( 9 އެޕްރިލް 2023 އާ ގުޅޭ )
ދަރަކްއަށް ފުންމައިގެން ތެދުވެ އެނދުގައި އިށީނދެވުނެވެ. ހަމަ ޒިންދު ފޮނުވި މެސެޖެއްތޯ އޭނާ ޔަގީންކުރިއެވެ. ދެން އަވަހަށް މެސެޖު ލިޔެ ފޮނުވާލިއެވެ. އޭނާ ދާނަން ކަމުގައި ބުނެއެވެ.
އެރޭ ދަރަކްއަށް ރަނގަޅަށް ނިދޭގޮތެއް ނުވިއެވެ. އިރުއިރުކޮޅާ އޭނާއަށް ހޭލެވެއެވެ. ހަމަ ހޭލެވޭ ކޮންމެ ފަހަރަކު ފޯނުން ގަޑި ބަލާލައެވެ. ފަތިސްވާނެ އިރަކަށް މިހާ ކެތްމަދުވި ރެޔެއް އޭނާއާ ކުރިމަތިމިވީ ދެވަނަ ފަހަރަށެވެ. ފުރަތަމަ ފަހަރަކީ ލައިލީއާ ކައިވެނި ކުރާން އޮތް ދުވަހުގެ ރެޔެވެ. އެރޭ ވެސް އޭނާ އުޅުނީ މިފަދަ ހާލެއްގައެވެ. ފޯނު އަލާމްވާންފެށިއިރު ދަރަކް އޮތީ ދެ ލޯ މަރާލައިގެން އެހަނަސް ހޭލައެވެ. އޭނާ އަވަހަށް ފޯނު ނެގިއެވެ. އެލާމް ނިއްވާލުމަށްފަހު އެނދުން ފޭބިއެވެ. ފާޚާނާއަށް ވަދެފައި ނުކުމެ އަލަމާރިން ނެގި ޓީޝާޓާއި ޖިންސު ލައިގެން ދަރަކް އައީ އެޕާޓްމެންޓުން ނުކުންނާށެވެ.
މިސްކިތާ ހަމައަށް ނާދެވެނީސް ފަތިސް ނަމާދު ބަންގި ގޮވައިފިއެވެ. ދަރަކްއައީ ހިނގާލައިފައެވެ. މިސްކިތަށް އޭނާއަށް ވަދެވުނުއިރު ސަފުތަކަށް މީހުން އަރަންފަށައިފިއެވެ. ހަލުވިކޮށް އޭނާ ވެސް އައިސް ސަފެއްގައި ބައިވެރިވެއްޖެއެވެ. ނަމާދުކޮށް ނިމި އޭނާ މިސްކިތުގައި އިރުކޮޅަކު މަޑުކޮށްލިއެވެ. ލައިލީއާ ބައްދަލުކުރާން ދާން އުޅޭއިރު ހުރިހާކަމެއް ރަނގަޅަށް ދާން އެދި ދަރަކް ދުޢާކުރިއެވެ. ކައިވެނި ނިމުމަކަށް އަންނާކަށް އޭނާ އެއްގޮތަކަށް ވެސް ނޭދެއެވެ. ވީއިރު ލައިލީގެ ރުހުން އޭނާގެ މައްޗަށް ލިބޭނޭ ގޮތެއް މެދުވެރިވޭތޯ އޭނާ ދުޢާގައި ދެންނެވިއެވެ.
