މިއުޒިކް

ބާސެލޯނާއަށް ކަރުނައިގެ ވަދާއެއް ކިޔައި ޝަކީރާ އެމެރިކާ އަށް

"ހިޕްސް ޑޯންޓް ލައި" ފަދަ ރީތި ލަވަތައް ކިޔާފައިވާ މަޝްހޫރު ލަވަކިޔުންތެރިޔާ ޝަކީރާ ފާއިތުވީ އެތައް އަހަރަކު ދިރިއުޅެމުންދިޔަ ސްޕޭނުގެ ބާސެލޯނާ އަށް ކަރުނައިގެ އަލްވަދާއެއް ކިޔައި އެ ގައުމުން ފުރައިގެން ހިނގައްޖެ އެވެ.

ޝަކީރާ ބާސެލޯނާގައި ދިރިއުޅުނީ ސްޕޭންގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ގެރާޑް ޕިކްއާ އެކު އެވެ. ގެރާޑް އާއި ޝަކީރާގެ ގުޅުން ނިމުމަކަށް އައިއިރު ދެ މީހުންނަށް ދެ ދަރިން ވެސް ލިބިފައިވެ އެވެ.

ގެރާޑް އަކީ ކުރިންސްޕޭންގެ ގައުމީ ޓީމުގެ ޑިފެންޑަރަކަށް ކުޅެފައިވާ ދުނިޔޭގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނުނު މީހެކެވެ. އޭނާ ރިޓަޔާ ކޮށްފައިވަނީ ވަރަށް ފަހުންނެވެ.

ޝަކީރާ އަކީ ކޮލަމްބިއާއަށް އުފަން މީހެއް ނަމަވެސް އޭނާގެ އާއިލާ އާއި އެކުވެރިންގެ ތެރެއިން ގިނަ ބަޔަކު އެމެރިކާގެ ފްލޮރިޑާގައި ދިރިއުޅެ އެވެ. އަދި ޝަކީރާގެ އަމިއްލަ ގެއެއް ވެސް ފްލޮރިޑާގައި ހުރެ އެވެ. މިއީ އެތައް މިލިއަން ޑޮލަރެއްގެ އަގުހުރި ގެއެކެވެ.

އިނގިރޭސި ވިލާތުގެ ބައެއް ނޫސްތަކުން ބުނި ގޮތުގައި ގެރާޑް އާއި ޝަކީރާގެ ވަކިވުމަށްފަހު އެމީހުން ދިރިއުޅެމުންދިޔަ ފްލެޓުން އޭނާ ބޭރުކޮށްލީ ގެރާޑްގެ ބައްޕަ އެވެ. އަދި ޝަކީރާ ބާސެލޯނާ އިން ފުރީ އެނޫން ގޮތެއް ނެތިގެންނެވެ.

ސްޕޭނުގެ މީޑިއާ އިން ބުނި ގޮތުގައި ޝަކީރާ ބާސެލޯނާގެ ދިރިއުޅުމަށް އަލްވަދާއު ކިޔައި އެމެރިކާއަށް ފުރި ވަގުތު އޭނާގެ ވަރަށް ގިނަ އެކުވެރިން އޭނާއަށް ވަދާއު ކިޔަން އެއާޕޯޓަށް ގޮސް ތިއްބެވެ. އަދި މި އެންމެންނަށް ޝަކީރާ އާއި އޭނާގެ ދެ ދަރިން ކިޔާފައިވަނީ ކަރުނައިގެ ވަދާއެކެވެ.

ކަރުނައިން ފުރިފައިވާ ލޮލަކުން އެންމެންނަށް އަލްވަދާއު ކީއިރު 46 އަހަރުގެ ޝަކީރާ ފެނުނީ ވަރަށް ސްޓައިލްކޮށް ހެދުން އަޅައި ވަރަށް ރީތިކޮށެވެ. އޭނާއާ އެކު ފިރިހެން ދަރިފުޅު މިލަން، 10، އާއި އަންހެން ދަރިފުޅު ސާޝާ، 8، ތިއްބެވެ.

ފުރަމުން ޓުވިޓާގައި ޝަކީރާ ކުރި ޕޯސްޓެއްގައި ލިޔެފައިވާ ގޮތުގައި އޭނާ ބާސެލޯނާގައި ދިރިއުޅުނީ ދެ ދަރިންގެ ހަމަޖެހުމަށެވެ. ނަމަވެސް މިއަދު އޭނާ ބާސެލޯނާ ދޫކޮށް ފުރަނީ ވެސް ހަމަ އެ ބޭނުމުގަ އެވެ.

"އަހަރެމެން މިއަދު މުޅީން އާ ސަފުހާއެއް މި ހުޅުވާލަނީ އުފާވެރިކަން ހޯދުމުގެ ބޭނުމުގައި،" ޝަކީރާގެ ޓުވީޓްގައި ވެއެވެ.

ޝަކީރާ އާއި ޕިކް 11 އަހަރު ވަންދެން އެކުގައި އުޅުމަށްފަހު ވަކިވީ މިދިޔަ މޭ މަހު އެވެ. އޭގެފަހުން ދަރިންގެ ކަސްޓަޑީ ހޯދަން ވެސް ކޯޓުގައި ވަރަށް ގަދަފަދަ ހަނގުރާމައެއް ކުރި އެވެ. އެންމެ ފަހުން މި މައްސަލަ ކޯޓުން ނިންމިއިރު ކުދިންގެ ކަސްޓަޑީ ލިބުނީ ޝަކީރާ އަށެވެ.