ލައިފްސްޓައިލް

މުމްބާއިގެ ޕްލޭސްކޫލެއްގެ ޓީޗަރަކު ކުދިންނަށް އަނިޔާކޮށްފި

ދާދިފަހުން ސޯޝަލް މީޑީއާގައި ވައިރަލް ވެފައިވާ އެއް ވީޑީއޯ އަކީ އިންޑިއާގެ މުމްބައިގެ ކަންޑިވާލީގައި ހުންނަ ޕްލޭ ސްކޫލެއްގެ ދެ ޓީޗަރަކު އެމީހުން ކިޔަވައިދޭ ދެ ކުއްޖަކަށް އަނިޔާކޮށް އިހާނެތިކޮށް ހަދާ މަންޒަރު ފެންނަ ވީޑިއޯ އެކެވެ.

އެ ކްލާހުގައި ހަރުކޮށްފައި ހުރި ސީސީޓީވީ ކެމެރާއިން ރެކޯޑް ކޮށްފައިވާ މި ވީޑިއޯގައި ފެންނަނީ ދެ ޓީޗަރުން ކުދިން ދަމާފައި ގެންދާތަނާއި ކުދިން ކޮއްޕާ އެ ކުދިންގެ ގައިގައި ޖަހާ އަނިޔާ ކުރާ މަންޒަރެވެ.

މި ވީޑީއޯ ވައިރަލް ވުމުން މި ދެ ޓީޗަރުން މިހާރު ވަނީ ސަސްޕެންޑްކޮށްފަ އެވެ. އަދި މުމްބާއި ފުލުހުން ގެންދަނީ މި މައްސަލަ ބަލަމުންނެވެ.

ކުޑަކުޑަ ކުދިން ތަކަކަށް މި ދެ ޓީޗަރުން އަނިޔާކޮށް އިހާނެތިކޮށް ހަދާކަން އެނގިގެން ޓީޗަރުންނާ ދެކޮޅަށް ކަމާބެހޭ އިދާރާތަކުގައި މައްސަލަ ޖައްސާފައިވަނީ އެކުދިންގެ މައިންބަފައިންނަށް އެކަން އެނގިގެންނެވެ. ކުދިންގެ މައިންބަފައިން ބުނި ގޮތުގައި މި ދެ ޓީޗަރުން ބައެއް ފަހަރަށް އެކުދިން ކިޔަވަން ގެންގުޅޭ ފޮތުން ކުދިންގެ ބޮލުގައި ވެސް ޖަހަ އެވެ.

މުމްބާއި ފުލުހުން ލަފާކުރާ ގޮތުގައި މި ދެ ޓީޗަރުން ކުދިންނަށް އަނިޔާކުރާތާ ތިން މަސް ދުވަސް ވެއްޖެ އެވެ.

މިތަނުން އެއް ކުއްޖެއްގެ މަންމަ ބުނި ގޮތުގައި އޭނާގެ ކުޑަ ފިރިހެން ދަރިފުޅުގެ މިޒާޖަށް ބަދަލުތަކެއް އަންނަކަން އޭނާއަށް ފާހަގަކުރެވެން ފެށީ މިދިޔަ ޑިސެމްބަރު މަހުން ފެށީގެންނެވެ.

"ގޭގައި އުޅޭ ވަގުތުތަކުގައި ކިތަންމެ ކުޑަ އަޑެއް އިވުނަސް އަދި ގޭތެރޭގައި މީހަކު ބާރަށް ހީ ހެދީމަ ވެސް ދަރިފުޅު ވަރަށް ބިރުގަނޭ. އަދި ދުވަސްތައް ފާއިތުވަމުންދިޔަ ވަރަކަށް ދަރިފުޅުގެ ކިބައިން ހަރުކަށިކަން ވެސް ފެންނަން ފެށި،" ޓީޗަރުން އަނިޔާ ކުރި ކުދިން ތެރޭގައި ހިމެނޭ ކުއްޖެއްގެ މަންމަ ބުންޏެވެ.

ދަރިފުޅަށް އަންނަން ފެށި މި ނޭދެވޭ ބަދަލުތަކުގެ ސަބަބު ގުޅިފައިވަނީ ޕްލޭ ސްކޫލާ ކަމަށް މި މަންމައަށް ޝައްކުވެގެން އެހެން ބެލެނިވެރިން ކައިރީ މި ވާހަކަ ދެއްކުމުން އެ މީހުންގެ ދަރިންނަށް ވެސް މި މައްސަލަތައް ކުރިމަތިވެފައިވާ ކަން އެނގުނެވެ. އެހިސާބުން ސްކޫލްގެ ކްލާސްތަކުގައި ހަރުކޮށްފައިވާ ކެމެރާތަކުގެ ފުޓޭޖު ހޯދަން ބެލެނިވެރިން އެދުނެވެ. އެމީހުންގެ ދަރިންނަށް ލިބެމުންދިޔަ އަނިޔާތައް ބެލެނިވެރިންނަށް ފެނުނީ މި ވީޑީއޯ ތަކުންނެވެ. އަދި ވަގުތުން އެމީހުން ފުލުހުންނަށް މައްސަލަ ހުށަހަޅައި މި ދެ ޓީޗަރުން ސަސްޕެންޑް ކުރުވީ އެވެ.

މި މައްސަލައިގެ ތަހުގީގު މުމްބާއި ފުލުހުން މިހާރު ގެންދަނީ ކުރަމުންނެވެ.