މިސްކިތުން ދަރަކް ގެއަށް އައިއިރު ދުނިޔެމަތި އަލިކުރަން ފަށައިފިއެވެ. ހެނދުނު ހަތެއް ޖަހާކަން ހާއިރު ދާނަންކަން ޒިންދު ކައިރީ ދަރަކް އޮތީ ބުނެފައެވެ. އެހެންވެ އޭނާ ފުރަތަމަ ކަމަކަށް ކޮފީއެއް ގިރީއެވެ. ޖޯޑު ހިފައިގެން ކޮޓަރިއަށް އައިސް އެނދުގައި ދަރަކް އިށީނެވެ. ދެން ވިސްނަން ފެށިއެވެ. ލައިލީއާ ބައްދަލުވާއިރު ނިކަން ރީތިކޮށް ހުންނަން ދަރަކް ބޭނުމެވެ. އެއީ ހެނދުނުގެ ވަގުތަށް ވިޔަސް ހެވެ. ކޮފީޖޯޑު އެތިފޮދު ބޮމުން އޭނާ އަލަމާރި ބަލަންފެށިއެވެ. ޓީޝާޓެއްކަމެއް ގަމީހެއްކަމެއް ލާނީ ދަރަކްއަށް ނުނިމުންނެވެ. އެއްފަރާތުގައި ކޮފީޖޯޑު ބަހައްޓާލާފައި އޭނާ އެއްފަހަރު ޓީޝާޓު ލިއެވެ. ލޯގަނޑު ބަލާލާފައި ކަމުނުގޮސްގެން ގަމީހަކަށް ބަދަލުކުރިއެވެ. އަތްކުރު ކެޝުއަލް ގަމީހުގައި ތިމާ ހުރިގޮތް ކަމަކުނުދިޔައެވެ. އެންމެ ފަހުން މަޑު ނޫކުލައިގެ އޮފީސް އަތްދިގު ގަމީހެއް ނަގައި ލައިފިއެވެ. އަދި އޭގެ އަތްކުރި މުލައްދަނޑިން ބައެއް ފެންނަ ވަރަށް އޮޅާލިއެވެ. ގަދަ ކުލައެއްގެ ފަޓުލޫނާ ގުޅުވައި ބެގީކުރިއެވެ. ކޮފީޖޯޑު ހިފައިގެން ކޮޓަރިން ނުކުތެވެ. ނުބޮވި ޖޯޑުގައި ހުރި ބައި ސިންކަށް އޮއްސާލާފައި އޭގެ ތެރޭ ޖޯޑަށް ފެންއަޅާފައި ބެހެއްޓިއެވެ. އަދި އާންމުކޮށް އަރަން ގެންގުޅޭ ކެޝުއަލް ބޫޓަށް އަރައި ދަރަކް ގަޑި ބަލާލިއެވެ. ހަތެއް ޖަހަން ބައިގަޑިއިރު ހުއްޓެވެ. އެހެންވިޔަސް އޭނާއަށް ދެން ކެތެއްނުވާނެއެވެ. އެޕާޓްމެންޓު ތަޅުލާފައި އޭނާ ސިޑިން ފައިބައިގެން އައެވެ. ޕާކުކޮށްފައި ހުރި ސައިކަލަށް ހަލުވިކޮށް އައިސް އޭނާ އަރައި އިސްޓާޓު ކޮށްލިއެވެ.
ޒިންދު އުޅެނީ އޭނާއަށް ލިބިފައިވާ ބައިގެ މަތީ ފަންގިފިލާގައިކަން ދަރަކްއަށް އެނގެއެވެ. ދޮރޯށި ކައިރީ އިރުކޮޅަކު ދަރަކްއަށް މަޑުކޮށްލެވުނެވެ. ހިތް އަވަސްވެފައި ހުރި ވަރުންނެވެ. އަމިއްލަ ނަފްސު ހަމައަކަށް ނޭޅޭނެކަން ވިސްނި ގޭގެ ދޮރޯށިން ދަރަކް ވަނެވެ. އެއްފަރާތުގައި ހުރި ސިޑިން ދަރަކް މައްޗަށް އަރަންފެށިއެވެ. އެހާ ހެނދުނާ ޒިންދު އަންނަން ބުނާނީ ގައިމު ވެސް ލައިލީ އެ ގަޑީގައި ތެދުވެ އުޅޭކަން ޔަގީންވާތީ ކަމުގައި ދަރަކްއަށް އެނގެއެވެ. އެ އެޕާޓްމެންޓުގެ ދޮރާ ހަމައަށް އާދެވުނުއިރު ދަރަކް ހާސްވާގޮތް ވެއްޖެއެވެ. އޭނާ ފެނުމުން ލައިލީ ބުނެދާނޭ އެއްޗަކާ މެދު ކަންބޮޑުވާގޮތްވިއެވެ. އެހެންވިޔަސް ދެމެދުގައިވީ ދުރުކަން ނައްތާލެވޭތޯ ދަރަކް ހިތްވަރު ނެރި ފާރުގައިވާ ރަނގަބީލުގެ ސުވިޗަށް އޮބާލައިފިއެވެ.
