ބޮލީވުޑް

"ބަޖްރަންގީ ބައިޖާން"ގެ ލޯބިލޯބި މުންނީ ބޮޑުވެއްޖެ

ސަލްމާން ޚާންގެ "ބަޖްރަންގީ ބައިޖާން" ބެލި ގިނަ ބަޔެއްގެ ހިތް އަތުލާފައިވަނީ އެ ފިލްމުގައި ބީރު، މަންމަން ކުއްޖެއްގެ ރޯލު އަދާކުރި ލޯބިލޯބި މުންނީ (ހަރްޝާލީ މަލްހޯތުރާ" އަށެވެ.

ހަރްޝާލީގެ ރީތިކަމާއި މޮޅުކަމުން ވަރަށް ގިނަ ބަޔަކު އޭނާއަށް ތައުރީފުކޮށްފައި ވެއެވެ. އަދި އެ އަހަރުގެ އެންމެ މޮޅު ޗައިލްޑް އާޓިސްޓްގެ ގިނަ އެވޯޑުތައް ވެސް ގެންދިޔައީ ހަރްޝާލީ އެވެ.

"ބަޖްރަންގީ ބައިޖާން" 2015ގައި ރިލީޒްކުރިއިރު ހަރްޝާލީ އަށް އެންމެ ހަ އަހަރެވެ. އޭގެ ފަހުން ފާއިތުވީ އަށް އަހަރު ދުވަހުގެ ތެރޭގައި ހަރްޝާލީ ވަނީ ބޮޑުވެ ރީތި ޒުވާން ޓީންއޭޖް ކުއްޖަކަށް ބަދަލުވެފަ އެވެ. އަދި ކުޑައިރުވެސް އޭނާގެ ހުރި ލޯބި ގޮތްގަނޑާއި ރީތި ހިނިތުންވުން އަދިވެސް ހަމަ އެގޮތަށް އެބަހުއްޓެވެ.

ހަރްޝާލީ ބުނި ގޮތުގައި ސަލްމާން އާއި އޭނާ އަދިވެސް ސަލްމާންގެ އުފަން ދުވަސް ފަދަ ބައެއް ޚާއްސަ ދުވަސް ދުވަހު ފޯނުން ވާހަކަ ދައްކާ އުޅެ އެވެ. ނަމަވެސް ސަލްމާން އުޅޭލެއް ބިޒީކަމުން އަބަދާ އަބަދު އޭނާއަށް އުނދަގޫކުރަން ނުކެރޭ ކަމަށް ހަރްޝާލީ ބުންޏެވެ.

ބޮޑުވެގެން ވެސް ފިލްމު ކުޅުމުގެ ޝައުގުވެރިކަން ހަރްޝާލީ ފާހަގަ ކުރި އެވެ. ނަމަވެސް އޭނާއަށް ފިލްމީ މަސައްކަތް ފެއްޓޭނީ ތައުލީމު ފުރިހަމަ ކުރުމަށް ފަހުގަ އެވެ.

ހަރްޝާލީ ބުނި ގޮތުގައި "ބަޖްރަންގީ ބައިޖާން" ރިލީޒްކުރި ފަހުން ވަރަށް ގިނަ ފިލްމުތަކުން އޭނާއަށް ފުރުސަތުތައް ލިބުނެވެ. ނަމަވެސް މުންނީގެ ރޯލު ފަދަ ބޮޑު ރޯލެއް ނޫނީ އޭނާ މި ވަގުތު ކުޅޭކަށް ބޭނުމެއް ނޫނެވެ.