އެމެރިކާގެ މިޝިގަންގައި ދިރިއުޅޭ ކެރޮލީން އާއި އެންޑްރޫ ކްލާކް އާއި ދެމަފިރިންނަށް މި ފާއިތުވީ މާޗް 17 ވަނަ ދުވަހު ލިބުނު އަންހެން ދަރިފުޅަކީ ވަރަށް ޚާއްސަ ކުއްޖެކެވެ.
ސަބަބަކީ އެންޑްރޫގެ ސީދާ އާއިލާ އަށް 1885 ވަނަ އަހަރުން ފެށިގެން މި ފާއިތުވީ 138 އަހަރުގެ ތެރޭގައި އެންމެ އަންހެން ކުއްޖަކުވެސް އުފަން ވެފައި ނުވާތީ އެވެ.
އެންޑްރޫ އާއި ކެރޮލީންއަށް ވެސް ފުރަތަމަ ލިބިފައިވަނީ ފިރިހެން ކުއްޖެކެވެ. އެ ކުއްޖާއަށް މިހާރު ހަތަރު އަހަރެވެ. އެމީހުންނަށް މިފަހަރު މި ލިބުނު އަންހެން ދަރިފުޅަށް ކިޔާފައިވަނީ އޯޑްރީ އެވެ.
ގުޑް މޯނިން އެމެރިކާގައި ބައިވެރިވެ ވާހަކަ ދައްކަމުން ކެރޮލީން ބުނި ގޮތުގައި އޭނާގެ ފިރިމީހާގެ ސީދާ އާއިލާއަށް 1885 ވަނަ އަހަރުން ފެށިގެން އަންހެން ކުއްޖަކު އުފަން ނުވާ ވާހަކަ ބުނުމުން އޭނާއަށް ހައިރާންވެގެން ބަސް ހުއްޓިފައި އިނދެވުނެވެ.
"އަހަރެމެން ދެ މީހުން މީގެ 10 ވަރަކަށް އަހަރު ކުރިން ރައްޓެހިވީތާ ކުރީކޮޅު އެންޑްރޫ ބުނި މި ވާހަކަ އަހަރެން ކައިރީ. އޭނަ ބުނި 50-50 ޗާންސެއް ނޫންހޭ އޮންނަނީ އަންހެން ކުއްޖެއް ނޫނީ ފިރިހެން ކުއްޖެއް ލިބުމުގެ. އަހަރެމެންގެ އާއިލާއަށް 100 އަށް ވުރެ ގިނަ އަހަރު ވެއްޖޭ އަންހެން ކުއްޖެއް އުފަން ނުވާތާ،" ކެރޮލީން ބުނެފައި ވެއެވެ.
އެންޑްރޫގެ ބޮޑުބޭބެ އިންގެ އަންހެން ދަރިން އެބަ ތިއްބެވެ. ނަމަވެސް ސީދާ އޭނާގެ ބައްޕަ، ކާފަ އަދި މުނި ކާފައިން ގޮސް އެތައް ދަރިކޮޅަކަށް ވެސް އަންހެން ދަރިއަކު އުފަން ވެފައެއް ނެތެވެ.