ހެނދުނު ހެނދުނާ އެޕާޓްމެންޓުގެ ރަނގަބީލު އެޅި އަޑުން ލައިލީއަށް ހައިރާންކަމެއް ލިބުނެވެ. ބަދިގޭގައި ހުރި ޒިންދުއަށް ލައިލީ ބަލާލިއެވެ.
"މިގަޑީގައި ކާކު ބެލްޖަހަނީ." ލައިލީއަށް އަހާލެވުނެވެ.
"ބެލީމަތާ އެނގޭނީ." ޒިންދު މިހެންބުނެ ދޮރު ހުޅުވަން އައެވެ.
ސޯފާގައި އިން ލައިލީ ތެދުވީ ކޮޓަރިއަށް ދާށެވެ. ދޮރުހުޅުވާލުމުން ގޭތެރެ އޮންނާނީ ފެންނަންކަން އޭނާއަށް އެނގެއެވެ. އައީ ކާކުކަން ނޭނގޭއިރު އެ މީހަކަށް ފެންނަން ލައިލީ ބޭނުންނުވަނީއެވެ. ޒިންދު ދޮރުހުޅުވަންވީއިރު ލައިލީ އައިސް ކޮޓަރިއަށް ވަދެއްޖެއެވެ.
"އާދޭ އެތެރެއަށް." ދޮރުމަތީ ހުރި ދަރަކް ފެނުމުން ހިނިތުންވުމަކާއެކު ޒިންދު ބުންޏެވެ.
ގޭތެރެއަށް ވަންގޮތަށް ދަރަކްގެ ނަޒަރު ހުރިހާ ދިމާއަކަށް ދަތުރުކޮށްލިއެވެ. ލައިލީ ފެންނަން ނެތުމުން ސުވާލު އުފެދުނެވެ. އެކަން ޒިންދުއަށް ފާހަގަވިއެވެ.
"ދަރަކް އަންނަ ކަމެއް ލައިއަކަށް ނޭނގޭނެ. ބެލްޖަހާ އަޑަށް މިތާ އިނދެފައި ކޮޓަރިއަށް އެވަނީ." ޒިންދު ބުންޏެވެ. އަދި ކާމޭޒު ދޮށުގައި އިށީންނަން ދަރަކްއަށް ދައްކާލިއެވެ. އެއާއެކު އޭނާ މޭޒުދޮށުގައި އިށީނދެއްޖެއެވެ. ލައިލީގެ ނަމުން ޒިންދު ގޮވާލީ ކޮޓަރިއާ ދިމާއަށް ބަލަން ހުރެއެވެ.
"ލައިލީ. ނުކުމެބަލަ." ޒިންދު ގޮވިއެވެ.
ކޮޓަރީގެ ދޮރު ކުޑަކޮށް ހުޅުވާލައި ލައިލީ ބޭރަށް ބޯދިއްކޮށްލިއެވެ. އެވަގުތު އޭނާއަށް ލިބިގެން ދިޔަ ހައިރާންކަން އެ މޫނުން ސިއްރެއް ނުވިއެވެ. ކޮޓަރިން ނުކުމެގެން ލައިލީ އައެވެ.
"ދަރަކްއަށް ސައިހަދާބަލަ. އޭނާ އެ އައީ ގެއިން ފިލައިގެން އުޅޭ އަނބިމީހާ ބަލާ. ދަރަކް ދާއިރު މަންމަގެ މި ދަރިފުޅު މިއަދު ވާނެ ގެންދަން." ސަމާސާގެ ރާގުގައި ޒިންދު ފަހު ޖުމްލަ ބުންޏެވެ.
