ޒަކާތް

ގޮވާމުން ޒަކާތް ދެއްކުން އަންގާރަ ދުވަހު

Apr 9, 2023

ގޮވާމުން ޒަކާތް ދައްކަން ބޭނުންވާ މީހުންނަށް އަންނަ އަންގާރަ ދުވަހު ޒަކާތް ދެއްކޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އިސްލާމިކް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އަންނަ އަންގާރަ ދުވަހުން ފެށިގެން މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ގޮވާމުން ޒަކާތް ދެއްކޭނެ ކަމަށެވެ.

ފިތުރު ޒަކާތް ދައްކަންޖެހެނީ އެ މީހަކު އާންމުކޮށް ކެއުމުގައި ބޭނުންކުރާ ގޮވާމުގެ ބާވަތަކުން ބޮލަކަށް 2.4 ކިލޯ އެވެ.

ފިތުރު ޒަކާތުގެ ގޮތުގައި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ތައިލެންޑް ހަނޑޫ، ބާސްމަތީ ހަނޑޫ، ރަތް ހަނޑޫ، އާދައިގެ ހަނޑޫ، ގޮދަން ފުށް އަދި އާޓާ ފުށެވެ.

ގޮވާމުން ޒަކާތް ބަލައިގަންނާނީ މާލޭގައި ނަމަ މަޖީދިއްޔާ ސްކޫލުގެ ސަލާހުއްދީން ހޯލުގަ އެވެ.

ގޮވާމުން ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން 12:00 އަށެވެ. އަދި މެންދުރުފަހު 1:00 އިން 3:15 އަށް، ރޭގަނޑު 9:00 އިން 10:30 އަށެވެ.

ރޯދަ މަހުގެ ފިތުރު ޒަކާތް ބަލައިގަންނަން ފެށުމާ އެކު ފުރަތަމަ 10 ދުވަހުގެ ތެރޭގައި ފިތުރު ޒަކާތުގެ ގޮތުގައި 1.3 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.