ނައީމާގެ މަރު

ނައީމާގެ ހަށިގަނޑުގެ 21 ތަނަކަށް ހުރީ ވަޅި ހަރާފައި"

Apr 8, 2023

ނ. މަނަދޫގައި އިއްޔެ މަރާލާފައި އޮއްވާ ފެނުނި ނައީމާ މޫސާގެ ހަށިގަނޑުގެ 21 ތަނަކަށް ވަޅި ހަރާފައިވާ ކަމަށް އެރަށުން ވާހަކަ ދެއްކި ބައެއް މީހުން ބުނެފި އެެވެ.

އަވަސްއާ ވާހަކަ ދެއްކި ބައެއް މީހުން ބުނި ގޮތުގައި އެކަނި ގެއެއްގައި ދިރިއުޅޭ ނައީމާގެ ހަށިގަނޑަށް ގެއްލުން ދިން ބަޔަކު އޭނާގެ ގުނަވަންތައް ވަކިކުރުމަށް މަސައްކަތް ކޮށްފައިވާ ކަމަށް ބެލެވެ އެވެ.

"ވަރަށް ބޮޑެތި އަނިޔާ ހުރީ ދީފައި،" މަނަދޫން ވާހަކަ ދެއްކި ޒުވާނަކު ބުންޏެވެ.

ނައިމާ އަކީ މަނަދޫ ކައުންސިލް އިދާރާގައި ރަށު ތެރެ ސާފުކުރަން އުޅޭ މުވައްޒަފެކެވެ.

އަވަސް އަށް މަނަދޫގެ އެކި މީހުންގެ ފަރާތުން މައުލޫމާތު ލިބިފައިވާ ގޮތުގައި ނައީމާ އިއްޔެ ޑިއުޓީއަށް ނައިސްގެން އަދި އޭނާގެ ހަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓްކުރުމުން ފުލުހުން އިއްޔެ ހަވީރު އެ ގެއަށް ގޮސް ނައީމާ ދިރިއުޅޭ ގޭގެ ކޮޓަރީގެ ދޮރު ވައްޓާލައިގެން ބެލިއިރު އޭނާ އޮތީ ޒަހަމްތަކަކާ އެކު ތަޅުންގަނޑު މަތީގައި މަރުވެފަ އެވެ.

މަނަދޫގެ ބައެއް މީހުން ނައީމާ ސިހުރު ހަދާ ކަމަށް ތުހުމަތުކުރާ ކަމަށް ބައެއް މީހުންގެ ފަރާތުން މައުލޫމާތު ލިބިފައިވެ އެވެ.

އުމުރުން 62 އަހަރުގެ ނައީމާގެ މަރުގެ މައްސަލަ މަނަދޫ ޕޮލިސްއާއި ނ. އަތޮޅު ޕޮލިސް ގުޅިގެން ތަހުގީގުކުރަމުންދާއިރު މާލެ އިން ފުލުހުންގެ ހާއްސަ ޓީމެއް ވެސް މިހާރު ވަނީ މަނަދޫ އަށް ގޮސްފަ އެވެ.

ނައީމާގެ މަރާ ގުޅިގެން މަނަދޫއަށް އެއްވެސް ބަޔަކު އަރާފައިބާނަމަ އެ ބައެއްގެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.

ފުލުހުން އަންނަނީ މިމައްސަލަ ސީރިއަސް މައްސަލަައެއްގެ ގޮތުގައި ތަހުގީގުކުރަމުން ކަމަށް އެ އިދާރާ އިން ބުނެފައިވެ އެވެ.