ކޮޓަރިން ލައިލީ ބޯދިއްކޮށްލި ވަގުތުން ފެށިގެން ދަރަކްގެ ނަޒަރު ލައިލީއާ ވަތްކެއް ނުވެއެވެ. އެކަމަކު ލައިލީގެ ހަރަކާތްތައް ހުރި ގޮތުން ހީވަނީ ދަރަކްއާ ނަޒަރު ސީދާކޮށްލަން އުނދަގޫވެގެން އުޅޭ ހެންނެވެ. ޒިންދު އެ ދެމަފިރިންނަށް ފުރުޞަތު ދީފައި ކޮޓަރިއަށް ގޮސް ވަނެވެ.
"ލައި..." ދެ މީހުން އެކަނިވުމުން ދަރަކް ގޮވާލިއެވެ. އެއާއެކު ލައިލީ ހޫން ލައްވާލިއެވެ. އަދި އޭނާ ދަރަކް ސައިބޯން ތަށިތައް މޭޒުގައި އަތުރަށް ފެށިއެވެ.
"ލައި ސައިބޮއެފިންތަ؟." ތަށިތައް އަތުރާ ނިމިގެން މޭޒުގެ އެއްފަރާތުގައި ލައިލީ މަޑުކޮށްލުމުން ދަރަކް އަހާލިއެވެ. ދެން ވެސް ލައިލީ ޖަވާބެއްގެ ގޮތުން ހޫން ލައްވާލިއެވެ. އަނބިމީހާއާ ދެމެދު އޮތް ބީރައްޓެހިކަން ދަރަކްއަށް ފާހަގަވިއެވެ.
"ނުވެސް އިށީންނަންތަ؟." ދަރަކް އަހާލިއެވެ. އެއާއެކު އަނގައިން ބުނުމެއްނެތި މޭޒުދޮށުގައި ދެން ހުރި ގޮނޑީގައި ލައިލީ އިށީނެވެ.
ދަރަކް ސައިބޮމުން ދިޔައެވެ. ލައިލީ އެއްވެސް އެއްޗެއް ނުބުނެ ހިމޭންވެފައި އިނީއެވެ. ކުރިމަތީގައި ދަރަކް އިންއިރު އޭނާއަށް ލައިލީ ބަލަމުންދިޔައީ ސިއްރުންނެވެ. އޭނާ ސައިބޮއެ ނިމުމުން ލައިލީ އަވަހަށް ތެދުވެއްޖެއެވެ. އަދި ދަރަކްގެ ކުރިމަތީ ހުރުން އުނދަގޫވެގެން އޭނާ މޭޒުމަތިން ތަށިތައް ނަގަންފެށިއެވެ. ކޮޓަރިއަށް ވަން ޒިންދު ނުކުތްއިރު މޭޒުދޮށުގައި ދަރަކް ހިމޭންވެފައި އިނެވެ. ލައިލީ ހުރީ ބަދިގޭ ސިންކުދޮށުގައެވެ. އެހެން ހުރެ ތަށީގައި އިސްޕޮންޖުކޮޅު އުނގުޅަމުން ދިޔައީ އެކަމަށް ނިމުމެއްނެތް ފަދައަކުންނެވެ.
"ތިވަރަށް ދޮންނަނިކޮށް ތަށި ފޫވެއްޓިދާނެ." ޒިންދު މިހެން ބުނި އަޑަށް ލައިލީ ބަލާލިއެވެ. ދެން އޭނާއަށް ވެސް ކުރެވެމުންދިޔަ ކަންތައް ރެއަކާލައިފިއެވެ.
"ލައި... ދޭ ތައްޔާރުވާން. ދަރަކްއާއެކީ ދާން." ޒިންދު ބުންޏެވެ. މަންމައަށް ލައިލީ ބަލާލީ ހަމަ ދާންވީތޯ އަހާފަދައަކުންނެވެ. ދަރިފުޅުގެ ހިމޭން ވާހަކަތައް ފަހުންވީ ފަދައިން ޒިންދު ބޯޖަހާލައިއެވެ. އެއާއެކު ދެ އަތް ދޮވެލައިގެން ލައިލީ އެތެރެއަށް ހިނގައިގަތެވެ.
"ތެންކިޔު މަންމާ." ލައިލީ ކޮޓަރިއަށް ވަންތަން ފެނުމުން ދަރަކް ބަލާލީ ޒިންދުއަށެވެ.
