ޖަޕާން ސަރުކާރުގެ އެހީގައި ރާއްޖޭގެ ފަސް ރަށެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށް އެއްބިލިއަން ރުފިޔާގެ ބޮޑު މަޝްރޫއެއް ފެށުމަށް ތައްޔާރުވެއްޖެ އެވެ.
މިއީ ގްރީން ކުލައިމެޓް ފަންޑުގެ އެހީގައި ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އޭޖެންސީ (ޖައިކާ)އާއި ދިވެހި ސަރުކާރު ގުޅިގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.
މިމަޝްރޫއަށް ޖައިކާގެ ފަރާތުން 35.4 މިލިއަން އެމެރިކާ ޑޮލަރާއި، ގްރީން ކުލައިމެޓް ފަންޑުން 25.1 މިލިއަން އެމެރިކާ ޑޮލަރާ އަދި ދިވެހި ސަރުކާރުގެ ފަރާތުން 5.5 މިލިއަން ޑޮލަރު ހަރަދުކުރާނެ އެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މިކަމާ ގުޅޭ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެންވަޔަރަންމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ އެވެ. ޖައިކާގެ ފަރާތުން ސޮއިކުރެއްވީ ރާއްޖެއަށް ހާއްސަކޮށްފައިވާ މަންދޫބެވެ.
"ބިލްޑިން ކުލައިމެޓް ރެސިލިއަންޓް އެންޑް ސޭފާ އައިލެންޑްސް އިން ދި މޯލްޑިވްސް"ގެ ނަމުގައި ކުރިއަށް ގެންދާ މިމަޝްރޫއަކީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުތަކާއި މޫސުމީ ކާރިސާތަކުގެ މައުލޫމާތު ފޯރުކޮށްދިނުން އިތުރަށް ހަރުދަނާކުރެވޭނެ ގޮތަކަށް ކުރިއަށް ގެންދާ މަޝްރޫއެކެވެ.
ހަ އަހަރު ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ މިމަޝްރޫއުގެ ތެރެއިން ގުދުރަތީ ވަސީލަތްތައް ހިމާޔަތްކޮށްގެން ރަށްރަށުގެ ގޮނޑުދޮށާއި ފަރުތަކުގެ ހާލަތު ދެނެގަތުމަށް އިންވެންޓްރީ ސްޓަޑީއަކާއި ރިސްކް އެސެސްމަންޓެއް ތައްޔާރުކުރުމަށްވެސް ނިންމާފައިވެ އެވެ.
މިމަޝްރޫއުގެ ގޮނޑުދޮށް ހިމާޔަތްކުރުމަށް ހަމަޖެހިފައިވަނީ ލ. އަތޮޅުގެ ހަތަރު ރަށަކާއި ސ. ފޭދޫ އެވެ. ލ. އަތޮޅުގެ ރަށްތަކަކީ ލ. ގަން، ލ. މާމެންދޫ ލ. އިސްދޫ އަދި ލ. ފޮނަދޫ އެވެ.