ލައިފްސްޓައިލް

މަތިންދާބޯޓު އުދުއްސަމުން ދަނިކޮށް ވިހަގަދަ ހަރުފައެއް ފެނިއްޖެ

ސައުތު އެފްރިކާގެ މަތިންދާބޯޓު ޕައިލެޓަކަށް "ސްނޭކްސް އޮން ދަ ޕްލޭން" ފިލްމުން ފެންނަ ކަހަލަ ހަގީގީ ހާދިސާއަކާ ކުރިމަތިވެއްޖެ އެވެ.

މިދިޔަ ހޯމަ ދުވަހު ހިނގި މި ހާދިސާގައި 11،000 ފޫޓު މަތިން އޭނާ ބޯޓު އުދުއްސަމުން ދަނިކޮށް ކުއްލިއަކަށް ބޯޓު ތެރެއިން ވިހަގަދަ ހަރުފައެއް ފެނުމުން އިމަޖެންސީގައި ލޭންޑްކުރަން ޖެހިފައި ވެއެވެ.

ޕައިލެޓް ރުޑޮލްފް އެރަސްމުސް އަށް މަތިންދާބޯޓުގައި ހަރުފައެއް އުޅޭކަން އެނގުނީ އޭނާއާ އެކު މަސައްކަތްކުރާ ބަޔަކު ގޮވައިގެން ސައުތު އެފްރިކާގެ ރަށަކަށް މަތިން ބޯޓު ދަތުރުކުރަމުން ދަނިކޮށެވެ.

"ކުއްލިއަކަށް އަހަރެންގެ އުނަގަނޑުގައި ފިނި އެއްޗެއް ޖެހުނު ކަމުގެ އިހްސާސްވުމުން އަހަރެން ހީކުރީ އަހަރެން ގެންގުޅުނު ފެންފުޅީގެ މަތި ރަނގަޅަށް ނުޖެހި އިނދެގެން އެ ފުޅިން ފެން ލީކުވަނީ ކަމަށް. ނަމަވެސް އެނބުރިފައި ބަލާލިއިރު ފެނުނީ ހަރުފައެއްގެ ބޯ. އެސޮރު އޭރު ކޮކްޕިޓްގައި އަހަރެން އިށީނދެ އިން ގޮނޑީގެ އަޑިއަށް ވަންނަނީ،" ޕައިލެޓް ބުންޏެވެ.

މިފަދަ ބިރުވެރި މަންޒަރެއް ކުއްލިއަކަށް ފެނުމުން ކޮންމެ މީހަކަށް ވެސް ވާގޮތަށް އޭނާއަށް ވެސް އެންމެ ފުރަތަމަ ހަދާނެ ގޮތެއް ނޭނގި ހުއްޓިފައި އިނދެވުނީ ކަމަށް ޕައިލެޓް ބުންޏެވެ.

"އަހަރެންގެ ލޮލަށް މި ފެނުނު އެއްޗެއް އަހަރެންގެ ސިކުނޑިއަށް ގަބޫލެއް ނުކުރެވުނު. އެހެންވެ ގަނޑުވެފައި އިނދެވުނީ،" ޕައިލެޓް އެރަސްމުސް ބުންޏެވެ.

ދެން ކުއްލިއަކަށް އެރަސްމުސް އަށް އެއްކަމެއް ޔަގީން ކުރެވުނެވެ. އޭނާ އުދުއްސަމުންދިޔަ މަތިންދާބޯޓަށް އަރައިގެން މި އުޅެނީ ކޭޕް ކޯބްރާ ކިޔާ އެންމެ ވިހަގަދަ ވައްތަރުގެ ހަރުފައެއް ކަމެވެ.

މިގޮތަށް ކުއްލިއަކަށް ހަރުފައެއް ފެނުމަކީ އަރަސްމުސް އަށް ޝޮކް ލިބުނު ކަމަކަށް ވިޔަސް އޭނާ އެކަމަކާ އެހާ ބޮޑަކަށް ހައިރާނެއް ނުވެ އެވެ. ސަބަބަކީ އޭނާގެ ފްލައިން ކްލަބްގައި މަސައްކަތްކުރާ މީހަކަށް މީގެ ކުރިންވެސް މަތިންދާބޯޓެއްގެ ޝީޓެއްގެ ދަށުން ހަރުފައެއް ފެނިގެން އެ ވާހަކަ ރިޕޯޓް ކޮށްފައި ވާތީ އެވެ.

ކޭޕް ކޯބްރާ އަކީ އެފްރިކާގައި ދިރިއުޅޭ ހަރުފައިގެ ބާވަތްތަކުގެ ތެރެއިން އެންމެ ވިހަގަދަ އެއް ބާވަތުގެ ހަރުފަ އެވެ. މީގެ ހަރުފައެއް އިންސާނެއްގެ ގަޔަށް ވިހަލައިފިނަމަ އެމީހެއްގެ ފުރާނަ ސަލާމަތްކުރަން ލިބޭނީ 30 ވަރަކަށް މިނިޓްގެ ކުޑަ އިރުކޮޅެކެވެ. އެހާވެސް މި ހަރުފައިގެ ވިހައިގެ ބާރު ގަދަ އެވެ.

"ހަގީގަތުގައިވެސް އަހަރެން ވަރަށް ބިރުގަތް. އަހަރެން އެންމެ ހާސްވީ އެ ސޮރު ނުކުމެގެން ގޮސް ފަސިންޖަރުން އިށީނދެ ތިބި ތަނަށް ހިނގައިދާނެތީ. މިފަދަ ދަނޑިވަޅެއްގައި އަހަރެން މާބޮޑަށް ބިރުގަނެ ހާސް ވެއްޖިއްޔާ މިހާލަތު ވަރަށް ގޯސް ވެދާނެކަން އަހަރެންނަށް ވިސްނުނު،" ޕައިލެޓް ކިޔައިދިނެވެ.

