ރައީސް އަބްދުﷲ ޔާމީން

ޔާމީން 53 މިލިއަން ދައްކަން ކުރި އަމުރު ބާތިލްކޮށްފި

Apr 11, 2023
1

ވ. އާރަށު މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ސާބިތުވި ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގައި ހިމެނޭ 53 މިލިއަން ރުފިޔާގެ ފައިސާ ދެއްކުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ އަމުރު ހައިކޯޓުން ބާތިލްކޮށްފި އެވެ.

ރައީސް ޔާމީން ހައިކޯޓުގައި މި މައްސަލަ އިސްތިއުނާފް ކުރީ ވ. އާރަށު މައްސަލައިގައި އެމަނިކުފާނު މައްޗަށް ސާބިތުވި ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގައި ހިމެނޭ 3،413،230 ޑޮލަރު ނުވަތަ 53 މިލިއަން ރުފިޔާ ދައުލަތަށް ދެއްކުމަށް ކްރިމިނަލް ކޯޓުން އެމަނިކުފާނުގެ މައްޗަށް ކުރި އަމުރު ބާތިލްކޮށްދިނުމަށް އެދިވަޑައިގެންނެވެ.

ރައީސް ޔާމީން 53 މިލިއަން ރުފިޔާ ދައުލަތަށް ދެއްކުމަށް ކްރިމިނަލް ކޯޓުން އަމުރުކުރީ އާރަށު މައްސަލައިގައި އެމަނިކުފާނު 11 އަަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް މާފަހުން ދައުލަތުން ހުށަހަޅައިގެން ކްރިމިނަލް ކޯޓުން ނެރުނު އަމުރަކުންނެވެ.

އާރަށު މައްސަލައިގައި ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާ ރައީސް ޔާމީންގެ މައްޗަށް ސާބިތުވުމުން 53 މިލިއަން ރުފިޔާ އަކީ ރައީސް ޔާމީން މަނީލޯންޑާ ކޮށްގެން ހޯދި ފައިސާ ކަމަށް ދައުލަތަށް ގަބޫލުކުރެވޭތީ އެ ފައިސާ ހޯދަން ހުށަހެޅީ އެވެ.

ހައިކޯޓުން މިއަދު ކުރި ހުކުމްގައި ބުނެފައިވަނީ ޔާމީން މަނީ ލޯންޑާކޮށްގެން ހޯދި ފައިސާއަކީ ކޮބައިކަން ދައުލަތުން ބުނި ނަމަވެސް އާރަށު މައްސަލައިގައި ޔާމީން ޖަލަށްލުމަށް ހުކުމްކުރިއިރު އެ ފައިސާ ދައުލަތަށް ހޯދުމަށް އަމުރުގައި ނެތް ކަމަށެވެ.

މިމައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު ހަސަން ޝަފީއުގެ ރައުޔުގައިވަނީ ހުކުމްކުރިއިރު އަމުރުކޮށްފައި ނެތް ކަމެއް ދެވަނަ އަމުރެއް ނެރެގެން ނުކުރެވޭނެ ކަމަށެވެ. ފަނޑިޔާރަށް އޮޅިގެން ކުރެވޭ ކަންކަން ދެވަނަ އަމުރެއް ނެރެގެން ރަނގަޅު ނުކުރެވޭނެ ކަމަށާއި ފައިސާ ހޯދުމަށް ދެވަނަ އަމުރަކަށް ނުވެސް އެދެވޭނެ ކަމަށްވެސް ފަނޑިޔާރު ޝަފީއުގެ ރައުޔުގައިވެ އެވެ.

ވ. އާރަށު މައްސަލައިގައި ރައީސް ޔާމީން 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމްވެސް އެމަނިކުފާނު ވަނީ ހައިކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ. ނަމަވެސް މިމައްސަލައިގެ އިސްތިއުނާފް އަޑުއެހުންތައް އަދި ފަށާފައެއް ނުވެ އެވެ.

ރައީސް ޔާމީނަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމު، މަތީ ކޯޓަކުން ބާތިލް ނުކުރާހާ ހިނދަކު އެމަނިކުފާނަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދައެއް ނުކުރެއްވޭނެ އެވެ.