މި ދުވަސްވަރު ޕީއެސްއެމްގެ ނަމުގައި ފޯނުކޮށް އަދި އެއަށްފަހު ލިންކުލާފައި ހުންނަ އެސްއެމްއެސް މެދުވެރިކޮށް މަކަރާއި ހީލަތުން ކަސްޓަމަރުންނަށް އޮޅުވާލައިގެން އިންޓަނެޓް ބޭންކިންގެ މައުލޫމާތު ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފި އެވެ.
ބީއެމްއެލް އިން ބުނީ މިފަދަ ބައެއް ކޯލްތަކުގައި އެދޭ މައުލޫމާތު ދީގެންނާއި އޯޓީޕީވެސް ދީގެން ބައެއް ކަސްޓަމަރުން އަތުން ފައިސާ ގެއްލިގެން އެކަމުގެ ޝަކުވާ ބޭންކަށް ލިބިފައިވާ ކަމަށެވެ. މިގޮތުން މިދިޔަ ފަސް ދުވަހުގެ ތެރޭގައި ދެ ކަސްޓަމަރެއްގެ އަތުން 50،000 ރުފިޔާ އާއި 75،000 ރުފިޔާ ގެއްލިފައިވާ ކަމުގެ ޝަކުވާ ބޭންކަށް ހުށަހަޅާފައިވެ އެވެ.
ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވީ މިފަދަ މައްސަލަތަކަށް ބަލާއިރު ސްކޭމް ކޯލުތަކުގައި ފައިސާ ހޯދާފައި ހުންނަނީ ކަސްޓަމަރުންނަށް އޮޅުވާލައިގެން ފޯނުކޮށްގެން ވަރަށް ބޮޑަށް ގަބޫލުކުރެވޭ ގޮތަށް ވާހަކަދައްކައިގެން ކަމަށެވެ.
"އެއަށްފަހު އެސްއެމްއެސް މެދުވެރިކޮށް ލިންކު ފޮނުވައިގެން އިންޓަނެޓް ބޭންކިންގެ ޔޫސާ ނޭމް އާއި ޕާސްވޯޑް ހޯދާ. އަދި ކަސްޓަމަރުންގެ އީމެއިލް އެޑްރެހާއި ފޯނަށް އަންނަ އޯޓީޕީވެސް ކަސްޓަމަރާއި ވާހަކަދައްކައިގެން ހޯދާފައި އެބަހުރި،" ސައީދު ވިދާޅުވި އެވެ.
އެހެންކަމުން ބޮޑު އިނާމެއް ނުވަތަ ހަދިޔާއެއް ލިބުނުކަމަށް ބުނެ މިހެންކުރާ ކޯލްތަކަށް އިތުރަށް ސަމާލުވުމަށް ބީއެމްއެލްގެ ފަރާތުން ސައީދު ވަނީ އިލްތިމާސްކުރައްވާފަ އެވެ. ބޭންކަށް ވެސް އަދި އެހެން އިދާރާއަކަށް ވެސް އޯޓީޕީ ދޭންޖެހޭ އެއްވެސް ހާލަތެއް ނޯންނާނެ ކަންވެސް ސައީދު ވަނީ ހަނދާކޮށްދެއްވާފަ އެވެ.
މީގެ އިތުރުން އޮންލައިން ޕޭޖްތަކުން ވިޔަފާރިކޮށްގެން ފައިސާ ދެއްކުމަށްފަހު މުދާ އަދި އަނބުރާ ފައިސާވެސް ނުލިބޭ ކަމުގެ ޝަކުވާ އާއި ކާކުކަން ނޭނގޭ ފަރާތްތަކާއެކު ޑޮލަރުގެ މުއާމަލާތްކޮށްގެން ފައިސާ ނުލިބިގެން އެކަމުގެ ޝަކުވާވެސް ބޭންކަށް ހުށަހެޅިފައިވާ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.