ފޮރިން މިނިސްޓްރީ

އިޒްރޭލު ސިފައިން އަގްސާ މިސްކިތަށް ވަނުން ރާއްޖެއިން ކުށްވެރިކޮށްފި

Apr 6, 2023

އިޒްރޭލުގެ ސިފައިން ގަދަބާރުން މަސްޖިދުލް އަގްސާއަށް ވަދެ އެމިސްކިތުގައި އަޅުކަން ކުރަން ތިބި ފަލަސްތީނުގެ ރައްޔިތުންނަށް އަނިޔާކޮށް މިސްކިތަށް ގެއްލުންދިނުން ދިވެހި ސަރުކާރުން ކުށްވެރިކޮށްފި އެވެ.

އިޒްރޭލުގެ ސިފައިން އަގްސާ މިސްކިތަށް ވަދެ އެތަނުގައި އަޅުކަން ކުރަން ތިބި މީހުންނަށް ހަމަލާދިނީ މިދިޔަ އަންގާރަ ދުވަހުގެ ރޭ އެވެ.

އެ އަމަލު ކުށްވެރިކޮށް ދިވެހި ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނީ އިޒްރޭލު ސިފައިންގެ އަމަލުތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި އދގެ ސަލާމަތީ މަޖިލީހާއި އާންމު މަޖިލީހުގެ ގަރާރުތަކާ ހިލާފު އަމަލުތަކެއް ކަމަށެވެ.

"މިފަދަ އަމަލުތަކުގެ ސަބަބުން ފަލަސްތީނާއި އިޒްރޭލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކަށް ދާއިމީ ހައްލެއް ގެނައުމަށް ކުރެވޭ މަސައްކަތްތަކަށް ހުރަސް އެޅި، މެދުއިރުމަތީގައި ސުލްހަ އާއި ހަމަޖެހުން ގާއިމުކުރުމަށް ކުރެވޭ މަސައްކަތްތަކަށް ވެސް ހުރަސްއެޅޭ،" ސަރުކާރުގެ ބަޔާނުގައިވެ އެވެ.

ފަލަސްތީނުގައި ހިނގަމުންދާ ހަމަނުޖެހުންތަކަށް ދާއިމީ ސުލްހަވެރި ހައްލެއް ލިބެން އޮތީ 1967ގެ ކުރިން ކަނޑައަޅާފައިވާ އިންތަކުގެ މައްޗަށް ގާއިމުކުރެވިފައިވާ އިރުމަތީ ގުދުސް ވެރިރަށެއްގެ ގޮތުގައި ހަމަޖެހިފައިވާ މިނިވަން މުސްތަގިއްލު ފަލަސްތީނެއް ގާއިމުކުރެވިގެންކަން ކަމަށް ދިވެހި ސަރުކާރުން ވަނީ ބުނެފަ އެވެ.

ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުން ތިބީ ފަލަސްތީނުގެ ރައްޔިތުންނާ އެކު ކަން ފާހަގަކޮށް ފަލަސްތީނުގެ ރައްޔިތުން މިނިވަން މުސްތަގިއްލު ދައުލަތެއް އުފެއްދުމަށް ކުރަމުންދާ މަސައްކަތްތަކަށް ރާއްޖެއިން ތާއީދުކުރާ ކަން ވަނީ ތަކުރާރުކޮށްފަ އެވެ.

ފަލަސްތީނުގެ ރައްޔިތުން ކުރަމުންދާ މަސައްކަތްތަކަށް ބައިނަލްއަގުވާމީ މައިދާނުގައި ފަލަސްތީނުގެ ރައްޔިތުންގެ ފަރާތުން ވަކާލާތު ކުރުމުގައި ރާއްޖެއިން ދެމިތިބޭނެ ކަމަށް ދިވެހި ސަރުކާރުގެ ބަޔާނުގައި ބުނެފައިވެ އެވެ.