ވާހަކަ

ކައިވެނީގެ އަމާޒު ކަމުގާ

( 2 އެޕްރިލް 2023 އާ ގުޅޭ )

"އާކި. ކިހިނެއްތަ؟. ހާދަ ދުވަސްކޮށްލާފައި... ހީކުރީ ހުއްޓާލީކަމަށް މިކޮޅަށް އައުން." ބަދަލުކޮށްލި ހިނިތުންވުމާއެކީ ލައިލީ ބުނެލިއެވެ.

"މިއައީ ލައި ބަލާ. އަހަންނާއެކީ އިރުއޮއްސޭ މަންޒަރު ބަލަން... ކެރޭނެތަ ދާން." އަކިޔަލް އަހާލިއެވެ. ލައިލީއަށް ދެ ބުމަ ކައިރިކޮށްލެވުނެވެ. އަކިޔަލް ސަމާސާއެއް ކުރަނީބާއޭ އޭނާގެ ހިތަށް އެރިއެވެ.

"ސީރިއަސްކޮށޭ." ލައިލީ ބަލާލި ގޮތުން އަކިޔަލް ބުނެލިއެވެ.

"އަސްލު ކޮންކަމެއް ބޭނުންވީ." ސަމާސާއޭ ހީވެފައި ހުރެ ލައިލީ ބުންޏެވެ.

"ހިނގާބާ. ކިހާ ދުވަހެއްކޮށްލާފައި މި ދިމާވީ ވެސް." އަކިޔަލް ބުންޏެވެ.

އަކިޔަލްގެ އެހީތެރިކަން ލައިލީ ދުވަހަކުވެސް ހަނދާނެއް ނުނެތޭނެއެވެ. އެއީ އިތުބާރު ކުރެވޭ ރަނގަޅު ރަޙުމަތްތެރިއެކެވެ. އަކިޔަލްއާއި ލައިލީ އައިސް މަޑުކޮށްލީ ސުނާމީ ޕާކުގައެވެ. ހަވީރުގެ ވަގުތަށް ވާތީ ހޭލަމޭލަވާ ދެ ޖިންސުގެ ޒުވާނުންގެ އިތުރުން ކުޑަކުދީން ވެސް އެތަނުގައި އުޅޭތަން ފެނެއެވެ.

"އިރު އޭނީ ލޮލާ ދިމާއަށް." ލޮލުގައިވި އަވިއައިނު ރަނގަޅުކޮށްލަމުން ލައިލީ ބުނެލިއެވެ. އަދި އޭނާގެ ކުރުކޮށް ކޮށާލެވިފައި އޮތް އިސްތަށިގަނޑުން ކަންފަތް ކައިރިއަށް ދެ އަތުން އިސްތަށިކޮޅުތައް ލައްވާލައި އޮމާންކޮށްލިއެވެ. ލައިލީގެ ކޮންމެ ހަރަކާތަކަށް އަކިޔަލް އަބަދުވެސް ބަލަނީ ތަފާތު ޝައުގުވެރިކަމާއެކީއެވެ. ދެރައީ އޭނާ ލައިލީއަށް އެ ދޭ ސަމާލުކަން ލައިލީ ނޫން އެހެން ކޮންމެ މީހަކަށް ވެސް ފާހަގަވާކަމެވެ.

"އާކި. އަހަރެން ބޭނުން ޝުކުރު އަދާކުރަން. އާކި ބޭނުން އެއްޗެއް އެބައޮތްތަ؟. ރަނގަޅު ހަދިޔާއެއް ދޭން ބޭނުން." އިރުކޮޅަކު ހިމޭނުން އިނދެފައި ލައިލީ ވާހަކަދެއްކީ އަކިޔަލްއަށް ބަލާލަމުންނެވެ.

"އެއްޗެއް ބޭނުމެއްނޫން." އަކިޔަލް ބުނެލިއެވެ.

"އެކަމަކު... ވަރަށް ބޮޑުކަމެއް ދޯ..." ލައިލީ ބުނަން އުޅުނު އެއްޗެއް ހުއްޓާލަން ޖެހުނީ އަކިޔަލް ވާހަކަދައްކަން ފެށީމައެވެ.

