. އަދި އެޕާޓީގެ ބޭފުޅެއްގެ ގޮތުގައި 1991 ވަނަ އަހަރު ބޮޑުވަޒީރު ޑރ. މަހާތީރު އެކުލަވާލެއްވި ނެޝަނަލް ފްރަންޓް ސަރުކާރުގެ ފިނޭންސް މިނިސްޓަރުގެ މަގާމަށް ވަޑައިގަތެވެ. އަދި ހަމަ އެހެންމެ 1999 އިން 1998 އަށް އެ ސަރުކާރުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރުކަން ކުރެއްވި އެވެ.
ބޮޑުވަޒީރު މަހާތީރުގެ ސަރުކާރުގެ ސިޔާސަތުތަކަށް 1998 ގައި އަންވަރު ފާޑުވިދާޅުވެ ސަރުކާރުން ކޮރަޕްޝަން ހިންގާކަމަށް ވިދާޅުވެ ވަރުގަދަ ކެމްޕޭނެއް ފައްޓަވައި ޑރ މަހާތީރުގެ އިގްތިސޯދީ ސިޔާސަތުތަކާ ދެކޮޅަށް އަންވަރު ނިކުންނެވި އެވެ.
އަންވަރުގެ އެ ހަރަކާތްތަކާއި ގުޅިގެން އޭނާގެ ކުރީގެ މަދަދުގާރު ޑރ. މަހާތީރު ވަނީ އަންވަރު މަގާމުން ވަކިކުރައްވާފަ އެވެ. 1999 ގައި އަންވަރުގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ ކުރެވި ހަ އަހަރު ދުވަހަށް ޖަލަށް ލުމަށް މެލޭޝިއާގެ ކޯޓުތަކުން ހުކުމް ކުރެވިގެންދިޔަ އެވެ. އެއާއި ވިދިގެން މެލޭޝިއާގައި ވަރުގަދަ ހަޅުތާލުތަކެއް އަންވަރަށް ތާއީދުކޮށް ކުރެވިގެންދިޔަ އެވެ. 2000 ވަނަ އަހަރު ބަދުއަހުލާގީ އަމަލު ހިންގުމުގެ ތުހުމަތުގައި 9 އަހަރަށް ޖަލަށް ލުމަށްވެސް އަންވަރުގެ މައްޗަށް ދަށު ކޯޓަކުން ހުކުމް ކުރެވުނެވެ. ނަމަވެސް މަތީ މަރުހަލާގެ ކޯޓަކުން 2004 ވަނަ އަހަރު ބަދުއަހުލާގީ މައްސަލަ ސާބިތު ނުވެ އަންވަރު މިނިވަންވެ ވަޑައިގަތެވެ. ނަމަވެސް މިނިވަންކަން އައީ 2008 ވަނަ އަހަރާއި ހަމައަށް ސަރުކާރުގެ އެއްވެސް މަގާމެއް އަދާ ކުރުން މަނާކުރެވިގެންނެވެ.
އަންވަރުގެ ޕީޕަލްސް ޖަސްޓިސް ޕާޓީއާއެކު 2008 ގެ މާޗް މަހުގައި އެކުލަވާލެވުނު ކޯލިޝަނަކުން އޭރުގެ ބޮޑުވަޒީރު އަހުމަދު ބަދާވީގެ މައްޗަށް އާންމު އިންތިހާބުގައި ބޮޑު ކުރިއެރުމެއް އަންވަރު ހޯއްދެވި އެވެ. އަދި އެ އަހަރުގެ އޮގަސްޓް މަހު މެލޭޝިއާގެ ޕާލިމަންޓަށް ވަޑައިގަތެވެ. ހަމަ އެމަހު އަނެއްކާވެސް އަންވަރުގެ މައްޗަށް ކުރީގެ ބަދުއަހުލާގީ މައްސަލައިގެ ދައުވާ އުފުލުނެވެ. އަދި އެއީ ސިޔާސީ ގޮތުން ކުރަމުންދާ ދައުވާއެއް ކަމަށް އަންވަރު ވިދާޅުވަމުން ގެންދެވި އެވެ. 2012 ވަނަ އަހަރު އަންވަރު އަނެއްކާވެސް މިނިވަންވެގެން ދިޔައީ އެދައުވާ ސާބިތު ނުކުރެވިގެންނެވެ. ނަމަވެސް ސަރުކާރުން އެ މައްސަލަ އިސްތިއުނާފަށް ހުށަހެޅި އެވެ.
އަންވަރު އިސްވެ ހުންނަވައިގެން 2013 ވަނަ އަހަރު އަނެއްކާވެސް އާންމު އިންތިހާބުގައި ކޯލިޝަނެއް ހައްދަވައި ބޮޑު ކާމިޔާބެއް ހޯއްދެވި އެވެ. ނަމަވެސް ޕާލިމަންޓުގައި އަގުލަބިއްޔަތު ލިބިފައެއް ނުވެ އެވެ. 2014 ގައި އަންވަރުގެ މައްޗަށް އިސްތިއުނާފަށް ހުށަހެޅުނު މައްސަލަ އަނެއްކާވެސް ކުރިއަށް ގެންދެވުނެވެ. އަދި ސެލަންގޯ ސްޓޭޓްގެ ޗީފް މިނިސްޓަރު ކަމަށް ވަޑައިގެންނެވެން އޮތް ފުރުސަތު ބަންދު ކުރެވިގެން ދިޔައީ އިންތިހާބުގައި ވާދަކުރުން މަނާކުރެވުމުންނެވެ. 2015 ގައި އަނެއްކާވެސް އެ ދައުވާ ސާބިތުވެ ޖަލަށް ލެވުނެވެ.
ކުރީގެ ވާދަވެރިޔާ ޑރ މަހާތީރާ އެކު 2018 ވަނަ އަހަރުގެ އާންމު އިންތިހާބުގައި އަންވަރު ކޯލިޝަން ހައްދަވައި އޭރުގެ ބޮޑުވަޒީރު ނަޖީބު ރައްޒާގުގެ މައްޗަށް ކުރި ހޯއްދަވައި ޖަލުގެ ހުކުމުން މިނިވަންވެ ވަޑައިގަތެވެ. އެއާއެކު އަންވަރަށް މައާފް ދެވި ޕާލިމަންޓް ސީޓް ކާމިޔާބު ކުރެއްވި އެވެ.
2020 ވަނަ އަހަރު ޑރ. މަހާތީރުގެ ސަރުކާރު ވެއްޓި އަނެއްކާވެސް އަންވަރު އިދިކޮޅު ލީޑަރުގެ ގޮތުގައި ފެނިގެން ދިޔަ އެވެ. އަދި 2022 ވަނަ އަހަރު ބޭއްވުނު އާންމު އިންތިހާބުގައި އޭނާގެ ޕާޓީން 82 ގޮނޑި ހޯއްދެވި އެވެ. ނަމަވެސް އެއީ އައުލަބިއްޔަތު ލިބޭ މިންވަރަކަށް ނުވުމުން އެހެނިހެން ސިޔާސީ ޕާޓީތަކާއި އެކު ކުރެވުނު ގިނަ މަޝްވަރާތަކަކަށްފަހު އަންވަރު އިބްރާހީމަށް 2022، ނޮވެމްބަރު މަހު 25 ވަނަ ދުވަހު ޕާލިމަންޓުގެ ތިންބައިކުޅަ ދެބައިގެ ތާއީދާއެކު އިސްލާމިކް މެލޭޝިއާގެ 10 ވަނަ ބޮޑުވަޒީރު ކަމުގައި ހަމަޖެހިގެން ދިޔަ އެވެ.