ރިޔާސީ އިންތިހާބު 2023

އޭޑީކޭ ނާޝިދުގެ ތާއީދު ރައީސް ސޯލިހަށް

Apr 7, 2023
1

އޭޑީކޭ ކުންފުނީގެ ޗެއާމަން އަހްމަދު ނާޝިދު، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ތާއީދުކުރައްވާނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ކަމުގައި ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހަށް ތާއީދުކުރައްވާ ކަން ހާމަކުރެއްވުމުގެ ގޮތުން ނާޝިދު ވަނީ އޭނާ ރައީސް ސޯލިހާ ސަލާމު ކުރައްވައިގެން ހުންނަވާ ފޮޓޯއެއް ޓްވީޓް ކުރައްވާފަ އެެވެ.

ނާޝިދުގެ ޓްވީޓްގައި ވިދާޅުވީ "އޭރުވެސް ރައީސް ސޯލިހު، މިހާރު ވެސް ރަައީސް ސޯލިހު" ކަމަށެވެ.

އެމްޑީޕީއަށް ނިސްބަތްވާ ނާޝިދު ވަނީ ރައްޔިތުންގެ މަޖިލީހުގައި އަދި ރައްޔިތުންގެ ހާއްސަ މަޖިލީހުގައި ރައީސް ސޯލިހްއާ އެކު މަސައްކަތް ކުރައްވާފަ އެވެ.

ރައީސް ސޯލިހަށް ތާއީދުކުރައްވާ ކަމަށް ރާއްޖޭގެ އެންމެ ބޮޑު އެއް ވިޔަފާރިވެރިޔާ ޗަމްޕާ އަހުމަދު މޫސާ (އުއްޗު) ވެސް ވަނީ ހާމަކުރައްވާފަ އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ސޯލިހަށް ތާއީދުކުރަން މަޝްހޫރު ވިޔަފާރިވެރިޔާ އަދި އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް މުހައްމަދާއި އެމްޑީއޭ އިން ވެސް ވަނީ ނިންމާފަ އެވެ.

ދީނީ އިލްމުވެރިން ގިނަ އަދަދަކަށް ހިމެނޭ އަދާލަތު ޕާޓީން ވެސް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ތާއީދުކުރަން ނިންމާފަ އެވެ.

އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ ރައީސް ސޯލިހާ ދެކޮޅަށް ފާޅުގައި މަސައްކަތް ކުރައްވަމުންނެވެ. ރައީސް ނަޝީދުގެ ތާއީދު އޮތީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް -- ގާސިމް އިބްރާހީމަށެވެ.