ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް

ވީއައިއޭއަށް ބޭނުންވާ ތެޔޮ ސަޕްލައިކުރުމުގެ އެއްބަސްވުން އާކޮށްފި

Apr 6, 2023

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އަށް އޭވިއޭޝަން ފިއުލް އަދި ގޭސްއޮއިލް ފޯރުކޮށްދިނުމުގެ އެއްބަސްވުން އާކޮށް، އާ އެއްބަސްވުމުގައި އެސްޓީއޯއާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) މިއަދު ސޮއިކޮށްފި އެވެ.

އެސްޓީއޯގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދު އެވެ. އެމްއޭސީއެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މަހުޖޫބު ޝުޖާއު އެވެ.

އެސްޓީއޯއާއި އެމްއޭސީއެލް އާއި ދެމެދު މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން އަންނަ އަހަރުގެ މާޗް 31 ވަނަ ދުވަހުގެ ނިޔަލަށް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އޭވިއޭޝަން ފިއުލް އަދި ގޭސްއޮއިލް އެސްޓީއޯ އިން ފޯރުކޮށްދޭނެ އެވެ.

މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން އޭވިއޭޝަން ފިއުލްގެ ގޮތުގައި 1.5 މިލިއަން ފީފާ އަދި ގޭސްއޮއިލްގެ ގޮތުގައި 80،000 ފީފާ ސަޕްލައިކުރާނެ އެވެ.

އެސްޓީއޯއިން އެމްއޭސީއެލް އަށް ބޭނުންވާ ތެޔޮ ފޯރުކޮށްދިނުމަށް އެސްޓީއޯގެ އަމިއްލަ ޓޭންކަރު -- އެމްޓީ އަލިމަސް ހިމެނޭ ގޮތަށް ދެ ޓޭންކަރެއް ބޭނުންކުރެ އެވެ.

އެސްޓީއޯއިން އަންނަނީ 2011 ވަނަ އަހަރުން ފެށިގެން އެމްއޭސީއެލްއަށް ބޭނުންވާ އޭވިއޭޝަން ފިއުލް އަދި ގޭސްއޮއިލް ފޯރުކޮށްދެމުންނެވެ.