"ގެއަށް ގޮސް ތިވެގެން އުޅޭ ކަމެއް ހައްލުވަންދެން ދެ މީހުން ވާހަކަދައްކާ." ޒިންދު ބުންޏެވެ. ދަރަކް ނިކަން އަވަހަށް ބޯޖަހާލިއެވެ.
ލައިލީ އައި އިރު ގެނައި ފޮށި ތައްޔާރު ކޮށްގެން ނުކުތެވެ. އެޕާޓްމެންޓުގެ ދޮރުމައްޗަށް ލައިލީއާއި ދަރަކްއާއެކީ ޒިންދު ނުކުތެވެ. އެމީހުން ދާން ހިނގައިގަތުމުން ޒިންދު މަޑުނުކޮށް އެތެރެއަށް ވަނީއެވެ. ސިޑިން ފޭބުމުގެ ކުރީން ލައިލީގެ އަތުގައި އޮތް ފޮށި ދިނުމަށް ދަރަކް އެދުނެވެ.
"މި އެހާ ބަރެއްނޫން." ލައިލީ އަވަހަށް ބުނެލިއެވެ.
"ބަރުތޯއެއް ނޫނެއްނު އެހީ. އަހަރެން އަތަށް ދީބަލަ." ދަރަކް ބުންޏެވެ. އަދި ފޮށީގެ އަތްގަނޑުގައި އޭނާ ހިފިއެވެ. ލައިލީގެ ކުރިޔަށް ހުރެ ދަރަކް ސިޑިން ދެތިން ހަރުފަތް ތިރިއަށް ފޭބުމަށްފަހު އެނބުރުނެވެ.
"ބަލައިގެން ފައިބައްޗޭ." ލައިލީގެ އަތުގައި ހިފާލުމާއެކު ދަރަކް ބުނެލިއެވެ. އެ ބީހިލުމުން ލައިލީގެ މެޔަށް ފިނިވެލިއެވެ. ހީވީ އަހަރުތަކެއް ފަހުން ފިރިމީހާގެ ބީހުން އިޙްސާސްވެލި ހެންނެވެ. ދަރަކްގެ ފުށުން ބަދަލުތަކެއް ފެންނާތީ ލައިލީ ހުރީ ހައިރާންކަމެއްގައެވެ. ދޮރޯށި ކައިރީ މަގުމަތީގައި ލައިލީ ގޮވައިގެން ދަރަކް މަޑުކޮށްލިއެވެ. ޓެކްސީއަކަށް އޭނާ ގުޅީ ދެނެވެ. ބަންދު ދުވަހަކަށްވެފައި ހެނދުނުގެ އެވަގުތު މާލޭގެ މަގުމަތި ފެންނަނީ ފަޅުކޮށެވެ.
"އަހަންނާއެކު ސައިކަލު ދާން އާދޭ." ޓެކްސީއަށް ލައިލީގެ ފޮށި އެރުވުމުން އެއަށް ލައިލީ އަރަން އުޅުނު ހިނދު ދަރަކް ބުނެލިއެވެ. އޭރު ވެސް ލައިލީގެ އަތުން ދަރަކް ދުލެއް ނުކުރެއެވެ. މަހާލެވިފައިވާ އިނގިލިތަކުން ލައިލީގެ އިނގިލިތަކާއި އޭނާ ކުޅެމުންދާކަން ލައިލީ ދެނަހުއްޓެވެ.
ޓެކްސީ ޑްރައިވަރާ ވާހަކަދައްކާފައި ލައިލީ ގޮވައިގެން އައިސް ދަރަކް ސައިކަލަށް އެރިއެވެ. ޓެކްސީގެ ފަހަތުން ސައިކަލުގައި ދަރަކް އައެވެ. ލައިލީ ހިމޭންވެފައި އިނެއްކަމަކު ދަރަކް ދޭތެރެއަކުން ލައިލީގެ ފައިގައި ފިރުމާލައެވެ.