"އަހަރެން އެކަމުގައި ޝާމިލުވާން ނިންމީ އަމިއްލައަށް. ލައިގެ އަތުން އެއްޗެހިތަކެއް ބޭނުންވެގެން ކުރިކަމެއްނޫން. މިހާރު ފިރިމީހާއާ ދެމީހުން ކިހިނެއް؟." އަކިޔަލްއަށް ހަޤީޤަތް އެނގިހުރެ ވެސް އަހާލިއެވެ. ލައިލީ ވަގުތުކޮޅަކަށް ހިމޭންވެ އިސްޖަހާލީއެވެ.

"ކިހިނެއްވީ؟. ރަނގަޅު ނޫނީތަ؟." އަކިޔަލް އަހާލިއެވެ.

"އަހަރެންނަށް ބުނާނެ އެއްޗެއް ނޭނގުނީ. އަހަރެން އޭގެ އަނެއްދުވަހު މަންމަ ކައިރިއަށް ބަދަލުވީ." ލައިލީ އިސްޖަހާލައިގެން އިނދެ ވާހަކަދެއްކިއެވެ.

"ކީއްވެ." އަކިޔަލް އަހާލިއެވެ.

"އަހަންނަށް ވިސްނަންވީ އެއްޗެއް ނޭނގޭ. ފާޑަކަށް ބޯގޮވާފައި މިހުންނަނީ. ދަރަކް ފެނުނީމާ ވަކިން ދެރަވޭ. ހިތަށް އުނދަގޫތަކެއްވަނީ." ލައިލީ މަޑުމަޑުން ބުންޏެވެ.

"ދަރަކް ހަޤީޤަތް ހާމަނުކޮށް ފޮރުވަން މަސައްކަތް ކުރީމާތަ؟. ދަރަކްއަށް އިތުބާރު ނުކުރެވެނީތަ؟." އަކިޔަލް އަހާލިއެވެ.

"ނޫން. އެނގޭ އޭނާ އަހަންނަށް ދޮގު ހަދައި އޮޅުވާލާން ހަޤީޤަތުގައި ބޭނުމެއްނުވާކަން." ފިކުރުތަކަށް ގެއްލި އިނދެ ލައިލީ ބުންޏެވެ.

"އެހެންވީރު ދެން... އަނެއްކާ ދަރަކްދެކެ މިހާރު ފޫހިވީތަ؟. އޭނާ ފިނޑިކަމުންތަ؟. ނޫނީ މައްސަލަ ހައްލުކުރާން ލައި ބޭނުންނުވެ އެކަމުން ފިލަން ދޯ ބޭނުމީ." އަކިޔަލް ބުންޏެވެ.

"އަކިޔަލް. ޑޯންޓް ބީ ސިލީ. މުޅިއަކުން ތީ ތެދެއްނޫން. އަހަރެން ފަސްޖެހޭ... ކުޑަކޮށް ވެސް ބޭނުމެއްނޫން ދަރަކްއާ ޒުވާބުކުރާކަށް. ދެމީހުންގެ ދެމެދުގައި ޚިޔާލު ތަފާތުވެ އެކަކުއަނެކަކުގެ ކުށްދައްކާ ހިސާބަކަށް ކަންކަން ދާން އެއްގޮތަކަށް ވެސް ބޭނުމެއްނޫން. ދަރަކް ވެސް އެހެންވާން ނޭދޭނެ. އޭނާއަކީ ހިތްހެޔޮ އޯގާތެރި ރަނގަޅު މީހެއް." ލައިލީއަށް ބުނެވުނެވެ.

"އޭނާގެ ރަނގަޅުކަމުންތަ ސިޔާ ނުހުއްޓުވީ." އަކިޔަލް ބުންޏެވެ.

"އެހެނެއްނޫން. އަހަރެމެން ކައިވެނި ކުރުމުގެ ކުރީން ވެސް ދަރަކް އޮތީ ސިޔާއަށް ނޫނެކޭ ބުނެފައި. ދަރަކް ބޭނުންވާގޮތް ސާފުކޮށް ހާމަކުރި." ލައިލީ ބުންޏެވެ.