މި ހާލަތުގައި ފަސިންޖަރުން ބިރުން ބޯޓު ތެރޭގައި ދެކޮޅަށް ދުވެ ހަދަން ފަށައިފިނަމަ ނުރައްކާތެރި ހާލަތެއް މެދުވެރިވާނެ ކަމަށް ވިސްނައި ޕައިލެޓް އެންމެ ފަހުން ފަސިންޖަރުންނަށް އެނައުންސްމަންޓެއް ދިނެވެ.

ވަރަށް ހަމަޖެހިލައިގެން އިނދެ އޭނާ ބޯޓުގައި ދިމާވެގެން އުޅޭ ހާލަތު ފަސިންޖަރުންނަށް އޮޅުން ފިލުވައިދިނެވެ.

"އެ އެންމެންނަށް ވެސް ހަދާނެ ގޮތް ހުސްވެ ހަމަ ހިމޭންވި. އަހަންނަށް ހީވަނީ އެމީހުން ވެސް ތިބީ ޝޮކް ޖެހިފައި ހެން. ނަސީބަކުން އެންމެން ވެސް ތިބީ ވަރަށް މަޑުމައިތިރިކޮށް. އެހެންވެ އަހަރެންނަށް މި ހާލަތު ކޮންޓްރޯލްކުރަން ފަސޭހަވީ،" ޕައިލެޓް ބުންޏެވެ.

އެރަސްމުސް އެހިސާބުން ބޯޓު އިމަޖެންސީ ލޭންޑިން އަކަށް ތައްޔާރުކުރި އެވެ. އަދި 15 ވަރަކަށް މިނިޓް ތެރޭގައި ބޯޓު އިމަޖެންސީ ލޭންޑިން ހަދައި ބޯޓުގައި ތިބި ފަސިންޖަރުން އެއްވެސް އަނިޔާއެއް ނުލިބި ބޯޓުން ބޭލުވި އެވެ.

އެރަސްމުސް ބުނި ގޮތުގައި ބޯޓުން އެހެން އެންމެން ފޭބުމުން އޭނާ ބޯޓުގެ ވިންގްގައި ހުރެގެން އޭނާ އިން ގޮނޑި ކުރިޔަށް ޖައްސައިގެން ހަރުފަ ކޮބައިތޯ އޭނާ ބެލިއިރު އެ ސޮރު އޮތީ ގޮނޑީގެ އަޑީ ބައިގައި ރަނގަޅަށް ހަމަޖެހިލައިގެންނެވެ. އެ ހަރުފަ އޭނާ ހީކުރި ވަރަށް ވުރެ މާބޮޑު ކަމަށް ވެސް އެރަސްމުސް ބުންޏެވެ.

ނަމަވެސް ހަރުފަ ހިފާ މީހަކާއި އިންޖިނޭރު ބޯޓަށް އަރައި ހަރުފަ ހޯދަން އުޅެ އުޅެ އެސޮރު ނުފެނުނެވެ. އެ ސޮރު ވަނީ ކޮންމެވެސް ދޭތެރެއަކަށް ވަދެ ފިލާފަ އެވެ.

އެ ސޮރު ފެނޭތޯ ބޯޓުގެ ސީޓުތަކާއި ޕެނަލްތައް ވެސް ނައްޓައިގެން ބަލާފައި ވެއެވެ. ނަމަވެސް އެސޮރު ހޯދަން ކުރި ހުރިހާ މަސައްކަތެއް ވަނީ ނާކާމިޔާބުވެފަ އެވެ.

ސައުތު އެފްރިކާގެ ސިވިލް އޭވިއޭޝަން ކޮމިޝަނަރު ޕޮޕީ ކޯސާ ވަނީ އެރަސްމުސް އަށް ވަރަށް ތައުރީފުކުރައްވައި އޭނާއަކީ "ހީރޯ"އެއް ކަމަށް ވިދާޅުވެފަ އެވެ. އެއީ އޭނާގެ ވިސްނުން ކުރިޔަށް ނެރެ ހިތްވަރާއެކު ކުރި މަސައްކަތުން ބޯޓުގައި ތިބި އެންމެންގެ ފުރާނަ ސަލާމަތްވީމަ އެވެ. ނަމަވެސް އެރަސްމުސް ގަބޫލުކުރާ ގޮތުގައި އޭނާއަކަށް އެވަރުގެ ތައުރީފު ހައްގެއް ނޫނެވެ.

"ތެދުތެދަށް ބުނާނަމަ ބުނެވޭނީ އެންމެންވެސް ވަރަށް އެހީތެރިވިޔޭ. އެފަދަ ހާލަތެއްގައި ފަސިންޖަރުން އެއްބާރުލުންދީ ހަމަހިމޭނުން ނުތިބިނަމަ ހާލަތު ވަރަށް ގޯސްވުން އެކަށީގެންވޭ. އެމީހުން މައިތިރިވެ ތިބުމުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބުނު. އަހަރެން ބުނަނީ މިކަން މާބޮޑު ކަމަކަށް ހަދައިގެން އަހަރެން 'ހީރޯ' އަކަށް ހަދައިގެން އުޅުން ބަލައިގަންނަން ފަސޭހައެއް ނޫނޭ،" އެރަސްމުސް ބުންޏެވެ.