އެކްސިޑެންޓް

ބާރަށް ދުއްވި ސައިކަލެއް އިތުރު ދެ ސައިކަލުގައި ޖެހިއްޖެ

Apr 4, 2023

ފުލުހުން މަޑުކުރަން އެންގުމުންވެސް މަޑުނުކޮށް ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް އިތުރު ދެ ސައިކަލުގައި ޖެހި އެކްސިޑެންޓްވެއްޖެ އެވެ.

ފުލުހުން ބުނީ ފުލުހުން ރޭ މާލެ ޕެޓްރޯލް ކުރަމުންދިޔައިރު 1:03 ހާއިރު ގަޑިބުރު ކައިރިން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ފުލުހުން މަޑުކުރަން އެންގުމުން މަޑުނުކޮށް ބާރު ސްޕީޑުގައި ދުއްވާފައި ދަނިކޮށް ނަލަހިޔާ ކައިރިން އިތުރު ދެ ސައިކަލުގައި ޖެހި އެކްސިޑެންޓްވެފައިވާ ކަމަށެވެ.

އެކްސިޑެންޓްވުމުންވެސް ސައިކަލު މަޑުނުކޮށް ދާން މަސައްކަތްކޮށް އަދި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމުން ސައިކަލުގައި ތިބި ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނި ގޮތުގައި ސައިކަލު ދުއްވާފައިވަނީ ލައިސަންސް ނެތް މީހެކެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.