ދިގުރަށް

ދިގުރަށުން 77 ގޯތި ދޫކުރަނީ

Apr 9, 2023

އދ. ދިގުރަށުން 77 ގޯތި ދޫކުރުމަށް ނިންމާ ކުރިމަތިލުމަށް ހުޅުވާލައިފި އެެވެ.

ފޯމު ހުށަހެޅުމަށް ފުރުސަތު ދީފައިވަނީ ކުރިއަށް އޮތް މެއި މަހުގެ ނުަވަވަނަ ދުވަހުގެ ނިޔަލަށެވެ.

ދިގުރަށުން ދިނުމަށް ނިންމާފައިވަނީ 2،000 އަކަފޫޓުގެ ގޯތިތަކެކެވެ.

ދިގުރަށުން ގޯތި ދިނުމަށް އެކުލަވާލާފައިވާ އުސޫލުގައިވާ ގޮތުން އުފަންވީއްސުރެ އެރަށުގައި ދިރިއުޅޭ އަދި ކައިވެނިކޮށްފައިވާ މީހެއްނަމަ އެންމެ މަތިން ޕޮއިންޓް ލިބޭނެ އެވެ. އެއީ ޖުމްލަ 65 ޕޮއިންޓެވެ.

ސަރުކާރު ގެޒެޓުންނާއި ދިގުރަށު ކައުންސިލްގެ ވެބްސައިޓުން އަދި ދިގުރަށު ކައުންސިލް އިދާރާ އިން ފޯމު ލިބޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފަ އެވެ.

ގެސްޓްހައުސްގެ ވިޔަފާރި ފުޅާކޮށް ކުރަމުންދާ ދިގުރަށުން ގޯތި ހޯދުމަށް ފޯމު ލެވޭނީ ރާއްޖޭގެ އެއްވެސް ރަށަކުން ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް ނުވަތަ އެފަދަ ގޯއްޗަކުން 600 އަކަފޫޓަށް ވުރެ ބޮޑު ބައެއް ލިބިފައިވާ ނުވަތަ އެ މީހެއްގެ ނަމުގައި ރަޖިސްޓަރީ ކޮށްފައި ނުވާ މީހުންނަށެވެ. 600 އަކަފޫޓަށް ވުރެ ކުޑަ ބިމެއް އޮތް ނަމަ އެ ތަންކޮޅު ވެސް ދޫކޮށްލަންޖެހެ އެވެ.

ގޯތި ދޫކުރެވެން ހުރި ރަށްތަކުން މިއަހަރު ނިމުމުގެ ކުރިން ގޯތި ދޫކުރުމަށް ޕްލޭނިން މިނިސްޓްރީއާއި ކައުންސިލްތައް ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.