އުރީދޫ

އުރީދޫގެ ފަން ރަން މެއި 5ގައި ކުޅުދުއްފުށީގައި

Apr 4, 2023

އުރީދޫ މޯލްޑިވްސް އިން ކުރިއަށް ގެންދާ "ފަން ރަން" އަންނަ މަހު ހދ. ކުޅުދުއްފުށީގައި ބޭއްވުމަށް ނިންމާ، ރަޖިސްޓްރޭޝަނަށް ހުޅުވާލައިފި އެވެ.

އުރީދޫ ފަން ރަން އަކީ ކޮންމެ އަހަރަކު ބާއްވަމުން އައި އުރީދޫ ކަލަ ރަން އަޕްގްރޭޑްކޮށް ކުލައިގެ އިތުރުން މަޖާ ހަރަކާތްތަކާއެކު ބާއްވާ ދުވުމެކެވެ.

މިދިޔަ އަހަރު އުރީދޫ ކަލަ ރަން، ފަން ރަންއަށް އަޕްގްރޭޑްކޮށް، ހުޅުމާލޭގައި ކުރިއަށް ގެންދިޔަ މަޖާ މި ހަރަކާތްތަކުގައި 5،000 އަށް ވުރެ ގިނަ މީހުން ބައިވެރިވި އެވެ.

ފަން ރަން ކުޅުދުފުށީގައި ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ފަސްވަނަ ދުވަހު އެވެ. އުރީދޫން ބުނާ ގޮތުގައި މިއީ މިއަހަރު ހދ. އަތޮޅުގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ މަޖާ ހަރަކާތަށް ވެގެންދާނެ އެވެ.

ހަ އަހަރުން މަތީގެ އެންމެންނަށްވެސް މި ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

އުރީދޫން ބުނީ ތަފާތު ހަރަކާތްތަކެއް ހިމެނޭ ފަސް ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ މީހުންނާއި އާއްމުކޮށް ދުވާ މީހުންންނަށްވެސް ބައިވެރިވުމަށް މަޖާވާނެ ދުވުމެކެވެ.

އުރީދޫ ފަން ރަންގެ އަމާޒަކީ، ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއްކަން އަންގައިދިނުމެވެ. އުރީދޫ ފަން ރަންގައި ކޮންމެ ކިލޯމީޓަރެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ސްޓޭޝަންތަކުން ކުލައާއި ފެން ޖެހުމުގެ ހަރަކާތްތަކެއް ކުރިއަށް ގެންދާނެ އެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ ހިނގާފައި، ޖޮގްކޮށްފައި، ދުވެފަ ނޫނީ ނަށަމުންވެސް މި ދުވުން ނިންމިދާނެ އެވެ.

އުރީދޫ ފަން ރަން - ކުޅުދޫފުށި ކިޓްތައް ލިބެން ހުންނަ ދެ ކެޓަގަރީ އަކީ ސްޓޭންޑަޑް ކިޓްސް އަދި ފަން ކިޓްސް ކެޓަގަރީ އެވެ. ސްޓޭންޑަޑް ކިޓްގައި ފަން ރަން ޓީޝާޓް އަދި ރިސްޓްބޭންޑް ހިމެނޭ އިރު އަގަކީ 100 ރުފިޔާ އެވެ. 200 ރުފިޔާއަށް ލިބޭ ފަން ކިޓްގައި އުރީދޫ ފަން ރަން ޓީޝާޓްގެ އިތުރުން ރިސްޓްބޭންޑަކާއި، ފޮތި ދަބަސް އައިނު އަދި ބަންޑާނާ ހިމެނެ އެވެ.

އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވީ ހުރިހާ މީހުންވެސް އިންތިޒާރުކުރާ މި މަޖާ ހަރަކާތް ކުޅުދުއްފުއްޓަށް ގެނެސް، ހދ. އަތޮޅުގެ ކުދި ބޮޑު އެންމެންނަށާއި އެރަށަށް ޒިޔާރަތްކުރާ މީހުންނަށް އުރީދޫ ފަން ރަންގެ އުފާވެރިކަމާއި މަޖާ ތަޖުރިބާކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"ފަން ރަންގެ އަމާޒަކީ ދުޅަހެޔޮ އަދި ހަރަކާތްތެރި ދިރިއުޅުމެއް ހާސިލްކުރުމަށްޓަކައި ދުވުމަކީ މަޖާ ކަމެއްގެ ގޮތުގައި ޕްރޮމޯޓްކޮށް، އުފާވެރި އަދި މަޖާ ވަގުތުކޮޅެއް ހޭދަކޮށްލުމަށް މީހުން އެއްތަނަކަށް ގެނައުން،" ހާލިދު ވިދާޅުވި އެވެ.

އުރީދޫ ފަން ރަންގައި ރަޖިސްޓްރީވުމުގެ ފުރުސަތު މިމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ. އަދި މި މަޖާ ހަރަކާތުގައި ބައިވެރިވުމަށް އުރީދޫއިން ހުރިހާ ފަރާތްތަކަށް ދައުވަތު އަރުވައެވެ.