"މަންމަ ގުޅީތަ؟. ދަރަކް އަންނަކަށް މަންމައަށް އެނގޭ ކަހަލަ." ލައިލީ ވާހަކަ ދެއްކިއެވެ. މާނަފުން ހިނިތުންވުމެއް ދަރަކްގެ ތުންފަތަށް ވެރިވިއެވެ. ލައިލީގެ އަޑު އިވުނީމައެވެ.
"އަހަރެން މަންމައަށް ގުޅަން. ލައި ކިހިނެއްތޯ އެނގެން ބޭނުންވާތީ. ލައި ހަމައަކަށް އެޅޭންދެން އަހަރެން ދުރުގައި ހުންނަން މަންމަ ނަޞޭޙަތްތެރިވީ. އަދި ލައި ހަމަޖެހިއްޖެހެން ހީވީމަ މަންމަ ގުޅާނަމޭ ބުނި. ރޭގަ ކުއްލިއަކަށް މަންމަ އަހަންނަށް މެސެޖުކޮށްފައި ބުނީ މިއަދު ހެނދުނު ސައިބޯން އަންނާށޭ." ދަރަކް ކިޔާދިނެވެ. ލައިލީ ލައްވާލީ ހޫންއެކެވެ. ސައިކަލުގެ ލޯގަނޑުން ފަހަތުގައި އިން ލައިލީ ފެނޭތޯ އެޖަސްޓުކޮށްލިއެވެ. ދަރަކްއަށް ކަންތައް މިކުރެވުނީ ގޯސްކޮށްބާއޭ އޭނާ ހިތަށް އެރީ ލައިލީގެ ހިމޭންކަން ފެނިއެވެ.
ދަރަކްގެ އޯގާތެރިކަމަށް ބަދަލެއް ނާންނަކަށް ލައިލީއަށް ފާހަގަވިއެވެ. އޭނާއަށް ގިނަ ވާހަކަތަކެއް ދައްކަން އުނދަގޫވީ ކުއްލިއަކަށް ދަރަކްއާ ބައްދަލުވުމުގެ ސަބަބުންނެވެ. މަންމަ ވެސް އޭނާ ކައިރީ ދަރަކް އަންނަކަމެއް ނުބުނޭ ވިއްޔާއެވެ.
ޓެކްސީ ނެގި ފޮށި ހިފައިގެން ލައިލީއާއެކު ދަރަކް އައިސް އެމީހުންގެ އެޕާޓްމެންޓަށް ވަނެވެ. އެއްފަރާތުގައި ފޮށި ބެހެއްޓުމާއެކު ދަރަކް ނިކަން އަވަހަށް އައިސް ލައިލީގެ އަތުގައި ހިފާލައިފިއެވެ. އަދި ގެނެސް މޭގައި ޖައްސާލިއެވެ.
"ލައި. އައި އޭމް ސޮރީ. އަހަރެން..." ދަރަކްގެ ވާހަކަ ހުއްޓުމަކަށް އައީ ލައިލީ ވާހަކަދެއްކުމުންނެވެ.
"އިހަށް އިށީންނަމާ. އިށީނދެ ތިބެ ވާހަކަދެއްކަމާ." ދަރަކްއާ ދުރަށް ޖެހިލަމުން ލައިލީ ބުންޏެވެ. އެއާއެކު ދެ މަފިރިން އައިސް ސޯފާގައި އިށީނދެއްޖެއެވެ. ލައިލީ އެއްޗެކޭ ބުނޭތޯ އިރުކޮޅަކު މަޑުކޮށްލުމަށްފަހު ދަރަކް ވާހަކަ ދައްކަން ފެށިއެވެ.
"ލައި އަދިވެސް އަހަރެންނަށް މަޢާފުކުރިހެން ހިޔެއްނުވޭ. އަހަންނަށް މަޢާފު ހައްޤުނޫނީތަ؟." އިސްއޮބާލައިގެން އިނދެ ދަރަކް އަހާލިއެވެ.
