ވާހަކަ

ކައިވެނީގެ އަމާޒު ކަމުގާ

( 6 އެޕްރިލް 2023 އާ ގުޅޭ )

ޒިންދު މިވަގުތު ހުރީ ބޯހަމަޖައްސާލަން ބޭނުންވެފައެވެ. ނަމަވެސް އޭނާގެ ފޯނު ވައިބްރޭޓް ވާންފެށީ ކޮފީ މަގު ނެގި ވަގުތެވެ.

"ދަރަކް. މަންމަ ޑިއުޓީގައި މިއުޅެނީ." ފޯނުކޯލު ނެގިގޮތަށް ޒިންދު ބުންޏެވެ.

"ސޮރީ މަންމާ. މާދަން ލައި ކައިރިއަށް މަންމަމެންގެއަށް އަހަރެން ދަންތަ؟." ދަރަކް އަހާލިއެވެ.

"އިއްޔެ ވެސް މަންމަ ބުނީމެންނު އަދި އަވަހޭ. ލައި އަދި ތައްޔާރުހެން ހިޔެއްނުވޭ. މިކަމުގައި ދަރަކް ވަރަށް ކެތްތެރިވާން ޖެހޭނެ." ޒިންދު ބުންޏެވެ.

"ލައިލީ ކައިރިޔަށް ގޮސްލަންކަމަށް." ދަރަކްއަށް ބުނެވުނެވެ.

"ކެތްތެރިވުމަކީ ފަސޭހަކަމެއްނޫން. އެހެންވިޔަސް މިފަހަރު ދަރަކް އެބަޖެހޭ ކެތްތެރިވާން. ލައިލީއާމެދު ވިސްނާލާފައި ވެސް." ޒިންދު ބުންޏެވެ. ދަރަކްއަށް އެވަރު ވިސްނެއެވެ. ކައިރީގައި ލައިލީ ނެތުމުން ދަރަކްއަށް ލިބެމުންދާ ނުތަނަވަސްކަމުގެ އަސްލަކީ ޚުދު ދަރަކްއެވެ. އެނާގެ ސަބަބުން ލައިލީއަށް ލިބިފައިވާ ހިތްދަތިކަމާއި އަޅައިނުކިޔޭނެކަން ދަރަކްއަށް އެނގެއެވެ.

"މަންމަ ލައިލީއާ ވާހަކަދައްކާނަން. ލައި ހަމަޖެހިލީމަ ދަރަކްއަށް ގުޅާނަން. އެހާތަނުން ގެއަށް އާދޭ ލައި ބަލާ." ޒިންދު ބުންޏެވެ.

"އެންމެރަނގަޅު... މަންމަ ވާހަކަދައްކާނަން ދޯ." ދަރަކް ޔަގީންކުރީއެވެ. އޭނާ އެ ހުރީ މިހާރު މިވަގުތު ވެސް ޒިންދުމެން ގެއަށް ލައިލީގެ ގާތަށް ދާން ތައްޔާރަށެވެ.

"ހޫމް. ފަހުން ގުޅާނަން." ޒިންދު މިހެންބުނެ ފޯނުކޯލު ނިންމާލަން އުޅުނެވެ. ނަމަވެސް އެހިނދު ދަރަކް ނިކަން އަވަހަށް މަންމާއޭ ގޮވާލައިފިއެވެ. އިހަށް މަޑުކޮށްލަން އެދޭ ފަދައަކުންނެވެ. އެއާއެކު ކިހިނެއްތޯވީ ޒިންދު އަހާލިއެވެ.

"މީ... ލައި.... އަހަރެމެން ވަކިވާން އުޅޭ ކަހަލަ ވާހަކައެއް ލައި ދެއްކިތަ؟." ދަރަކް ޖެހިލުންވެފައި ހުރެ ވެސް އެނގެން ބޭނުންވެފައިވާލެއް ބޮޑުކަމުން ޒިންދުއާ ސުވާލުކުރިއެވެ.