"ލުކްސް ލައިކް ޔޫ ޑޯންޓް ހޭޓް ޔޯ ހަޒްބަންޑް." އަކިޔަލް އިނީ ލައިލީއަށް ބަލާށެވެ.

"ދަރަކްދެކެ އަހަރެން ހޭޓެއްނުވޭ." ލައިލީ ހާމަކުރީ ހިތުގެ އިޙްސާސެވެ.

"އެކަމަކު އެކުގައި އުޅޭން އުނދަގުލީ." އަކިޔަލް ބުނެލި ގޮތުން ހީވީ ލައިލީގެ ވާހަކައިން އޭނާ ނުބުނެ ދޫކޮށްލި ބައި ފުރިހަމަކޮށްލީ ހެންނެވެ. އެ ވާހަކައަށް ލައިލީ އެއްބަސްވެ ހޫން ލައްވާލިއެވެ.

"ދެޓްސް އިޓް. ތި ފީލިންގްސް ދެން ބަދަލުވެދާނެހެން ހިޔެއްނުވޭ. މުޅިއުމުރު ލައި ހުންނަންޖެހޭނީ ތި އުނދަގޫކަމުން ސަލާމަތްނުވެވިފައި." އަކިޔަލް ދެއަތް އުރާލައި ނިކަން ސީރިއަސް އަޑަކުން ބުންޏެވެ. ލައިލީ ހައިރާންވެ ސުވާލު އުފެދުނެވެ. އިސްއުފުލައި އަކިޔަލްއަށް އޭނާ ބަލަންފެށިއެވެ.

"މުޅި އުމުރު... މިގޮތުގައި..." ލައިލީއަށް ބުނެވުނެވެ.

"އާން. ކިރިޔާކަމެއްވާއިރަށް ލައިލީއަށް ހަނދާންވާނެ މިހުރިހާކަމެއްގެ މަތިން. އެކަމާ ވިސްނަންފެށޭނެ. ހިތަށް އުނދަގޫވާންފަށާނެ. އަނެއްކޮޅުން ފިރިމީހާއަށް ޝައްކުނުކޮށް ނުހުރެވޭނެ. އަބަދު ހިތަށް އަރާނެ އޭނާ ސިއްރުން ކަމެއް ނުކުރާނެބާއޭ. އޭނާގެ ދިރިއުޅުމުގައި ހިނގައި ހުރިހާކަމެއް ތިމަންނައާ ޚިއްޞާކުރޭބާއޭ. ދެން ހެޔޮ އެއްގޮތެއް ވެސް ނޯންނާނެ." އަކިޔަލް ބުންޏެވެ.

"ތިޔެއް ނޭނގެ." ލައިލީ ބުންޏެވެ.

"ޝައްކާއި ވަހުމްގެ ހިޔަނިން ނުނިކުމެ ހުރެ ދިރިއުޅޭން މަސައްކަތް ކުރިޔަސް އެ ދިރިއުޅުމެއް ކުރިޔަކަށްނުދާނެ. އެކަމުގައި ތިމާގެ ނަފްސު ވަރުބަލިވުން ނޫން ކަމެއް ނުވާނެ." އަކިޔަލް ބުނެލީ ލައިލީއަށް ވިސްނޭތޯއެވެ.

"އަހަންނަށް ދަރަކްގެ މޫނަށް ބަލާލަން ވެސް އުނދަގޫ." ލައިލީއަށް ބުނެވުނެވެ.

"އެހެންވިއްޔާ އޭނާގެ ކައިރިން ވަރިވޭ." އަކިޔަލް ވަގުތުން ބުންޏެވެ. ލައިލީ ބަލާލީ ޤަބޫލުނުކުރެވިފައި އިން ފަދައިންނެވެ.

"ވަރިވާށޭ." ލައިލީއަށް އަހާލެވުނެވެ.

