މީހުން

ހަސަނުލް ބުލްގިޔާ: ބުރުނާއީގެ މުއްސަނދިކަން އިތުރުކުރި

ބުރުނާއީގެ ރަސްގެފާނު ހަސަނުލް ބުލްގިޔާ އިބްނި އުމަރު އަލީ ސައިފުއްދީން ތިންވަނަ ބުރުނާއީގެ 29 ވަނަ ރަސްގެފާނު ކަމުގައި ހަމަޖެހުނީ އެމަނިކުފާނުގެ ބައްޕާފުޅު ރަސްކަން ދޫކުރައްވައި ދަރިކަލުންނަށް އޮކްޓޯބަރު 5، 1967 ގައި ރަސްކަން ހަވާލުކުރެއްވުމާ ގުޅިގެންނެވެ.

ބުރުނާއީއަށް އިނގިރޭސިންގެ އަތްދަށުން ފުރިހަމަ މިނިވަންކަން 1984 ގައި ލިބުމަށްފަހު ރަސްގެފާނު ބުލްގިޔާ އަކީ ބޮޑުވަޒީރު އަދި ރައިސްވެސްމެ އެވެ. ސަރުކާރުގެ ފުރިހަމަ ބާރު ހުރިހާ މާނައެއްގައިވެސް އޮންނަނީ ރަސްގެފާނުގެ އަތްޕުޅުގަ އެވެ. އެގޮތުން ބުރުނާއީވެފައިވަނީ މިވަގުތު ދުނިޔޭގައި އޮތް އެންމެ ބާރުގަދަ ވިރާސީ ރަސްކަމަށް ވެފަ އެވެ.

ރަސްގެފާނު ބުލްގިޔާއަކީ އިނގިރޭސި ރާނީ 2022 ގައި އަވަހާރަވުމަށްފަހު ގައުމެއްގެ ރަސްކަމުގެ ތަހުތުގައި އިންނެވި އެންމެ ދުވަސްވީ ބޭފުޅާ އެވެ. ރަސްކަމުގެ ރަންޔޫބީލް ފާހަގަކުރެއްވީ އޮކްޓޯބަރު 5، 2017 ގައެވެ.

ރަސްގެފާނު ބުލްގިޔާ ފުރަތަމަ ތައުލީމް ހާސިލްކުރައްވާފައިވަނީ މެލޭޝިއާގެ ވިކްޓޯރިއާ އިންސްޓިޓިއުޝަނުންނެވެ. އެމަނިކުފާނު ވެވަޑައިގެންފައިވަނީ ގައުމުން ބޭރުގައި ޝާހީ އާއިލާގެ ބޭފުޅަކު ތައުލީމް ހާސިލް ކުރެއްވި ފުރަތަމަ ބޭފުޅާ އަށެވެ. އޭގެފަހުން އިނގިރޭސިވިލާތުގެ ސޭންޑްހާސްޓް ރޯޔަލް މިލިޓަރީ އެކަޑަމީން ދަސްވެނިވެފައިވަނީ 1967 ގައެވެ.

ރަސްގެފާނު ބުލްގިޔާ ވަނީ ބުރުނާއީ އަކީ އިސްލާމީ އަގީދާ ހިމާޔަތްކުރާ ރަސްކަމެއް ކަމުގައި 1991 ގައި ކަނޑައަޅުއްވާފަ އެވެ. ރަސްގެފާނު ބުލްގިޔާ އަކީ ބުރުނާއީގެ ދީނީ ކަންކަމުގެ އެންމެ އިސްފަރާތެވެ. އަދި ބުރުނާއީގެ ރަސްމީ ދީނަކީ އިސްލާމްދީން ކަމުގައިވަނީ ކަނޑައަޅާފަ އެވެ.

ރަސްގެފާނު ބުލްގިޔާ ވަނީ މުޅި ގައުމުގެ އެތަން މިތަނުގައި އެތަސަ މިސްކިތެއް އަޅުއްވައި އިސްލާމީ އެތައް ބިނާއެއް ގާއިމުކުރައްވާފަ އެވެ. އަދި އިސްލާމީ އަގީދާ ހިމާޔަތްކުރުމުގެ މިންނެތް މަސައްކަތްޕުޅު ދަނީ ވަރުގަދައަށް ކުރައްވަމުންނެވެ.

ރަސްގެފާނު ބުލްގިޔާ ގެންދަވަނީ ކީރިތި ރަސޫލާގެ އީދު މީލާދާއި އިސްރާއާއިމިއުރާޖް އަދި ނުޒުލް އަލް ޤުރުއާންގެ ދުވަސްތައް ވަރަށް ކުލަގަދަކޮށް ފާހަގަކުރައްވަމުންނެވެ. އަދި ހުކުރު ދުވަހުގެ ހުކުރު ނަމާދަށް ރަސްގެފާނު ބިނާކުރައްވާފައިވާ މިސްކިތުން މިސްކިތަކަށް ވަޑައިގަތުމަކީ އެމަނިކުފާނުގެ ހާއްސަ އާދައެކެވެ.

ބުރުނާއީގައި އެއްވެސް މުސްލިމަކު އެއްވެސް އެހެން ދީނެއްގެ ކަމެއްގައި ބައިވެރިވުމަކީ މުޅިން މަނާ ކަމެއް ކަމުގައި ރަސްގެފާނު ބުލްގިޔާ ވަނީ ކަނޑައަޅުއްވާފަ އެވެ. އެމަނިކުފާނު ވަނީ އިސްލާމީ ޝަރީއާ ފުރިހަމައަށް ބުރުނާއީގައި ގާއިމުކުރެއްވުމަށް ކަނޑައަޅުއްވާފަ އެވެ. އެގޮތުން ޒިނޭ ކުރާ މީހުން ރަޖަމު ކުރުމާއި އެއްޖިންސުން ގުޅުން ހިންގާ މީހުން މެރުމަށް ބުރުނާއީގައި ވަނީ ކަނޑައަޅުއްވާފަ އެވެ.

ބުރުނާއީގެ ތެލުގެ މުއްސަނދިކަން ބޭނުންކުރައްވައި ރަސްގެފާނު ބުލްގިޔާ ވަނީ އެގައުމުގެ އިގްތިސާދު މިސާލެއް ފަދަ އިގްތިސާދެއް އޮތް ގައުމަކަށް ބަދަލު ކުރައްވައި ރައްޔިތުންނަށް އުފާވެރިކަމާއި ހަމަޖެހުން ގެނެސްދެއްވާފަ އެވެ.