"އެކަހަލަ ވާހަކައެއް ނުދައްކާ. އެކަމަކު ދަރަކް ތިހާ ކެތްތެރިކަން ކުޑަވެގެން އުޅެންޏާ ލައިލީއެއް ކަމަކު ގޯސް ނިންމުމެއް ނިންމަފާނެ." ޒިންދު ބުނެލިއެވެ. އެއާއެކު ދަރަކް ހިމޭންވެއްޖެއެވެ.

"ސޮރީ މަންމާ. ލައިލީއާ މެދު އަހަންނަށް ކަންތައްކުރެވުނީ ރަނގަޅަކަށްނޫންކަން އެނގޭ." ދަރަކްގެ އަޑު މަޑުވެ މޮޅިވެރިކަން ވިއެވެ. އެހިނދު ޒިންދު ނިކަން އަވަހަށް ވާހަކަދައްކަންފެށިއެވެ.

"ސާބަސް. މަންމަ އެހެންބުނި އެއްޗެއް ނޫން. ދަރަކް ތިހާ ކެތްނުލަވައިގެން އުޅޭތީ މަންމަ ހަމަ ބުނެލީ." ޒިންދު ބުންޏެވެ.

"މަންމާ. އަހަރެން ދުވަހަކުވެސް ލައިލީ ވަރިކުރާކަށް ބޭނުމެއްނޫން. ލައި ވަރިއަށް އެދުނަސް އަހަރެންނަށް އެކަމަށް އެއްބަހެއްނުވެވޭނެ. އަހަރެން ހުރިހާކަމެއް ރަނގަޅުކުރާން ބޭނުން." ދަރަކް ބުންޏެވެ. ޒިންދު ހީނލިއަޑު އިވުނެވެ.

"ދަރަކް. މަންމައަށް އެނގޭ ލައި ދޫކޮށްލާ ފަދަ ވިސްނުމެއް ދަރަކް ނުގެންގުޅޭކަން. ކޮންމެ މީހަކަށް ވެސް ގޯހެއް ހެދިދާނެ. ވިސްނުނީމާ ރަނގަޅުކުރުން އޮންނަނީ. އެވަރު މަންމަ ޤަބޫލުކުރަން. ދަރަކް އަލުން ލައިލީގެ އިތުބާރާއި އޭނާގެ ރުހުން ހޯދަން މަސައްކަތް ކުރާކަން އެނގުމުން މާގިނަދުވަހަކު ލައިލީއަށް ނުހުރެވޭނެ އެގޮތަށް ނުރުހިފައެއް." ޒިންދު ބުންޏެވެ. އޭނާގެ ދަރިފުޅުދެކެ ދަރަކް ލޯބިވާވަރާއި އަޅާލާވަރު ޒިންދުއަށް އެނގެއެވެ. އެ ދެ މީހުން ވަކިވާކަށް ޚުދު ޒިންދު ވެސް ނޭދެއެވެ.

* * * * *

ރޭގަނޑުގެ ވަގުތެވެ. ލައިލީ ހުރީ ސިޑިކައިރިއަށް ނުކުމެ ފާރުބުރީގައި އަތްއަޅުވާލައިގެން މަގުމަތި ބަލާށެވެ. އޭރު އަތުގައި އޮތް ޗޮކުލެޓު ޖޯޑު ވެސް ބޮއެ ހުސްވެއްޖެއެވެ. ޚިޔާލުތަކުން އެއްފަރާތްވެލި މީހަކުހެން ހަށިފުރާ ފުންނޭވާއެއް ލައިލީ ދޫކޮށްލިއެވެ. އަދި އެނބުރި އެޕާޓްމެންޓަށް އޭނާ ވަނެވެ. ކޮފީޖޯޑު ދޮވެފައި ފިނި ފެންފުޅިއެއް ހިފައިގެން އައިސް ކާމޭޒުދޮށުގައި ލައިލީ އިށީނެވެ. އެޕާޓްމެންޓުގެ ދޮރު ހުޅުވާލައި އެތެރެއަށް ޒިންދުވަނީ ލައިލީ އެގޮތަށް އިންދައެވެ.

