ދީން

ދަރިންގެ ހިތުގައި ނަމާދަށް ލޯބި ޖައްސާށެވެ

Mar 17, 2025
ބައްޕައަކު އޭނާގެ ކުދިން ގޮވައިގެން ނަމާދަށް -- ފޮޓޯ: އަަވަސް
0%
0%
0%

ނަމާދަކީ އިސްލާމްދީނުގެ ތަނބެވެ. ތަނބުތައް ރަނގަޅު ފެންވަރެއްގައި ގާއިމު ނުކުރެވިއްޖެނަމަ އޭގެ މަތީ އޮންނަ ފަންގި ފިލާ ބޮލަށް ވެއްޓޭފަދައިން ފަރުޟު ފަސް ނަމާދު ހެޔޮ ގޮތުގައި ގާއިމު ނުކުރެވޭނަމަ އެ މީހެއްގެ ދީން ބޯމައްޗަށް ވެއްޓިދާ ހުއްޓެވެ. އެހެންކަމުން، ނަމާދުތައް އޭގެ ވަގުތުގައި ގާއިމުކުރާށެވެ. ދަރިން ނަމާދަށް ފަރިތަ ކުރުވާށެވެ.

އަމިއްލަ ނަފްސު ނަރަކައިން ސަލާމަތް ކުރުމާއެކު ތިބާގެ އަހުލުވެރިން ނަރަކައިން ސަލާމަތް ކުރުމަށް ﷲ ވަނީ އަންގަވާފަ އެވެ. އެކަމަށް އެންމެ މުހިއްމީ ނަމާދުތަކަށް ރައްކާތެރިވުމެވެ. ތިބާއަށާއި ތިބާގެ ދަރިންނަށް ނަމާދު ކުރުމުގެ ތައުފީގު ދެއްވާތޯ މާތް ﷲއަށް ގިނަގިނައިން ދުއާކޮށް ދެންނެވުމެވެ.

ތައުހީދުގެ އިމާމް، އަބުލް-އަންބިޔާއި ސައްޔިދުނާ އިބްރާހީމް عَلَيْهِ السَّلَام ކުރެއްވި ދުއާފުޅަކީ ﷲގެ ޝަރީއަތަށް ތަބާވާ ކޮންމެ މީހަކަށް އޮތް އިބުރަތްތެރި ފިލާވަޅެކެވެ.

އިތުރު އެކަލޭގެފާނު މުސްކުޅިފުޅު ވެފައިވަނިކޮށް ﷲ ދެއްވި ދެ ދަރިކަލުންނަށްޓަކައި ކުރެއްވި ދުއާފުޅު އިބްރާހިމް ސޫރަތުގެ 40 ވަނަ އާޔަތުގައި އެވަނީ އެވެ.

﴿رَبِّ اجْعَلْنِي مُقِيمَ الصَّلَاةِ وَمِن ذُرِّيَّتِي، رَبَّنَا وَتَقَبَّلْ دُعَاءِ﴾ (إبراهيم: ٤٠)

މާނައީ:- "އަޅުގެ ވެރިރަސްކަލާކޮ! އަޅާއީ، ނަމާދު قائم ކޮށް އުޅޭ މީހެއް ކަމުގައި ލައްވާނދޭވެ! އަދި އަޅާގެ ދަރިން ކުރެންވެސް މެއެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަދި އަޅުގެ دعاء قبول ކުރައްވާނދޭވެ!"

ﷲ سبحانه وتعالىއަށް ދުއާ ދެންނެވުމާއެކު، އަމަލީ ގޮތުން އެކަމަށް މަސައްކަތް ވެސް ކުރަންވާނެ އެވެ. ދަރިންނަށް ނަމާދުގެ ހަރަކާތްތައް ދަސްކޮށްދޭން ވާނެ އެވެ. ނަމާދުގައި ކިޔާ ތަކެތި އުނގަންނައިދޭން ވާނެ އެވެ. އެއްވެސް ހަރަކާތެއް ނުވަތަ ޒިކުރެއް އަދި ދުއާއެއް ވިޔަސް ފަހުން ދަސްކޮށްދޭން ދޫކޮށްލައިގެން ނުވާނެ އެވެ. ފުރަތަމަ އަޅައިދޭ ބިންގަލަކީ ފުރިހަމަ އެއްޗަކަށް ހަދަންވާނެ އެވެ.

ވުޟޫކުރާ ގޮތް އަމަލީ ގޮތުން ދައްކާށެވެ. ހުރިހާ ގުނަވަނެއްގައި ރަނގަޅަށް ފެން ޖެހުނުތޯ ބަލާށެވެ. ކުރާހިތުން މި ކަންކަން ކުރާނެ ޝައުގެއް އުފައްދާށެވެ. އެ ކުދިން ގޮވައިގެން، އަތުގައި ހިފައިގެން މިސްކިތަށް ދާށެވެ. އެ ކުދިން އުރައިގެން، ލޯބިން ހިތައިގެން ނަމާދާ ގާތް ކުރާށެވެ. ދަރިންގެ ހިތުގައި ނަމާދަށް ލޯބި ޖައްސާށެވެ.

ލިޔުނީ: މުހައްމަދު އަފްޒަލް

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345