މީހުން

ސިންގަޕޫރުގެ ރައީސް ހަލީމާ: އިޖުތިމާއީ އަދާލަތުގެ ވަކީލެއް

ސިންގަޕޫރުގެ ރައީސް ހަލީމާ ޔައުގޫބު ސިންގަޕޫރުގެ އަށްވަނަ ރައީސްގެ މަގާމަށް ހޮވިވަޑައިގެންފައިވަނީ ސެޕްޓެމްބަރު 14، 2017 ގައެވެ.

ރައީސް ހަލީމާ އަކީ ވަރަށް އާދައިގެ އާއިލާއަކުން ވަޑައިގެންފައިވާ ބޭފުޅެކެވެ. އުމުރުން އެންމެ އަށް އަހަރުގައި އެކަމަނާގެ ބައްޕާފުޅު ނިޔާވުމުން އާއިލާގެ ފަސް ކުދިންނާއެކު އެކަމަނާގެ މަންމާފުޅާއެކު ބޮޑުފުޅުވީ ވަރަށް ދަތި ހާލުގަ އެވެ. ނަމަވެސް އެކަމަނާ ކިޔެވުމުގެ ރޮނގުގައި ކުރިހޯއްދަވައި ސިންގަޕޫރުގެ ނެޝަނަލް ޔުނިވާސިޓީން ގާނޫނީ ދާއިރާއިން މަތީ ތައުލީމް ހާސިލް ކުރައްވާފައިވެ އެވެ. އޭގެ ފަހުން ނެޝަނަލް ޓްރޭޑް ޔުނިއަންގައި މަސައްކަތްޕުޅު ކުރެއްވުމަށްފަހު ސިންގަޕޫރުގެ އިންސްޓިޓިއުޓް އޮފް ލޭބާ ސްޓަޑީޒްގެ ޑިރެކްޓަރުކަން ކުރައްވާފައިވެ އެވެ.

ރައީސް ހަލީމާ އަކީ ސިންގަޕޫރުގައި މަގުބޫލު ސިޔާސީ ބޭފުޅެއްގެ އިތުރުން ގާނޫނީ ވަކީލެކެވެ.

ހަލީމާ ވެވަޑައިގެންފައިވަނީ ސިންގަޕޫރު ތާރީހުގައިވެސް ރައީސްގެ މަގާމު ފުރުއްވި ފުރަތަމަ އަންހެން ބޭފުޅާ އަށެވެ. ސިންގަޕޫރުގެ ރައީސް އަކީ ސިޔާސީ ގޮތުން މިނިވަން ބޭފުޅަކަށް ވާންޖެހެ އެވެ. މާބޮޑު ވާދަވެރިކަމެއް ނެތި އެކަމަނާ ސިންގަޕޫރުގެ ރައީސް ކަމަށް ވަޑައިގެންނެވިއިރު އެ މަގާމަކީ ސިންގަޕޫރުގައި ބާރުގަދަ މަގާމެކެވެ.

ސިންގަޕޫރުގެ ރައީސް ކަމަށް ވަޑައިގަތުމުގެ ކުރިން އެކަމަނާ ވަނީ ސިޔާސީ މައިދާނުގައި ދިގުމުއްދަތެއް ހޭދަކުރައްވާފަ އެވެ. 2001 ވަނަ އަހަރު ސިޔާސީ މައިދާނަށް ނިކުމެވަޑައިގެން 2011 ގައި ވަޒީރު ކަމުގެ މަގާމަށް ވަޑައިގެންފައިވެ އެވެ. އަދި 2013 ވަނަ އަހަރު ޕާލިމަންޓްގެ ރައީސްގެ މަގާމަށް ފުރަތަމަ އަންހެން ބޭފުޅެއްގެ ގޮތުގައި ވަޑައިގަތެވެ.

ސިންގަޕޫރުގެ ޕާލިމެންޓްގެ ރައީސްގެ މަގާމާއި ވެރިކަން ކުރާ ރޫލިން ޕާޓީ ޕީޕަލްސް އެކްޝަން ޕާޓީން ރައީސް ހަލީމާ އިސްތިއުފާ ދެއްވުމަށްފަހު ސިންގަޕޫރުގެ ރައީސް ކަމުގެ މަގާމަށް 2017 ވަނަ އަހަރު ކުރިމަތި ލެއްވި އެވެ. ސިންގަޕޫރުގެ ވެރިކަމުގެ ނިޒާމުގައި ރައީސް ކަމުގެ މަގާމަށް ވަޑައިގަންނަވާ ބޭފުޅަކީ މެލޭ ދަރިކޮޅު މީހަކަށް ވާންޖެހެ އެވެ. އެގޮތުން މެލޭ ހަމައެކަނި ބޭފުޅާގެ ގޮތުގައި ދާދި ފަސޭހަކަމާއެކު ރައީސް ކަމުގެ މަގާމަށް ވަޑައިގަތެވެ.

ސިންގަޕޫރު ރައިސްގެ ހައިސިއްޔަތުން އެކަމަނާ އަށް ލިބިވަޑައިގަންނަވާ ބާރުތަކުގެ ތެރޭގައި ޑިޕްލޮމެޓިކް ހަރަކާތްތަކުގައި ސިންގަޕޫރު ތަމްސީލް ކުރުމާއި ގައުމުގެ މާލިއްޔާތަށް ކޮންޓްރޯލް ހިންގެވުމާއި ސިޔާސީ މަގާމުތަކަށް އައްޔަންކުރާ ފަރާތްތަކަށް ރުހުން ދެއްވުން ހިމެނެ އެވެ.

ރައީސް ހަލީމާ އަކީ އެކި ނަސްލުތަކުގެ މީހުންނާއި އެކި އަގީދާ ތަކުގެ މީހުންގެ މެދުގައި ހަމަޖެހުމާއެކު އުޅެން ގޮވާލާ، އަންހެނުންނާއި އިސްރަށްވެހިންގެ ހައްގުތަކުގައި ވަރަށް ބޮޑަށް ވަކާލާތު ކުރައްވާ އަޑު އުފުއްލަވާ ބޭފުޅެކެވެ. މިއަހަރުގެ ސެޕްޓެމްބަރު މަހު މަގާމުގެ ދައުުރު ފުރިހަމަވާ ރައީސް ހަލީމާ ވެވަޑައިގެންފައިވަނީ އިޖުތިމާއީ ދާއިރާގައި ރައްޔިތުންގެ ހައްގުތަކަށް އަޑުއުފުލުމުގައި ނަމޫނާ ބޭފުޅަކަށެވެ.