"އަދިވެސް ނުނިދަންތަ. މަންމަ ހީކުރީ މިހާރު އޮންނާނީ ނިދާފައި ކަމަށް." ޒިންދު އައިސް މޭޒުމަތީ ހުރި ފިނި ފެންފުޅިން ފެންތަށްޓެއް އެޅިއެވެ.

"އަދި ނިންޖެއްނެތް." ލައިލީ ބުންޏެވެ.

"ކައިގެންތަ ތިހުރީ." ޒިންދު އަހާލިއެވެ.

"ކާހިތެއްނެތް... ހޮޓް ޗޮކުލެޓެއް ބޮއެގެން މިއިނީ." ލައިލީ ބުންޏެވެ. އަދި އޭނާގެ ކައިރިން އަޅާފައި ޒިންދު ކޮޓަރިއަށް ގޮސް ހެދުން ބަދަލުކޮށްގެން އައިސް ކާން ތައްޔާރު ކުރާން އުޅުނެވެ. ޑިއުޓީ ނިންމާފައި އައިސް ޒިންދު ކައިގެން ނޫނީ ނިދާކަށް ނުދާނޭކަން ލައިލީއަށް އެނގެއެވެ.

"ބައްޕައާ ވާހަކަދައްކަން ފެށީތަ؟." ލައިލީއަށް ހީވެފައި އޮތް އެއްޗެއް އަހާލިއެވެ.

"އާން. ލައިގެ ބައްޕަ ގުޅީމަ ވާހަކަދެއްކީ." ޒިންދު ބުންޏެވެ.

"ސޮރީ މަންމާ. މަންމަ އެކަނިވާނެވަރު އޭރު ނުވިސްނުނީ. މަންމައާ މެދު އަޅާލަން ހުރީ އަހަރެން އެކަނި. އެކަމަކު އަހަރެން ވެސް އުޅުނީ މަންމައަށް ބްލޭމްކުރުމުގައި." ލައިލީ ބުނެލިއެވެ.

"ލައިގެ ބައްޕަ ވެސް ތިކަހަލަ އެއްޗެއް ބުނި... އޭނާ މިހާރު ހިތަށް އަރަޔޯ އަހަންނަށް އަޅާލެވުނުނަމައޭ. ވަރިވާކަށް ހަޤީޤަތުގައި އޭނަ ބޭނުމެއްނޫނޯ. އެކަމަކު ދެން ނަމަނަމައަކުން އެއްކަމެއް ވެސް ނުވާނެ. ވާން ހުރިކަމެއް އެޔޮތީ ވެ ނިމިފައި. އަހަންނަށް ހީވަނީ އޭނާ މުސްކުޅިވާތީ ވިސްނުން ވެސް ބަދަލުވަނީހެން." ޒިންދު ބުންޏެވެ.

"ބައްޕަ އަދި އެހާ މުސްކުޅިއެއްނޫން." ލައިލީ ބުނެލިއެވެ. ޒިންދު ޖަހާލީ ހިނިގަނޑެކެވެ.

"ލައިގެ ބައްޕަ އަހަރެންގެ ފުރަގަހުގައި އެކަމެއް ކުރީ އަހަންނަށް ނޭނގޭނެކަމަށް." ޒިންދު ބުންޏެވެ. މިހާރު އެ ވާހަކަތަކުން އޭނާއަށް އެއްވެސް އަސަރެއް ނުކުރެއެވެ. ދަރިފުޅާ ޚިއްޞާކުރާކަށް ވެސް ޖެހިލުމެއްނުވެއެވެ. މިހާރު އެ ދަރިފުޅު އަމިއްލަ ދިރިއުޅުމެއް ފަށައިފައި ވާއިރު ދިރިއުޅުމެއްގައި ޖެހޭނެ ކުންޏާއި އެކަމުން އެ ދިރިއުޅުމަށް ކުރާނޭ އަސަރު ވެސް ވިސްނޭނެއެވެ.

