އުރީދޫ

ފަން ރަންގައި ރަޖިސްޓާވުމަށް ހުޅުވާލައިފި

Apr 16, 2023

ހދ. ކުޅުދުއްފުށީގައި ބޭއްވުމަށް ހަމަޖެހިފައިވާ އުރީދޫ ފަން ރަންގައި ބައިވެރިވުމަށް ގިނަ އަދަދެއްގެ ހުށަހެޅުންތައް ލިބުމާ ގުޅިގެން ރަޖިސްޓާވުމުގެ ފުރުސަތު މިމަހު 22 ވަނަ ދުވަގެ ނިޔަލަށް މިއަދު ހުޅުވާލައިފި އެވެ.

ރަންގައި ބައިވެރިވުމަށް ރަޖިސްޓާ ކުރެވޭނީ އުރީދޫ މޯލްޑިވްސްގެ އީ ކޮމާސް ޕްލެޓްފޯމް މޫލީ މެދުވެރިކޮށެވެ.

ހަ އަހަރުން މަތީގެ ހުރިހާ އެންމެންނަށް މި ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފައިވާއިރު ތަފާތު ހަރަކާތްތަކެއް ހިމެނޭ ފަސް ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ މީހުންނާއި އާއްމުކޮށް ދުވާ މީހުންނަށްވެސް ބައިވެރިވުމަށް މަޖާވާނެ ދުވުމެކެވެ.

އުރީދޫ ފަން ރަންގެ އަމާޒަކީ، ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއްކަން އަންގައިދިނުމެވެ.

އުރީދޫ ފަން ރަންގައި ކޮންމެ ކިލޯމީޓަރެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ސްޓޭޝަންތަކުން ކުލަ ނަގައިގެން ގައިގައި ކުލަ އުނގުޅުމާއި ފެންޖެހުން އަދި މަޖާ ހަރަކާތްތަކެއް ކުރިއަށްދާނެ އެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ދުވުމަކަށް ނުވާތީ، ހިނގާފައި، ޖޮގްކޮށްފައި، ދުވެފައި ނޫނީ ނަށަމުންވެސް މި ދުވުން ނިންމިދާނެ އެވެ.

އުރީދޫ ފަން ރަން ކިޓްތައް ލިބެން ހުންނަ ދެ ކެޓަގަރީ އަކީ ސްޓޭންޑަޑް ކިޓް އަދި ފަން ކިޓް ކެޓަގަރީ އެވެ. ސްޓޭންޑަޑް ކިޓްގައި ފަން ރަން ޓީޝާޓް އަދި ރިސްޓްބޭންޑް ހިމެނޭ އިރު އަގަކީ 100 ރުފިޔާ އެވެ. 200 ރުފިޔާއަށް ލިބޭ ފަން ކިޓްގައި އުރީދޫ ފަން ރަން ޓީޝާޓްގެ އިތުރުން ރިސްޓްބޭންޑަކާއި، ފޮތި ދަބަސް އައިނު އަދި ބަންޑާނާ ހިމެނެ އެވެ.

އުރީދޫ ފަން ރަން ބޭއްވުމަށް ހަމަޖެހިފައި ވަނީ ކުރިއަށް އޮތް މެއި މަހުގެ ތިންވަނަ ދުވަހު ކުޅުދުއްފުށީގަ އެވެ.

ތަޖުރިބާކާރު ދުވުންތެރިންނާއި، ދުވުމަށް ޝައުގުވެރިވާ ބޭފުޅުން، އަދި އާއިލާ އާއި ރައްޓެހިންނާއި އެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލަން ބޭނުންވާ އެންމެހާ ބޭފުޅުންވެސް، އުރީދޫ ފަން ރަން ގައި ބައިވެރިވުމަށް، އުރީދޫއިން ދައުވަތު އަރުވަ އެވެ.