ބޮލީވުޑް

ޝްރައްދާ އާއި ރާޖްކުމާރު "އިސްތިރީ 2" ރަސްމީކޮށް އިއުލާންކޮށްފި

ރާޖްކުމާރު ރާއޯ އާއި ޝްރައްދާ ކަޕޫޜުގެ "އިސްތިރީ" އަކީ 2018ގައި ރިލީޒްކުރި ފިލްމުތަކުގެ ތެރެއިން އެންމެ ބޮޑު ކާމިޔާބެއް ހޯދި ފިލްމެވެ. މިފިލްމު ނިންމާލާފައިވަނީ މީގެ ދެވަނަ ބައެއް އަންނާނެކަން ޔަގީންވާ ފަދަ ގޮތަކަށެވެ. އަދި މިހާތަނަށް މި ފިލްމުގެ ދެވަނަ ބަޔަކަށް ފިލްމުގެ ފުރަތަމަ ބައި ބެލި ގިނަ ބަޔަކު ދިޔައީ އިންތިޒާރުކުރަމުންނެވެ.

އެ އިންތިޒާރަށް ނިމުން އައިސް އިއްޔެ ވަނީ "އިސްތިރީ 2" އިއުލާން ކޮށްފަ އެވެ.

ކުރިން ހީކުރެވިފައިވަނީ ދެވަނަ ބައިގައި ރާޖްކުމާރު ރާއޯ އާއެކު ވަރުން ދަވަން ވެސް ބަތަލުގެ ބައި ކުޅޭނެ ކަމަށެވެ. ނަމަވެސް އިއްޔެ ފިލްމު އިއުލާން ކުރިއިރު ފިލްމުގެ ކާސްޓްގެ ގޮތުގައި އިއުލާންކޮށްފައިވަނީ ފުރަތަމަ ބައިގައި ވެސް ބައިވެރިވި އެކްޓަރުންނެވެ. އެއީ ޝްރައްދާ އާއި ރާޖްކުމާރު، ޕަންކަޖް ޓްރިޕާތީ އަދި އަޕަރްޝަކްތީ އާއި އަބީޝެކް ބެނާޖީ އެވެ.

"އިސްތިރީ 2" އާއެކު ވަރުން ދަވަންގެ "ބީޅީޔާ"ގެ ދެ ވަނަ ބައި "ބީޅިޔާ 2" ވެސް އިއުލާން ކޮށްފައި ވެއެވެ. އަދި އިތުރު ވެމްޕެއާ ފިލްމެއް ވެސް އުފައްދުމުގެ މަސައްކަތް ކުރަމުންދާކަން ޕްރޮޑިއުސަރުން ވަނީ އިއުލާން ކޮށްފަ އެވެ.

މި ތިން ފިލްމުގެ ތެރެއިން އެންމެ ފުރަތަމަ ރިލީޒްކުރާނީ "އިސްތިރީ 2" އެވެ. އެ ފިލްމު އަންނަ އަހަރުގެ އޮގަސްޓް 31ގައި ރިލީޒްކުރަން ހަމަޖެހިފައިވާއިރު "ބީޅިޔާ 2" ރިލީޒްކުރާނީ 2025 ގައެވެ.

މި ފިލްމުތަކަކީ ހޮރޯ-ކޮމެޑީ ޔުނިވާސް އެއް އުފެއްދުމަށް ޕްރޮޑީއުސަރުން ކުރާ މަސައްކަތުގެ ދަށުން ތައްޔާރުކުރާ ބިރުވެރި ފިލްމުތަކެވެ. މީގެ އިތުރަށް ވެސް ބައެއް ފިލްމުތައް ޕްރޮޑިއުސަރުން އިއްޔެ އިއުލާން ކޮށްފައި ވެއެވެ.
މި ފިލްމުތަކުގެ ތެރޭގައި ޝާހިދު ކަޕޫރުގެ "ބްލަޑީ ޑެޑީ"، ކާރްތިކް އާރްޔަން އާއި ޝްރައްދާގެ "ބޫލް ޗުކް މާފް"، ކްރީތީ ސެނޯން އާއި ޝާހިދުގެ އަދި ވަކި ނަމެއް ހަމަނުޖެހޭ ފިލްމެއްގެ އިތުރުން އަމީތާބް ބައްޗަންގެ "ސެކްޝަން 84" އާއި ވިކީ ކޯޝަލް އާއި ސާރާ އަލީ ޚާންގެ "ޒަރާ ހަޓްކޭ ޒަރަ ބަޗްކޭ" ފަދަ ފިލްމުތައް ހިމެނެ އެވެ.