ހަބަރު

އައިޑީބީ ސްކޮލާޝިޕަށް ކުރިމަތިލާން ހުޅުވާލައިފި

ޕީއެޗްޑީ އަށް ކިޔެވުމަށް އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިޑީބީ) އިން ރާއްޖެއަށް ދޫކޮށްފައިވާ 50 ސްކޮލާޝިޕްގައި ބައިވެރިވުމުގެ ފުރުސަތު އިސްލާމިކް މިނިސްޓްރީން ހުޅުވާލައިފި އެވެ.

އައިޑީބީން ރާއްޖެއަށް ދޫކޮށްފައިވާ 50 ސްކޮލާޝިޕަކީ އެ ބެންކުގެ މެންބަރު ގައުމުތަކުގެ ތައުލީމީ އަދި މަސައްކަތްތެރިކަމުގެ ދާއިރާ ތަރައްގީކުރުމަށް، ދޫކުރާ ސްކޮލާޝިޕް ތަކެކެވެ.

ސްކޮލާޝިޕަށް އެދުމުގެ ފުރުސަތު މިއަދުން ފެށިގެން މިމަހުގެ 16 އަށް ވަނީ ހުޅުވާލާފަ އެވެ. ހަ ދާއިރާ އަކުން ކިޔެވުމުގެ ފުރުސަތު ހުޅުވާޅާފައިވާއިރު، ސްކޮލާޝިޕްތަކަށް ކުރިމަތި ލާ މެންބަރުންނަކީ ރާއްޖޭގެ ތައުލީމީ މުއައްސަސާއެއް ނުވަތަ ރިސާޗް ސެންޓަރެއްގައި ދާއިމީ ވަޒީފާ އަދާކޮށްފައިވާ މެންބަރަކަށް ވާންޖެހެ އެވެ.

ސްކޮލާޝިޕަށް ހުށަހެޅޭ ދާއިރާތައް

  • ސިއްހަތު
  • ދަނޑުވެރިކަން
  • ހަކަތަ އާއި އިންފްރާސްޓްރަކްޗާ
  • ފެން
  • ނެނޯޓެކްނޮލޮޖީ އަދި އައިސީޓީ ފޯ ޑިވޮލޮޕްމަންޓް

އައިޑީބީ ސްކޮލާޝިޕްތަކަށް ކުރިމަތިލާ މެންބަރުންގެ ތެރެއިން މީގެ ކުރިން އައިޑީބީއާއެކު މަސައްކަތްކޮށްފައިވާ ބޭރުގެ ޔުނިވާސިޓީތަކުން ޖާގަ ހޯދާ ދަރިވަރުންނަށް އިސްކަން ދެވޭނެކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

އިސްކަންދޭ ޔުނިވަސިޓީތައް

  • ޔުނިވާސިޓީ އޮފް އޮކްސްފޯޑް
  • ޔުނިވާސިޓީ އޮސް ނޮޓިންގަމް
  • ޔުނިވާސިޓީ އޮފް ކޭމްބްރިޖް
  • ޔުނިވާސިޓީ އޮފް ނޮޓިންގަމް އަދި ބަމިންގަމް
  • ޕްރިންސްޓަން ޔުނިވަސިޓީ
  • ފްރާންސްގައި ހުންނަ ޕެރިސްޓެކް އަދި ސައޫދީގައި ހުންނަ ކައުޓް ޔުނިވަސިޓީ

ސްކޮލާޝިޕްގެ ދަށުން ޕޯސްޓް-ޑޮކްޓަރޭޓް ފެންވަރަށް ކިޔަވާ ދަރިވަރުންނަށް، ހަ މަހާއި 12 މަހާ ދެމެދުގެ ރިސާޗް ޕްރޮގްރާމެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. އެ ރިސާޗް ޕްރޮގްރާމަކީ އެބޯލާ، މެލޭރިއާ، ކޮރޯނާ، ހަކަތަ އަދި ފުޑް ޕްރޮޑަކްޝަން ފަދަ ދާއިރާތަކުން ދިމާވާ ގޮންޖެހުންތައް ކުޑަކޮށް ހައްލު ހޯދަން ދަސްކޮށްދޭން ހިންގާ ހާއްސަ ޕްރޮގްރާމެކެވެ.

ސްކޮލާޝިފަށް ކުރިމަތިލާ ބައިވެރިން ފޯމް ހުށަހަޅަންޖެހޭނީ އިސްލާމިކް މިނިސްޓްރީއަށެވެ.