"އަހަރެން ކުޑަކޮށް ވެސް ހަނދާނެއްނުވޭ މަންމަ ބައްޕައާ ޒުވާބުކުރާތަނެއް. އެވަރުގެ ބޮޑުކަމެއް ހިނގައިގެން އުޅޭކަމުގެ ހިލަމެއް ނުވޭ." ލައިލީ ބުންޏެވެ.

"ލައިގެ ކިޔެވުމުގެ އެންމެ މުހިންމު ތިން އަހަރު އެއީ. އަހަރެން ލައިގެ ބައްޕައާ ޒުވާބުކުރަން ފަށައިފިނަމަ ގޭތެރޭގެ ހަމަޖެހުން ގެއްލޭނެ. އެކަމުގެ އަސަރު އެންމެ ބޮޑަށް ކުރާނީ އަހަރެމެންގެ ދަރިފުޅަށްކަން އަހަރެންނަށް އެނގޭ. އަހަރެން ކެތްތެރިވީ އެހެން ވިސްނާފައި. އެކަމަކު ހުރިހާ ވަގުތަކު އަހަރެންގެ ސިކުނޑީގައިވަނީ އޭނާ ކުރި މުޑުދާރު ކަންތައް. އޭނާއާ އެއްތަނެއްގައި އުޅޭން ވެސް ބޭނުމެއްނޫން. ކޮންމެ ދުވަހަކު އަހަރެން އޭނާގެ ކައިރިން ވަރިވާން ހުންނަންނީ ބޭނުންވެފައި. އޭނާއަށް ކުރެވުނު ކަންތަކާމެދު ދެރަވާހެން ހީވީ އޭނާ ފަހުން އަހަންނަށް މާބޮޑަށް އަޅާލަންފެށީމައި. އެކަމަކު އޭރު އަހަރެންނަށް ވިސްނުނީ... އަހަރެން ލައިގެ ބައްޕައަށް މަޢާފުކޮށްފިނަމަ އެއީ އަހަރެންނަށް ލިބުނު ހިތްދަތިކަމުގެ އިޙްސާސްގެ މަތިން ހަނދާންނައްތާލުން ކަމުގައި. އެއީ އަހަރެންގެ އަމިއްލަ ނަފްސަށް ވެވޭ ބޭއިންސާފެއްކަމުގައި ދުށީ." ޒިންދުގެ ބުންޏެވެ.

"ދެން މަންމަގެ ފީލިންގްސް އާ ބެހޭ ގޮތުން ބައްޕައާ ވާހަކަދެއްކިންތަ؟." ލައިލީއަށް އަހާލެވުނީ ނިކަން ޝައުގުވެރިވެފައެވެ.

"އޭނާ އެކަމާ ވާހަކަދައްކަން ބޭނުންވީމާ އަހަރެން އެއްބަސްވިން. ހިތަށް އެރީ ފަހަރެއްގައި އަހަރެން ވިސްނާ ގޮތް ގޯހީކަމަށް ވެދާނޭ. ކޮންމެ މީހަކަށް ވެސް ކުށެއްކުރެވިދާނޭކަން އަހަރެން ޤަބޫލުކުރަން." ކާމޭޒުދޮށުގައި އައިސް ޒިންދު އިށީނެވެ. އަދި މޭޒުގައި ވިއްދާލި ކަނާއަތަށް ދަތްދޮޅި ދީގެން ލައިލީއަށް ޒިންދު ބަލާލިއެވެ.

"ދެން ކީއްވެ މަންމަ ވަރިވާން ނިންމީ." ލައިލީ އަހާލިއެވެ. ޒިންދު ހީނލިއެވެ.