ވާހަކަނުދައްކާ އެއްވެސް ކަމެއް ހައްލުނުވާނޭކަން ލައިލީއަށް އެނގެއެވެ. އަދި އޭނާގެ އިޙްސާސްތައް ދަރަކްއަށް އެނގޭނީ ލައިލީ ކިޔާދީގެންކަން ވެސް ވިސްނެއެވެ. ދެ މީހުން ޒުވާބުކުރަން ޖެހުނަސް ހިތުގައި އޮތް އެއްޗެއް ބުނާށޭ ލައިލީ ކައިރީ އޭނާގެ ގާތް މީހުން ވަނީ ބުނެފައެވެ. މީ އެފަދައިން ޢަމަލުކުރަންވީ ވަގުތުކަން ލައިލީ ޤަބޫލުކުރެއެވެ. އޭނާ ވެސް ދެން އިތުރަށް ދެމެދުގައި އޮތް މައްސަލަ ހައްލުނުވެ ދިގުދެމިގެންދާކަށް ނޭދެއެވެ.
"އަހަރެން... ދަރަކް އަހަރެންނަށް ދޮގު ހެދީމަ މައްސަލައަކީ. އަހަރެން ރުޅިއައީ އެހެންވެ. އައި ރިއަލީ ހޭޓެޑް ދެޓް. އަހަރެން ހުރީ ދަރަކްގެ މައްޗަށް ކުރެވެމުންދިޔަ ޝައްކުތައް ފިލުވާލަން ބޭނުންވެފައި. އަހަރެމެންގެ އެނިވަރސަރީ ރޭގައި ކުޑަ ވަގުތުކޮޅަށް ވިޔަސް ދަރަކް އައިނަމަ. އެރޭ އަހަރެންނަށް ފެނިލާފައި ދާން ދަރަކް އައި ނަމަވެސް އަހަރެންނަށް ދަރަކްއަށް އިތުބާރު ކުރެވޭނެ. އެރޭ ކޮންމެހެން ވެސް އާދެވޭތޯ ބަލާނަމޭ ދަރަކް ބުނީމާ އަހަރެން އެހާ އުފާވީ އެހެންވެ. އަހަރެންގެ ފިރިމީހާގެ މައްޗަށް އޮތް އިތުބާރު ނުގެއްލޭނޭކަން ޔަގީންކޮށްފައި. އަހަރެން ވަރަށް ތައްޔާރުވީން. އެކަމަކު އެންމެ ފަހުވަގުތު އަހަންނަށް ލިބުނީ ދަރަކްއަށް ނާދެވޭނެކަމުގެ މެސެޖު. އެވަރުން ނުވެގެން ފޯނު ވެސް ނިއްވާލީ. ދަރަކްއަށް ދެން އިތުބާރު ކުރެވިދާނެބާއޭ އަހަރެން ހިތަށް އެރީ. އެކަން އެހެން އޮއްވާ އެނިވަރސަރީގައި ދަރަކް އަހަންނަށް ދިން ގަޑިއަކީ ނިއުއިޔާއަށް ސަމައިރާއަށް ވެސް ލިބުނު ގަޑި." ލައިލީގެ އަޑުގައި ޝަކުވާއާ އެއްވަރަށް ހިތްދަތިކަމުގެ ރިހުންވިއެވެ.
"ލައިއަށް އެނގޭތަ ސަމައިރާ." ދަރަކްއަށް އަހާލެވުނީ ހައިރާންކަމާއެކުއެވެ.
"އަހަންނަށް އޭނާގެ އިންސްޓަގްރާމް ފެނުނީ." ލައިލީ ބުނެލިއެވެ.
"އައި އޭމް ސޮރީ ލައި. އެކަން ވީގޮތަކީ..." ދަރަކްއަށް ފުރިހަމަ ނުކުރެވެނީސް ލައިލީ ވާހަކަދެއްކިއެވެ.
"އަހަންނަށް އެނގޭ. އޭނާ އުޅެނީ އަފްރާހުއާ ރައްޓެހިވެގެންކަން. އަދި އެ ގަޑިއަކީ އަފްރާހު އޭނާއަށް ގަނެދިން އެއްޗެއްކަން." ލައިލީ ބުންޏެވެ.
"އާން. އަފްރާހު އޭނާއަށް ގަޑިދިނީ." ދަރަކް މަޑުމަޑުން ބުނެލިއެވެ.