"އެކަނިވެދާނެތީ ލައި ކަންބޮޑުވަންޏާ އަހަރެން ލައިއާއެކު ހުންނާނަން. ލައި ބޭނުންނަމަ އަހަންނާއެކީ ދިރިއުޅެވި ދާނެ. އަހަރެންގެ އަމިއްލަ އެޕާޓްމެންޓެއް އެބަހުރި. އަހަރެން ދިރިއުޅެނީ އެކަނި. މިހާރު އަހަރެން ކިޔަވާތީ ދާއިމީ ވަޒީފާއަކަށް ނުދަނީ. އެކަމަކު ކިޔެވުން ނިންމާލާފައި އިރާދަކުރެއްވިއްޔާ ރަނގަޅު ވަޒީފާއަކަށް ކުރިމަތިލާނަން. އޭރުން ފައިނޭންޝިއަލީ ވެސް އަހަރެން ސްޓޭބަލް މީހަކަށްވާނެ. އަހަންނަށް ލައި ބެލެހެއްޓޭވަރުގެ ހަރުދަނާ ސްޓޭބަލް މީހަކަށްވާނަން."

"ހޭ... ވެއިޓް އަ މިނެޓް. އާކި..." އަކިޔަލްގެ ވާހަކައިގެ މިސްރާބު ހުރި ދިމާލުން ލައިލީއަށް ބުނެވުނެވެ.

"އެޓް ސަމް ޕޮއިންޓް... ވެން ޔޫ އާ ރެޑީ. ވީ ކެން ސްޓާޓް ޑޭޓިން." އަކިޔަލް ބުންޏެވެ.

"ވަޓް..." އަކިޔަލް ސަމާސާ ކުރަނީކަމެއް ނޫނީ ހަޤީޤަތުގައި ވެސް އެއީ އޭނާ ބޭނުންވާގޮތްކަމެއް ދެނެގަންނަން މިފަހަރު ލައިލީއަށް ދަތިވިއެވެ. ސުވާލު އުފެދިފައި އަކިޔަލްއަށް ބަލަހައްޓައިގެން ލައިލީއަށް އިނދެވުނެވެ.

"އައި ލަވް ޔޫ." ދެ މީހުންގެ ނަޒަރު އަމާޒުވެފައިވަނިކޮށް ދެމެދަށް ވެރިވެފައި އޮތް ހިމޭންކަން އަކިޔަލް ފޫދުއްވާލިއެވެ. ލައިލީއަށް އެއްޗެކޭ ބުނަން ދަތިވިއެވެ. ހިންދިރުވާލެވުނީ އެހެންވެއެވެ. އަކިޔަލްގެ ދެ ލޮލުން އޭނާ ސަމާސާ ކުރާކަމުގެ އަސަރެއް އެއްގޮތަކަށް ވެސް ނުފެނެއެވެ. އިރުކޮޅަކު އެހެން އިނދެފައި އަކިޔަލް ނަޒަރު ވަކިކޮށްލިއެވެ. އޭނާގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ.

"އިޓްސް އޯލްރައިޓް. އަހަރެން ކިތަންމެ ލޯބިވިޔަސް އަހަންނަށް އެނގޭ ލައި އަހަރެން ޗޫޒްއެއް ނުކުރާނެކަން." އަކިޔަލް ބުނެލިއެވެ.

"އައި އޭމް ސޮރީ. އަހަރެން..." ލައިލީއަށް އިތުރަށް އެއްޗެކޭ ނުބުނެވުނެވެ. އޭނާދެކެ އަކިޔަލް ލޯބިވެދާނޭ ލައިލީގެ ޚިޔާލަށް ވެސް ގެނެވިފައި ނުވަނީއެވެ. ލޯބީގެ ނަޒަރުން އަކިޔަލްއަށް ބަލާލުމަކީ ލައިލީ ނުކުރާނެކަމެކެވެ. އެފަދަ ޝައުގެއް ވެސް ލައިލީގެ ހިތުގައި އުފެދިފައި ނެތެވެ. ހިމޭންވެފައި ލައިލީއަށް އިނދެވުނީއެވެ. އަކިޔަލްގެ އިޙްސާސްތަކަށް ދޭނޭ ރައްދެއް ނެތީމައެވެ.