"އަހަރެމެންގެ ދެމެދުގައި ތަކުރާރުކޮށް ދެކެވުނީ އެއް ވާހަކައެއް. ލައިގެ ބައްޕަ ވަރިވާން ބޭނުންނުވަނީ އޭނާގެ މަންމަ ބަލާނޭ މީހަކު ނެތީމައި. ފަހަކަށް އައިސް މާމަގެ ހާލު ރަނގަޅުނޫންކަން ލައިއަށް އެނގޭނެ. އަހަންނަށް ވިސްނުނުގޮތުގައި ލައިގެ ބައްޕައަށް އަނތްބަކަށްވުރެ ބޮޑަށް މުސްކުޅިވެފައިވާ މަންމަ ބަލަހައްޓާނޭ ކެއާޓޭކާއެއް މުހިންމު." ޒިންދު ބުންޏެވެ.

"އެކަމަކު އެއީ މަންމައާއެކު އުޅޭން ބޭނުންވެ ބައްޕަ ދެއްކި ބަހަނާއެއްނޫންކަން ކިހިނެއް އެނގެނީ. ބައްޕަ ބައެއްފަހަރު ބޭނުންވާގޮތް ސީދާ ނުބުނެ އެކަމެއްގެ ވާހަކަ މާދުރުން ވެސް ދައްކަފާނެ." ވިސްނާލާފައި ލައިލީއަށް ބުނެވުނެވެ.

"ލައިލީއަށް ވެސް އެކަން ފާހަގަވޭ ދޯ. އެހެންވިޔަސް އެއީ އަނބިމީހާ ރުއްސަން ދައްކާވަރުގެ ބަހަނާއަކަށް ނުފުދޭ. ވެދާނެ ލައިގެ ބައްޕަ އެހެން ބުނީ ސީރިއަސްކޮށް ވިސްނާފައިކަމަށް. ބައެއްފަހަރު ހޮސްޕިޓަލުގައި މިހެން އުޅޭއިރު އެތަނުގައި އަޅާލާނޭ މީހަކުނެތި ތިބޭ މުސްކުޅިން ފެނުނީމާ މަންމަ ވަރަށް އެއްޗެހި ހިތަށް އަރާ. ކޮންމެ މީހަކީ ވެސް މުސްކުޅިވާނޭ މީހެއް. އަހަރެމެން ކަހަލަ އެކަނި އުޅޭ މީހުންނަށް ޖެހޭނީ އެހާލުބާއޭ ހިތަށް އަރާ. އެހެންވެ މިހާރަކަށް އައިސް ހިތަށް އަރާ... އަހަރެން ލައިގެ ބައްޕައާ ފުރިހަމައަށް ކުރިމަތިލެވުނުނަމަ ފަހަރެއްގައި އަހަރެމެންގެ މުސްތަޤްބަލު ބަދަލުވީހޭ." ޒިންދު ބުންޏެވެ.

"ތިބުނީ ބައްޕައާއެކު އުޅޭންތަ." ލައިލީއަށް އަހާލެވުނީ ހައިރާންވެފައެވެ.