"އެކަމަކު އަހަންނަށް ހަމަ އޭގެ ގަޑިއެއް ދޭން ޖެހުނީ ކީއްވެ." ދަރަކްއަށް ލައިލީ ބަލާލިއެވެ.
ދަރަކްގެ ދެބުމަ ކައިރިވެލިއެވެ. ފައިމަތީ އޮތް އަތްތިލަ މުއްކަވާލެވުނެވެ. އެ ގަޑި ލައިލީއަށް ކަމުދާނޭކަން ބުނީ ސިޔާކަން ހާމަކުރުން ރަނގަޅެއް ނުވާނޭ ދަރަކްގެ ހިތަށް ވިސްނުނެވެ. އެކަމަކު އެ ސުވާލަށް ޖަވާބު ނުދީފިއްޔާ ލައިލީއަށް ތަސައްލީއެއް ނުލިބޭނެކަން ދަރަކްއަށް އެނގެއެވެ. ސިޔާއާ ގުޅިފައި ވިޔަސް ދެން އިތުރު ދޮގެއް ނުހަދާން ދަރަކް ނިންމީ އެހެންވެއެވެ.
"އެއީ ސިޔާ އަހަރެމެންނާއެކީ ހަވީރު ސައިގައި ބައިވެރިވި ދުވަސް. ނިއުއިޔާއަށް ހަދިޔާއެއް ގަންނަން އަފްރާހު މަޝްވަރާކުރީ ސިޔާއާ. ނިއުއިޔާއާއާ އަހަރެމެންގެ އެނިވަރސަރީ ދިމާވާކަން އެމީހުންނަށް އެނގޭނެ. އަހަރެން ލައިއަށް ދެނީ ކޮން ހަދިޔާއެއްތޯ އަފްރާހު އެހީ. އޭރު އަދި އަހަރެން ލައިއަށް ހަދިޔާއެއް ނުހޯދަން. ސިޔާ އިނދެފައި ބުނީ ލައިއަށް ވަރަށް ކަމުދާނެއޭ އެ ގަޑި." ދަރަކް ބުންޏެވެ.
"އޭނާ އެހެން ބުނީމާ ޤަބޫލުކުރީތަ؟. އަހަރެމެންގެ ދެމެދަށް ވަދެ ދަރަކްއަށް އެހާ ބޮޑު އޮޅުވާލުމެއް އޮޅުވާލި މީހެއްގެ ވާހަކަ ޤަބޫލުކުރަންވީ ކީއްވެ؟. މިހެން މިވީ ދަރަކް އެއްޗެކޭ ނުބުނީމަ. އެކަމުގެ ފައިދާ އޭނާ ވަރަށް ބޮޑަށް ނަގައިފި. އަހަންނާ އިނދެގެން ހުރެ އެހެން އަންހެނަކާ ކިސްކޮށް އޭނާއާއެކު ކޮޓަރިއެއްގައި ވަގުތު ހޭދަކުރިކަން އެނގުމަށްފަހު މަޢާފުކުރެވިދާނެތަ؟. އަހަރެމެންގެ އެނިވަރސަރީގައި އަހަރެންނަށް ތިދިނީ ވެސް އޭނާ އަހަންނަށް ޗޫޒްކުރި ހަދިޔާއެއް. އެއީ ދަރަކް އަހަންނަށް ހޯދާދިން އެއްޗެއްނޫން. އަހަންނަކަށް ނޭނގެ މިކަމުގައި އިތުރަށް ދެން ބުނަން އޮތީ ކީކޭކަމެއް..." ސިޔާގެ ޚިޔާލުތަކުން ލައިލީގެ ހިތްހަމަނުޖެހުން އިތުރުވީ ވަރަކަށް އޭނާގެ އަޑު ވެސް ބާރުވެއްޖެއެވެ.
"އައި ލޫސިން ދި މޮސްޓް އިމްޕޯޓެންޓް ތިންގް ޓު މީ." މޫނުގައި ދެއަތް އަޅާލައިގެން އިނދެ ފުންނޭވާއެއް ދޫކޮށްލި ލައިލީގެ ހިތުގައި ވިއެވެ. އެވަގުތު ދަރަކް ގޮވާލި އަޑު އިވުނެވެ.
(ނުނިމޭ)