ބޭރު ކުޅިވަރު

ތިން އަހަރުގެ އެއްބަސްވުމެއްގައި ގާޑިއޯލާ ސިޓީ އަށް

ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން އަންނަ ސީޒަނުން ފެށިގެން މެންޗެސްޓާ ސިޓީގެ ކޯޗުކަމާ ހަވާލުވާން ސްޕޭނުގެ ޕެޕް ގާޑިއޯލާ އެއްބަސްވެއްޖެ އެވެ.

ޖަރުމަނުގެ ބަޔާން މިއުނިކްގެ ކޯޗުކަމުގައި ހުރި ބާސެލޯނާގެ ކުރީގެ ކޯޗު ސިޓީއާ ހަވާލުވާކަން އެކުލަބުން އިއުލާނު ކޮށްފައިވާއިރު މި ސީޒަނަށް ފަހު އޭނާގެ ވަޒީފާ ނިމުމަކަށް އަންނާނެކަން ސިޓީގެ މިހާރުގެ ކޯޗު މެނުއަލް ޕެލެގްރީނީ ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ.

މެންޗެސްޓާ ސިޓީން ނެރުނު ބަޔާނުގައިވަނީ ގާޑިއޯލާ އެކުލަބަށް ގެންނަން މަސައްކަތް ފެށީ ޕެލެގްރީނީ ގެނައުމަށްވުރެ ވެސް ކުރިން 2012 ވަނަ އަހަރު ކަމަށެވެ. އެ އަހަރަކީ އިންޓަމިލާނުގެ މިހާރިގެ ކޯޗު ރޮބާޓޯ މަންޗީނީ ސިޓީ އަށް އިނގިރޭސި ޕްރެމިއާ ލީގު ކާމިޔާބުކޮށްދިން އަހަރެވެ.

ގާޑިއޯލާ އަކީ ބާސެލޯނާގައި ހޭދަކުރި ހަތަރު އަހަރު އެކުލަބަށް 14 ތަށި ހޯދައިދިން ކޯޗެކެވެ. އޭގެ ފަހުން މިދިޔަ ދެ އަހަރު ބަޔާން މިއުނިކަށް އޭނާ ވަނީ ޖަރުމަނު ލީގު ދެ ފަހަރު އަދި ޖަރުމަނު ކަޕް އެއް ފަހަރު ހޯދައިދީފަ އެވެ.