ޓޫރިޒަމް

ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ބައި މިލިއަން ހުރަސްކޮށްފި

ރާއްޖެއަށް މިއަހަރުގެ މިހާތަނަށް އައި ފަތުރުވެރިންގެ އަދަދު ބައި މިލިއަން ހުރަސްކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިމަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށް 555،537 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައި 457،005 ފަތުރުވެރިންނަށްވުރެ 21.6 ޕަސަންޓު އިތުރުވުމެކެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ ޖެނުއަރީ މަހު ރާއްޖެއަށް 172،499 ފަތުރުވެރިން އައިސްފައިވެ އެވެ. ފެބްރުއަރީ މަހު 177،915 ފަތުރުވެރިން ރާއްޖެ އައިއިރު މާޗްމަހު އައީ 173،514 ފަތުރުވެރިންނެވެ. އެޕްރީލް މަހުގެ ފުރަތަމަ ދުވަހުން ފަސް ވަނަ ދުވަހުގެ ނިޔަލަށް 31،609 ފަތުރުވެރިން އައިސްފައިވެ އެވެ.

ފަތުރުވެރިކަމުގެ ގަދަ 10 ގައުމު

  • ރަޝިއާ - 68،102 ފަތުރުވެރިން
  • އިންޑިއާ - 58،859 ފަތުރުވެރިން
  • އިނގިރޭސިވިލާތް - 55،093 ފަތުރުވެރިން
  • އިޓަލީ - 48،135 ފަތުރުވެރިން
  • ޖަރުމަނު - 41،489 ފަތުރުވެރިން
  • އެމެރިކާ - 23،184 ފަތުރުވެރިން
  • ފްރާންސް - 22،780 ފަތުރުވެރިން
  • ޗައިނާ - 19،748 ފަތުރުވެރިން
  • ސްވިޓްޒަލޭންޑް - 12،853 ފަތުރުވެރިން
  • އޮސްޓްރިއާ - 9،696 ފަތުރުވެރިން

ރާއްޖެ އަންނަ ފަތުރުވެރިން އެވަރެޖުކޮށް މިހާރު އަށް ދުވަސް ރާއްޖޭގައި ހޭދަކުރެ އެވެ.

ފަތުރުވެރިކަމަށް މިވަގުތު ރާއްޖޭގައި 170 ރިސޯޓާއި 896 ގެސްޓުހައުސް އާއި 153 ސަފާރީ އުޅަނދުގެ އިތުރުން 13 ހޮޓާ ދަނީ ހިންގަމުންނެވެ. މި ތަންތަނުގައި ފަތުރުވެރިންނަށް ހުރި އެނދުގެ އަދަދަކީ 61،406 އެވެ.