"ލައި ތިހާ ހާސްވެދާނޭ ހިޔެއްނުކުރަން. އަހަރެން ކިތަންމެ ފަހަރަކު މިވާހަކަ ބުނަން މަސައްކަތް ކުރީން. އެކަމަކު ލައި އަހަރެންގެ އެފަދަ ވާހަކަތަށް ދުށީ އަހަރެން ކުރާ ސަމާސާއެއްގެ ގޮތުގައި. އަހަންނަށް އެނގޭ އަހަންނަށް ފުރުޞަތެއްނެތްކަން. އަހަރެންގެ އިޙްސާސްތައް ދެނެގަންނަން މިހާ ދުވަސްވީއިރު ލައިއަށް ނޭނގުނަސް ލައިގެ އަމިއްލަ އިޙްސާސްތައް ނޭނގޭ ކަމަށް ހަދައިގެން ނުހުރޭ." އަކިޔަލް އިންތަނުން ތެދުވިއެވެ. ޖިންސުގެ އަރިމަތީ ޖީބަށް ދެއަތްތިލަ ކޮށްޕާލައި ލައިލީގެ ކުރިމަތީ ހުއްޓިލިއެވެ.

"އަހަރެން ކޮންކަމެއް ނޭނގޭކަމަށް ހެދީ." ލައިލީއަށް ފަހުމެއްނުވިއެވެ.

"ލައި ތިއުޅެނީ ދަރަކްދެކެ ރުޅިއައިސްގެން. އޭނާއާއެކީ އުޅޭން ބޭނުންނުވެގެންނެއްނޫން. އަހަރެން ބުނަން މިއުޅެނީ ތިކަންދެން ހުއްޓާލާށޭ. ދަރަކްއާ ވާހަކަދައްކަންވީ. ލައިގެ ހުރިހާ އިޙްސާސެއް އޭނާގެ ކުރިމައްޗަށް ބަންޑުންކޮށްލަންވީ. އޭނާ ލައިއަށް ބޭވަފާތެރި ނުވިޔަސް އޭނާ ލައިލީއަށް ސިއްރުން ކަންކަން ނުކުރާކަމަށް ނުވާނެ. އަނެއްކާ ތި މީހުންގެ އެނިވަރސަރީގައި އޭނާ ސިޔާއާ ބައްދަލުކުރަން ދިޔައީ. ލައި ހިތްހަމަނުޖެހިގެން ތިއުޅެނީ އެކަންކަމާ އެއްނު. ދަރަކް ކަހަލަ ހަރުދަނާ މީހަކު އަންހެނެއްގެ މަޅީގައި އެހާ ފަސޭހައިން ޖެހި އެ އަންހެން މީހާ ބުނިހާ ގޮތެއް ދަރަކް ހެދުމަކީ އޭނާއަށް ހެދުނު ބޮޑު ގޯހެއް. އޭނާ މިކަން ހައްލުކުރަން އުޅުނު ގޮތް ވެސް ގޯސް. އަހަރެމެން ހުރިހާކަމެއް ފަޅާއަރުވާނުލިނަމަ ދަރަކް އެކަން އެއީ ނުވާކަމެއްގެ ގޮތުގައި ނިންމަން ވިސްނާފައި ހުރީ. އެހެންވީނަމަ ލައިއަށް ހަޤީޤަތް އޮންނާނީ އޮޅިފައި. އޭނާ އެކަމުގެ ވާހަކަ ލައިއަށް ކިޔާދޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނޯންނާނެ." އަކިޔަލް ބުންޏެވެ.

"ތީ ތެދަކަށް ވެސް ވެދާނެ." ލައިލީ މަޑުމަޑުން ބުނެލިއެވެ.

"އަހަރެން ކުރީން ލައި ކައިރީ ބުނަމުން އައީ ދެމަފިރިން އެކުގައި އުޅޭން ބޭނުންނަމަ ދެމެދުގައި މައްސަލަ ޖެހޭނެހެން ހީވާ ކަންކަމާމެދު އަޅާނުލާން. އައި ޓޭކް ދެޓް ބެކް. ސޯ، ޕްލީޒް ފައިޓް ވިތް ޔޯ ހަޒްބަންޑް ތަރަލީ." އަކިޔަލް މިހެންބުނެ ހިނިތުންވުމެއް ބަދަލުކޮށްލިއެވެ.

