މި ސަރުކާރުގެ ގެދޮރުވެރިޔާ ސިޔާސަތުގެ ދަށުން އަޅަމުންގެންދާ ބައެއް ފްލެޓު އިމާރާތްތަކުގެ ފިނިޝިން މަސައްކަތް ކުރިއަށްދާ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވަނީ ސަރުކާރުން އިއުލާނުކޮށްފައިވާ 4،000 ސޯޝަލް ހައުސިންގެ ކިތައް ޝީޓު އެޅިފައިވޭތޯ އަދި ނުނިމި ހުރި މަސައްކަތްތަކާ ގުޅޭ ގޮތުން ސުވާލު ކުރައްވާފަ އެވެ.
މިނިސްޓަރު އަސްލަމް ވިދާޅުވީ ބައެއް އިމާރާތްތަކުގެ ފިނިޝިން މަސައްކަތް ކުރިއަށްދާ ކަމަށެވެ.
"އެގްޒެކްޓްލީ އަޅުގަނޑަކަށް ނޭނގޭ ހައުސިން ކިތައް ޝީޓު ކަމެއް އެޅިފަ ހުރީ. ހަމަ ޔަގީންކަމާއެކު ދަންނަވަން ކެރޭނެ ރަނގަޅު މިންވަރެއްގެ ޕްރޮގްރެސް އެބަހުއްޓޭ. ކޮންކްރީޓް މަސައްކަތް ނިމި އޭގެ ތެރެއިން ބައެއް އިމާރާތްތަކުން ފިނިޝިން މަސައްކަތްވެސް އެބަ ކުރިއަށްދޭ،" މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ.
އިންޑިއާގެ ދެ ކުންފުންޏަކުން އިމާރާތްކުރާ 4،000 ހައުސިން ޔުނިޓުގެ މޮކަޕް ފްލެޓަކަށް ޒިޔާރަތްކުރެއްވި ކަމަށް މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ.
މިނިސްޓަރު އަސްލަމް ވިދާޅުވީ މޮކަޕް ފްލެޓުތަކުގައި ފަރުނީޗަރު ހުރި ނަމަވެސް ފްލެޓު ދޭނީ ފަރުނީޗަރާއެކު ނޫން ކަމަށާއި މޮކަޕްގައި ފަރުނީޗަރު ހުރީ އެ ފްލެޓު ފަރުނީޗަރާއެކު ހުންނާނެ ގޮތް ދައްކާލުމަށް ކަމަށެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފަރާތުން ހުޅުމާލޭގައި ތަރައްގީ ކުރި ފްލެޓެއް ނިންމާލުމަށްފަހު ފްލެޓުގެ އެތެރެ ހުރި ގޮތް ދައްކާލީ މިއަހަރުގެ ޖެނުއަރީ މަހު އެވެ.
މި ފްލެޓްތަކުގައި މިއަހަރުގެ އޮގަސްޓް މަހުގައި މީހުންނަށް ދިރިއުޅެވޭނެ ކަމަށް ސަރުކާރުން ބުނެ އެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފަރާތުން ތަރައްގީ ކުރަމުން ދަނީ ދެ ކޮޓަރި އަދި ތިން ކޮޓަރީގެ އެޕާޓްމެންޓްތައް ހިމެނޭ ފްލެޓްތަކެކެވެ. އޭގެތެރެއިން ދެ ކޮޓަރި ހިމެނޭ އެޕާޓްމަންޓްގައި ހުންނާނީ 650 އަކަފޫޓެވެ. އަދި ތިން ކޮޓަރީގެ އެޕާޓްމަންޓްތަކުގައި ހުންނާނީ 900 އަކަފޫޓެވެ.