ފުއާދު ތައުފީގު

ދައުލަތުގެ މުދާ ކެމްޕޭންގައި ބޭނުންކުރާނަމަ އޭސީސީއަށް ހުށަހަޅާ: ފުއާދު

ދައުލަތުގެ މުދާ ކެމްޕޭންގައި ބޭނުންކުރާނަމަ އެކަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހެޅުން ރަނގަޅުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެ އެވެ.

ފުއާދު މިހެން ވިދާޅުވީ ގުރައިދޫ ދާއިރާގެ އިންތިހާބުގައި ސަރުކާރު ކުންފުނިތަކުގެ އެމްޑީން މަގާމުގެ ދިފާއުގައި ދައުލަތުގެ މުދާ ބޭނުންކުރާ ކަމަށް މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ތުހުމަތު ކުރައްވާ ކުރެއްވި ޓްވީޓާ ގުޅިގެންނެވެ.

"އެއް ވެސް ފަރާތަކުން ދައުލަތުގެ މުދާ ބޭނުންކުރާ ނަމަ، އެކަން ކަމުގެ ތަފުސީލީ މައުލޫމާތު، ލިބެން ހުރި ހެކިތަކާއެކު އޭސީސީ އަށް ހުށަހެޅުއްވުން ރަނގަޅުވާނެ،" ޓްވީޓަށް ރައްދު ދެއްވާ ފުއާދު ވިދާޅުވި އެވެ.

ގުރައިދޫ ދާއިރާގެ އިންތިހާބުގައި ދައުލަތުގެ މުދާ ބޭނުންކުރާ ކަމަށް އިދިކޮޅުން ތުހުމަތުކޮށްފައިވާއިރު ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން ހޮނިހިރު ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

މި އިންތިހާބުގައި ވާދަކުރަނީ އެމްއެންޕީއާއި އެމްޑީޕީއާއި ޕީޕީއެމުންނެވެ. ހުރިހާ ކެންޑިޑޭޓުން ވެސް ނިސްބަތްވަނީ ގުރައިދޫ ދާއިރާގެ އެންމެ ބޮޑު ރަށް -- ގުރައިދޫ އަށެވެ.

ޕީޕީއެމްގެ ޓިކެޓް ދީފައިވަނީ އެ ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ރިޒާގެ ކޮއްކޮ ހުސައިން ރިޒާ އަށެވެ. އެމްއެންޕީން ޓިކެޓް ދީފައިވަނީ އަލީ އާރިފް އަށެވެ. ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރުމަށް އެމްޑީޕީން ޓިކެޓް ދޭނެ ބޭފުޅެއް ކަނޑައެޅުމަށް ބޭއްވި ޕްރައިމަރީ ކާމިޔާބު ކުރެއްވީ އިބްރާހިމް ޝާޒް އެވެ.

އެމްޑީޕީ އާއި ޕީޕީއެމް އާއި އެމްއެންޕީން ދަނީ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގެ ކެމްޕޭން ކުރަމުންނެވެ.