"އަހަރެމެންގެ ހިތުގައިވާ އެއްޗެއް އެކަކުއަނެކަކަށް ސާފުކޮށް ކިޔާދެވުންނަމަ މިހެނެއް ނުވީސް. އަހަރެން ތަޙައްމަލުކުރި އެކަނިވެރިކަމާއި އެންޒައިޓީގައި ވަގުތުތައް ނިމިގެންނުދާނެ. އެކަމަކު އެ ވާހަކަތައް ދައްކަން މިހާރު މާބޮޑަށް ވެސް ލަސްވެއްޖެ. އެކަމަކު އެފަދައިން ލައިލީއަށް ކަންތައްވާތަން ދުށުމަށް މަންމަ ނޭދެން. ކައިވެނި ކުރިޔަސް ދެމެދުގައި އެކަކުއަނެކަކު ބޭނުންވާ ގޮތް ހާމަނުކުރެވޭނަމަ ހަމަޖެހުން ލިބުމެއްނުވޭ. ޒުވާބުކުރާން ޖެހުނަސް އަމިއްލަ އިޙްސާސްތައް އަނެކާއަށް އިއްވުން މުހިންމު. އޭރު ދެން ފަހުން އެކަމާ ދެރަވާކަށް ނުޖެހޭނެ. ބައެއް ފަހަރު އަނެކާއަށް ވިސްނޭނީ އޭނާ ކައިރީ ތިމާ ބޭނުންވާގޮތް ކިޔާދީގެން. އެކުގައި ކިތަންމެ ގިނަ ދުވަހަކު އުޅުނަސް ދެ މީހުން ފުރިހަމައަށް ދަހެއްނުވާނެ." ޒިންދު ބުންޏެވެ.

ވާހަކަނުދައްކާ އަނެކާއަށް ތިމާގެ އިޙްސާސްތައް އެންމެ ފުރިހަމައަށް ބުނެނުދެވޭނެކަން ލައިލީ ކައިރީ ބުނި ފުރަތަމަ މީހާއަށް ޒިންދު ނުވެއެވެ. ދެމަފިރިން ބިނާވަނީ ދެ މީހުންގެ މައްޗަށެވެ. ވީއިރު އެކަކުއެކަނި ކައިވެނީގެ ދިރިއުޅުން ފުރިހަމައެއް ނުކުރެވޭނެއެވެ. އެކަމުގައި ދެ މީހުން ވެސް ހަމަހަމައަށް ޝާމިލްވާން ޖެހޭނެއެވެ.

"ސާފުކޮށް އެކަމެއްގެ ހައްލު ފެންނަން އޮތްކަމެއްގައި ވެސް މާބޮޑަށް އެކަމާމެދު ވިސްނާ ފިކުރުކުރާން ވެއްޖެނަމަ މީހާއަށް އޮޅޭ ހިސާބަށް ތިމާގެ ވިސްނުން ހިނގައިދާނެ. ކަންކަމާ އެހާވަރަށް ވިސްނުން ވެސް ރަނގަޅުނޫނީ އެހެންވެ." ޒިންދު ބުންޏެވެ.

"މޭބީ އައި ޝުޑް ގޯ ހޯމް." ޚިޔާލުތަކަށް ގެއްލި އިނދެ މަޑުމަޑުން ލައިލީއަށް ބުނެވުނެވެ. ޒިންދުގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.

"އާން. ތީ ވަރަށް ރަނގަޅު ވިސްނުމެއް." ޒިންދު ބުންޏެވެ.

"އަހަރެން ދާން އުޅޭތީ މަންމަ ހާދަ އުފަލެއްތިވީ. އަހަރެން ހުރެގެން އުނދަގޫވީތަ." ގޮނޑީގައި ލެނގިލައި ދެ އަތްއުރާލަމުން ލައިލީ ޝަކުވާގެ ރާގުގައި ބުނެލިއެވެ. ޒިންދުގެ ހިނިތުންވުން ފުޅާވެލިއެވެ.

"ބޮޑުވެފައި ހުރި އަންހެން ދަރިއެއް އެ ކުޑަ ކޮޓަރީގައި މިޖެހެނީ ބަނޑުދަށަށް ލައިގެން ނިދަން." ޒިންދު ބުންޏެވެ.

"ދެޓްސް ރޫޑް މަންމާ. އަހަރެން އެހާ ބޮޑުތަނެއް ނުހިފަން." ލައިލީ ބުންޏެވެ.

"މިގެއަށް އައިފަހުން ހިކިއްޖެ. ކާއެއްޗެހި ނުހުންނަނީކީނޫން. ލައި ރަނގަޅަށް ކާންވެއްޖެ. މަންމަ ކައިރީ ހުރެފައި މިގެއިން ދެގަނޑު ކަށި ނުކުމެގެން ދިޔައީމަ މީހުން ކީކޭ ކިޔާނީ." ޒިންދު ބުނެލިއެވެ.

