މިނިސްޓްރީ އޮފް އެޑިއުކޭޝަން

އޭލެވެލްއަށް ކިޔަވައިދިނުން ފެށުމަށް މަދުވެގެން 15 ދަރިވަރުން ބޭނުންވޭ: މިނިސްޓަރު

ރަށުގައި ތިބެގެން އޭލެވެލްއަށް ކިޔެވުމަށް މަދުވެގެން 15 ދަރިވަރުން ބޭނުންވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދިއްފުށި، ތުލުސްދޫ އަދި ހުރާ މި ތިން ރަށުގައި ގްރޭޑް 11،12 ފެށޭނީ ކޮންއިރަކުންތޯ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ އޭލެވެލް ފެށުމަށް 15 ދަރިވަރުން ބޭނުންވާ ކަމަށެވެ.

"އަޅުގަނޑުމެން ބަލާލައިފިން މި އަންނަ އަހަރު ފެށޭނެތޯ. އަދިވެސް އެވަރަކަށް އަޅުގަނޑުމެންނަށް ދަރިވަރުންނެއް ނުލިބޭ. ދަރިވަރުން ލިބޭ ކަމުގަވެއްޖެއްޔާ އަޅުގަނޑުމެންނަށް ފެށޭނެ. ނަމަވެސް އެވަރަށް އަދިއެއްނެތް. 15 ކުދިން އެބަ ބޭނުންވޭ އޭލެވެލް ފަށަންޏާ ރަށުގައި ތިބެގެން ކިޔަވަން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކޮންމެ އަތޮޅެއްގައި އޭލެވެލް ފެށުމަށް އިސްތިސްނާއެއްދީފައިވާ ކަމަށެވެ.

އެގޮތުން 15 ދަރިވަރުން ހަމަނުވި ނަމަވެސް އެ އަތޮޅުގައި އޭލެވެލް ނުހެދޭނަމަ އަތޮޅުގައި އެންމެ ކުދިން ގިނަ ސްކޫލެއްގައި އޭލެވެލް ފެށޭނެ ކަމަށް ވިދާޅުވި އެވެ.