"އެކަމަކު... އަހަރެމެން ދުވަހަކުވެސް ކަމަކާ ދެބަސްނުވަން. ދަރަކްއަކީ ވެސް ޒުވާބުކުރާ ކަހަލަ މީހެއްނޫން." ލައިލީއަށް ބުނެވުނެވެ. ލައިލީއަށް އެނގެނީ ދެމެދުގައި ޚިޔާލު ތަފާތުވުމެއް އަޔަސް ދަރަކް އަވަހަށް ދޫދޭކަމެވެ. ވީއިރު ދަރަކް ކަހަލަ މީހަކާ ދެބަސްވާނީ ކިހިނެއްބާއޭ ލައިލީ ހިތަށް އަރައެވެ.

"ރޮވުނަސް ބުނަން ބޭނުން އެއްޗެއް ހިތުގައި ނުބާއްވާ ބޭރުކޮށްލާ. ހަޅޭލަވަން ބޭނުމިއްޔާ ހަޅޭލަވާ. ޖަހަން ވެސް ޖަހަންވީ... ޔޫ ވިލް ފީލް ބެޓާ." އަކިޔަލް ބޮކްސިން ތަޅާ މީހަކު ފަދައިން ދެ އަތް އުފުލާލިއެވެ.

"އަހަންނަކަށް ނުކެރޭނެ މީހެއް ގައިގަ ޖަހާކަށް. އާކި ހީކުރާހާ ގަޓު މީހެއްނޫން މީ." ލައިލީ ބުނެލިއެވެ. އެއާއެކު އަކިޔަލް ހީނލައިފިއެވެ.

"ލައި... އިފް ޔޫ ޕްރިޓެންޑް ޓު ބީ ޓޫ އަންޑަސްޓޭންޑިން... ޔޫ ވޯންޓް ފައިޓް." އަކިޔަލް ބުނެލިއެވެ.

"އެކަމަކު... ދަރަކް އެ ވާހަކަތައް އަޑު އަހަން ބޭނުންނުވެއްޖެއްޔާ." ލައިލީގެ އަޑުގައި ހިސާބެއްގެ ފަސްޖެހުމެއް ވިއެވެ.

"އޭނާ އަޑު އަހާނެ. ލައި ދައްކާ ކޮންމެ ވާހަކައެއް އޭނާ އުފަލާއެކީ އަޑު އަހާނެ. ހިތުގައި ކަންކަން ބޭއްވުމަކީ ގޯހެއް. އެކަމާ ވިސްނާ ވަރަކަށް މީހާގެ ބޯގޮވާނީ. ހައްލެއް ނުލިބޭނެ. އެހެންވެ މިބުނީ ދަރަކްއާ ލައިގެ ހަޤީޤީ އިޙްސާސްތައް ޚިއްޞާކުރާށޭ." އަކިޔަލް ބުންޏެވެ.

"އާކި ހީވަނީ ދަރަކްގެ ރަޙުމަތްތެރިއަކަށް ވެއްޖެހެން." އަކިޔަލްގެ މޫނަށް ފަރުވާތެރިކަމާއެކު ބަލަން އިނދެފައި ލައިލީ ބުނެލިއެވެ. އެއާއެކު އަކިޔަލް ބަސްހުއްޓޭ ގޮތްވިއެވެ.

"ސްޓޮޕް ޖޯކިން." އަކިޔަލް ރަކިވާގޮތްވީއެވެ. ދަރަކްއަކީ ރަނގަޅު މީހަކަށްނުވިނަމަ އަކިޔަލް ހުރީ އޭނާގެ ކައިރިން ކޮންމެ ގޮތަކުން ވިޔަސް ލައިލީ ދުރުކޮށް އަމިއްލަ ކުރާން ނިންމައިގެންނެވެ. އެކުވެރިޔަކު އެފަދަ ވިސްނުމެއް ގެންގުޅޭނެ ހެއްޔެވެ. އަނެއްކޮޅުން އަކިޔަލްއަށް އެނގި ޔަގީންވަނީ ލައިލީއެކޭ އެއްފަދައިން ދަރަކްއަށް ވެސް ލައިލީދެކެ އިންތިހާއަށް ލޯބިވާކަމެވެ.