"ބައްޕައެއްނޫން މުސްކުޅިވީ. މަންމަ ތިއުޅެނީ ބޮޑު މުސްކުޅިއެއްހެން. ތީ އެހެން މީހަކު ކިޔާނޭ އެއްޗަކަށް ސަމާލުކަމެއް ދޭ މީހެއް ވެސް ނޫން." ލައިލީ ބުނެލިއެވެ.

"މިހާރު ކާކު ރޫޑްއީ. އަހަރެން މުސްކުޅިތަ." ޒިންދު ދެ ލޯ ބޮޑުކޮށްލިއެވެ. އިސްތަށިގަނޑުގައި އަތްހާކާލައި ރީތިކޮށްލިއެވެ. ލައިލީއާއި ޒިންދުގެ ނަޒަރު ސީދާވެލިއެވެ. ދެ މީހުން ހޭންފެށީ އެކީގައެވެ.

ޒިންދު ކައި ނިންމާފައި އިރުކޮޅަކު ސޯފާގައި ޓީވީ ބަލަން އިނެވެ. އޭނާގެ ކައިރީ ލައިލީ ވެސް އިނެވެ. އޭނާ ދަރަކްއާ ވާހަކަދައްކަން ނިންމިއެވެ. ފުރަތަމަ ކަމަކީ އެއީ ކަމުގައި ލައިލީ ޤަބޫލުކުރެއެވެ. އަދި އެހިސާބުން އޭނާ ބޭނުންވަނީ ނުހުއްޓި ކުރިޔަށްދާށެވެ.

"ނިދަން މަންމަ މިދަނީ." ޒިންދު މިހެންބުނެ ސޯފާއިން ތެދުވިއެވެ.

"އިރުކޮޅަކުން އަހަރެން ދާނީ." ލައިލީ ބުނެލިއެވެ.

ޒިންދު އައިސް ކޮޓަރިއަށް ވަނެވެ. އޭނާ އޮށޯނަން ތައްޔާރުވިއެވެ. އެކަމަކު އޭގެ ކުރީން ފޯނު ހިފައިގެން އެނދުގެ އަރިމަތީ އޭނާ އިށީނެވެ. ދަރަކްއަށް މެސެޖު ކުރިއެވެ. ދަރަކްގެ ފަރާތުން ރައްދު މެސެޖު އައީ ވަގުތުންނެވެ. ފޯނަށް ބަލަން އިން ޒިންދުގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.

* * * * *

ނުނިދިގެން އެނދުގައި ފުރޮޅިފައި ދަރަކް ފޯނު ނެގިއެވެ. އޭގައި ހުރި ލައިލީގެ ފޮޓޯތައް އޭނާ ބަލަންފެށިއެވެ. ލައިލީގެ ފޮޓޯތަކުން ހިތަށް ފިނިކަމެއް ލިބޭތޯއެވެ. އެ ހާލުގައި އުޅެނިކޮށް ޒިންދުގެ މެސެޖު އޭނާއަށް ލިބުނެވެ. ފަތިސް ނަމާދުކޮށްގެން ހެނދުނު ސައިބޯން އަންނަން ޒިންދު މެސެޖުގައި ބުނެފައި އޮތެވެ. ދަރަކްއަށް ފުންމައިގެން ތެދުވެ އެނދުގައި އިށީނދެވުނެވެ. ހަމަ ޒިންދު ފޮނުވި މެސެޖެއްތޯ އޭނާ ޔަގީންކުރިއެވެ. ދެން އަވަހަށް މެސެޖު ލިޔެ ފޮނުވާލިއެވެ. އޭނާ ދާނަން ކަމުގައި ބުނެއެވެ.

(ނުނިމޭ)