ދުނިޔެ

ފިންލޭންޑް 31 ވަނަ މެމްބަރުގެ ގޮތުގައި ނޭޓޯ އަށް

ފިންލޭންޑް ރަސްމީކޮށް ނޭޓޯ ޖަމާއަތުގެ މެމްބަރަކަށް ވެއްޖެ އެވެ.

ތުރުކީ އާއި ފިންލޭންޑާ ދެމެދު ހުރި ޚިލާފުތައް ނައްތާލައި އެއްގަލަކަށް އެެރުމާ އެކު ނޭޓޯ ގައުމަކަށް ވުމަށް ފިންލޭންޑުން ކުރި މަސައްކަތް މިހާރު ވަނީ ކާމިޔާބުވެފަ އެވެ.

ފިންލޭންޑަށް ނޭޓޯ މެމްބަރުކަން ކަށަވަރުމު އެކު އެއީ މިހާރު ނޭޓޯ ޖަމާއަތުގައި އޮތް އެންމެ ހަގު ގައުމެވެ. އެއީ 31 ވަނަ މެމްބަރެވެ.

ނޭޓޯގައި ފިންލޭންޑް ބައިވެރި ކުރުމަށް ކުރެވުނު ބަހުސްތައް ދިގުދެމިގެން ގޮސްފައި ވަނީ ތުރުކީން ދެކޮޅު ހެދުމުންނެވެ. ތުރުކީއަށް މައްސަލައަކަށް ވެފައި އޮތީ ފިންލޭންޑް ސަރުކާރުން ޓެރަރިސްޓުންނަށް ހިމާޔަތްދިނުމެވެ.

ޓެރަރިސްޓުން ގޮތުގައި ތުރުކީން ލޭބަލްކުރާ ސިޔާސީ ޖަމާއަތްތަކަށް ފިންލޭންޑްގައި ބިރެއް ނެތި އުޅެވުމަކީ ނޭޓޯ ގައުމެއްގެ ދަރަޖަ ބޭނުންވެގެން އުޅޭ ބަޔަކު ކުރާނެ ކަމެއް ނޫން ކަމަށް ތުރުކީ އޮތީ ބުނެފަ އެވެ. އަދި ތުރުކީ ގަބޫލުކުރާ ޝަރުތައް ހަމަވުމަށް ދާންދެން ރުހުން ނުދޭނެ ކަމަށްވެސް އޮތީ ބުނެފަ އެވެ.

އެހެން ނަމަވެސް އެމެރިކާގެ ބާރުއެޅުމާ އެކު ފިންލޭންޑާއި ތުރުކީވެސް ވަނީ އެއްގައުމު އަނެއް ގައުމަށް ލުއިދީ މަސަލަސްވެފަ އެވެ.

ފިންލޭންޑަށް ނޭޓޯ މެމްބަރުކަން ލިބުން ފާހަގަކުރަން ބޭއްވި އެއްވުމުގައި އެ ޖަމާއަތުގެ ވެރިޔާ ޔެންސް ސްޓޮލްޓާން ބާގް ވިދާޅުވީ ފިންލޭންޑްގެ ބައިވެރިވުމަކީ ނޭޓޯއަށް ލިބުނު ގަދަފަދަ ކަމެއް ކަމަށެވެ.

ފިންލޭންޑަކީ މިހާރު ހިމާޔަތް ލިބިގެންވާ ގައުމެއް ކަމަށް ސެކްރެޓަރީ ޖެނެރަލް ވިދާޅުވި އެވެ. އަދި ޔުކްރޭނަށް އެހީވުމުގައި ފިންލޭންޑްގެ އެއްބާރުލުން ނޭޓޯއަށް ލިބޭނެ ކަމަށް ވިދާޅުވި އެވެ.

އެމެރިކާގެ ފޮރިން މިނިސްޓަރު އެންތަނީ ބްލިންކެން ވެސް ވަނީ ފިންލޭންޑަށް މި ޝަރަފު ލިބުމުގައި ބައިވެރިވެ ވަޑައިގެންފަ އެވެ. އަދި ތުރުކީން ދިން އެހީތެރިކަމަށް އޭނާ ޝުކުރުވެސް އަދާކުރެއްވި އެވެ.