ރައީސް އަބްދުﷲ ޔާމީން

ޔާމީންގެ ޖަލު ހުކުމުގެ އިސްތިއުނާފް ބަލައިގެންފި

Apr 4, 2023

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމް ހައިކޯޓުގައި އިސްތިއުނާފް ކުރުމާ ގުޅިގެން ކޯޓުން އެ މައްސަލަ ބަލައިގެންފި އެވެ.

އިދިކޮޅު ޕީޕީއެމް އިން ބުނާ ގޮތުގައި ރައީސް ޔާމީނަށް ޖަލަށްލުމަށް ކޮށްފައިވާ ހުކުމް އިސްތިއުނާފް ކުރުމުން މައްސަލަ މިއަދު ބަލައިގެންފައި މިވަނީ އެތައް ދުވަހެއް ފަހުންނެވެ.

އިސްތިއުނާފް މައްސަލަ ހައިކޯޓަށް ބަލައިގަތުން ލަސްވާތީ ޕީޕީއެމްގެ އިސް ބޭފުޅުން މީގެކުރިން އެތައް ދުވަހަކު ހައިކޯޓަށް ގޮސް މައްސަލަ އޮތް ހިސާބެއްވެސް ބަލާފައިވެ އެވެ.

ޔާމީންގެ އިސްތިއުނާފްގެ މައްސަލަ ހައިކޯޓުން މިއަދު ބަލައިގެންފައި މިވަނީ އެ މައްސަލަ މިދިޔަ ފެބްރުއަރީ މަހު ކޯޓަށް ހުށަހެޅުމުން އިސްލާހުކުރަން އަންގައި، އިސްލާހުތަކާ އެކު އަލުން ހުށަހެޅުމުންނެވެ.

ރައީސް ޔާމީން ޖަލަށް ލާން ހުކުމްކޮށްފައިވަނީ ވ. އާރަށުގެ މައްސަލައިގައި ހިމެނޭ ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވުމާއި ގުޅިގެން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.

ގާޒީ ހުކުމް ކުރީ މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން ހަތް އަހަރަށް ޖަލަށް ލުމަށާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ދެއްކުމަށެވެ. އަދި ރިޝްވަތުގެ ކުށުގައި ހަތަރު އަހަރަށް ޖަލަށްލުމަށެެވެ.

ރައީސް ޔާމީނަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމު މަތީ ކޯޓަކުން ބާތިލް ނުކުރާހާ ހިނދަކު އެމަނިކުފާނަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދައެއް ނުކުރެއްވޭނެ އެވެ.