"އައި ޑިޑިންޓް ނޯ ޔޫ ކުޑް މޭކް އަ ފޭސް ލައިކް ދެޓް." ލައިލީ މިހެން ބުނެ ހީނލިއެވެ.

ލައިލީއަށް ނަޒަރު ހުއްޓާލައިގެން އަކިޔަލް ހުއްޓެވެ. އޭނާއަށް ލައިލީގެ އެންމެ ފުރަތަމަ ފާހަގަވީ އެ މައުސޫމް ހިނިތުންވުމެވެ. ލައިލީގެ ޖާދޫގައި އަކިޔަލް ޖެއްސީ ހަމަ އެ ހިނިތުންވުމެވެ. ފިރިމީހާދެކެ ލޯބިވާވަރު ހާމަކުރާއިރު އަބަދުވެސް ލައިލީގެ ދެ ލޮލުގައި އާދަޔާ ޚިލާފު ދިރުމެއް ވިދަވިދާ ހުރެއެވެ. ސާފު ހިތެއްގެ ވެރިއެއްކަން ފުރަތަމަ ދުވަހު ވެސް އަކިޔަލްއަށް ބުނަން އެނގުނެވެ. އެކަމަކު އެ އަންހެންކުއްޖާ އޭނާއަށް ލިބުމެއްނުވެއެވެ. ކިތަންމެ ބޭނުންވިޔަސް ލައިލީގެ ހިތަކީ ދަރަކްގެ މިލްކެއްކަން އަކިޔަލްއަށް އެނގެއެވެ. އިސްޖަހާލުމާއެކު އަކިޔަލް ހިނިތުންވެލީ އަމިއްލަ ނަސީބާ މެދުއެވެ.

"ހިނގާ ދަމާ." އަކިޔަލް ބުނެލިއެވެ.

"އިރުއޮއްސޭ މަންޒަރު ބަލާކަށްނޫންތަ އައީ." ލައިލީ އަހާލިއެވެ.

"ފެނިއްޖެ. ހިތްހަމަވެސް ޖެހިއްޖެ... އަނދިރިނުވިޔަސް އިރެއް މިހާރު ނެތެއްނު." އަކިޔަލް ވެސް ލައިލީއެކޭ އެއްފަދައިން ބަލާލީ އުޑުމައްޗަށެވެ.

* * * * *

ނަރުހުންގެ ސްޓޭޝަނަށް އެނބުރި އައި ޒިންދު އުޅުނީ ކޮފީއެއް ހަދާށެވެ. ތަފާތު މިޒާޖުތަކުގައި ބަލިމީހުންނާ ދިމާވާއިރު އެއިން ކޮންމެ މީހަކީ ނަރުހުންނަށް އިޚްތިރާމްކުރާ މީހަކަށްނުވެއެވެ. ބަލިމީހާގެ ޝަކުވާގެ އިތުރުން އެހީތެރީންގެ ޝަކުވާތަށް ވެސް އަޑުއަހަން ޖެހެއެވެ. ޒިންދު މިވަގުތު ހުރީ ބޯހަމަޖައްސާލަން ބޭނުންވެފައެވެ. ނަމަވެސް އޭނާގެ ފޯނު ވައިބްރޭޓް ވާންފެށީ ކޮފީ މަގު ނެގި ވަގުތެވެ.

"ދަރަކް. މަންމަ ޑިއުޓީގައި މިއުޅެނީ." ފޯނުކޯލު ނެގިގޮތަށް ޒިންދު ބުންޏެވެ.

"ސޮރީ މަންމާ. މާދަން ލައި ކައިރިއަށް މަންމަމެންގެއަށް އަހަރެން ދަންތަ؟." ދަރަކް އަހާލިއެވެ.

(ނުނިމޭ)