ކުޑަކުދިންނާއި އަންހެންހެނުން ރޭޕް ކުރުން އިންތިހާއަށް ގޮސްފައިވާ އިންޑިއާގައި ރޭޕް ކުރި ކުޑަ އަންހެންކުއްޖަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ހޮސްޕިޓަލްގައި ވެސް އެކުއްޖާ ރޭޕްކުރި މައްސަލައެއް ފެންމަތިވެ ފުލުހުން ތަހުގީގު ފަށައިފި އެވެ،
ރޭޕްކޮށްފައި ވަނީ އުމުރުން 15 އަހަރުގެ ކުޑަ އަންހެން ކުއްޖެކެވެ. އޭނާ ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދެމުންދަނިކޮށް ހޮސްޕިޓަލްގެ ތެރެއިން ރޭޕްކޮށްފައި ވަނީ ހޮސްޕިޓަލްގެ ސެކިއުރިޓީގާޑެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ.
މިއީ އިންޑިއާގައި އަންހެނުންނާ ދެކޮޅަށްދޭ މިފަދަ ހަމަލާތަކުގެ ތެރެއިން އެންމެ ފަހުން ފެންމަތިވި ހާދިސާއެވެ.
ރިޕޯޓްތައް ބުނާ ގޮތުން އަންހެންކުއްޖާ ހޮސްޕިޓަލްގައި ރޭޕް ކުރީ މިދިއަ އާދީއްތަ ދުވަހު ޖަމްޝެދްޕޫރުގެ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށްފައި އޮއްވައެވެ. ޖަމްޝެދްޕޫރަކީ އިންޑިއާގައި ފަގީރު އާބާދީއެއް އޮންނަ ސަރަހައްދެކެވެ.
މި މައްސަލަ ތަހުގީގު ޓީމުގެ އިސްވެރިޔާ، ފުލުސް ސުޕެރިންޓެންޑެންޓް ޗަންދަން ޖާ ވިދާޅުވީ ކުޑަކުއްޖާ ރޭޕްކުރި ސެކިއުރިޓީ ގާޑް ހައްޔަރުކޮށްފައިވާ ކަމަށާއި އަންހެން ކުއްޖާގެ މެޑިކަލް ރިޕޯޓު ލިބުނުހާ އަވަހަކަށް ތަހުގީގު ނިންމައި ސެކިއުރިޓީ ގާޑްގެ މައްޗަށް ދައުވާކުރަން ބޭނުންވާ ހެކި އެއްކުރާނެ ކަމަށެވެ.
ރޭޕްގެ މި ހާދިސާއަށްފަހު އަންހެން ކުއްޖާ ވަނީ ރިހެބިލިޓޭޝަނަށާއި އިތުރު ފަރުވާއަށް އެހެން ހޮސްޕިޓަލަކަށް ބަދަލުކޮށްފައެވެ.
ދެ ފަހަރުމަތިން ރޭޕް ކުރި މި އަންހެން ކުއްޖާ ފުރަތަމަ ރޭޕްކޮށްފައި ވަނީ 18 އަހަރުން ދަށުގެ ކުޑަކުއްޖެކެވެ. އެހެންވެ ފުލުހުން ވަނީ އެކުއްޖާ ހައްޔަރުކުރުމަށްފަހު ޖުވެނައިލް ރިމާންޑް ސެންޓަރަކަށް ބަދަލުކޮށްފަ އެވެ.
ދެހާސް ބާރަވަނަ އަހަރު އިންޑިއާގައި ބަހެއްގަ ތެރޭ ހިންގި ގޭންގް ރޭޕްގެ ސަބަބުން އެތަކެއް ހާސް ބައެއްގެ ފާޑުކިޔުން އިންޑިއާގެ ސަރުކާރަށާއި އެ ގައުމުގެ ގާނޫނުތަކަށް ވަނީ އަމާޒް ވެފައެވެ. އޭގެ ފަހުން އިންޑިއާއިން ވަނީ އަންހެނުންނާ ދެކޮޅަށް ކުރާ އަނިޔާއަށް ލިބޭ އަދަބުތަށް ހަރުކަށި ކޮށްފައެވެ.