ދުނިޔެ

ސައޫދީގައި އީރާން އެމްބަސީ ހުޅުވައިފި

ސައޫދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒުގައި ހުންނަ އީރާން އެމްބަސީ އަލުން ހުޅުވައިފި އެވެ. އީރާން އެމްބަސީގެ ދޮރުތައް މި ހުޅުވީ ބަންދުކޮށްފައި ހުންނަތާ ހަތް އަހަރު ފަހުންނެވެ.

ސައުދީ އާއި އީރާންއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން އަލުން އާކޮށް ހުރަހެއް ނެތި މުއާމާލާތްކުރުމަށް އެއްބަސްވެފައިވަނީ ޗައިނާ މެދުވެރިކޮށް މާޗުގައި އެ ގައުމުގެ ވެރިރަށް ބެއިޖީންގަ އެވެ.

އެއަށްފަހު މަރުހަލާއަކުން މަރުހަލާއަކުން ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ އޮފިޝަލުން ވެސް އަންނަނީ މަޝްވަރާކުރަމުންނެވެ.

ސައޫދީގައި އީރާން އެމްބަސީ ހުޅުވާފައި މިވަނީ -- އެމްބަސީ ހުޅުވުމަށްޓަކައި ކަމާބެހޭ ޓީމެއް ސައޫދީއަށް ހިނގައްޖެ ކަމަށް އީރާންގެ ފޮރިން މިނިސްޓްރީން ބުނިތާ ގިނައިރުތަކެއް ނުވަނީހެވެ.

އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ނާސިރު ކަނާނީ ވިދާޅުވި ގޮތުގައި އެމްބަސީ ހުޅުވަން ސައޫދީއަށް ދިޔަ އީރާންގެ ވަފުދަށް ސައޫދީ ސަރުކާރުން ކަމޭހިތައި ވަރަށް ބޮޑަށް އެއްބާރުލުން ދިނެވެ.

ސައޫދީ އާއި އީރާންއާ ދެމެދު ވިޔަފާރި އާއި ދަތުރުފަތުރު ކުރުން އަދި ސަލާމަތާއި ރައްކާތެރިކަމާ ބެހޭ ގޮތުން ކުރަން ހުރި މަޝްވަރާތައް، އެމްބަސީ ހުޅުވުމަށް ފަހު ކުރިއަށް ދާނެ އެވެ. މިއީ ދެ ގައުމުގެ ގުޅުން ހަރުދަނާކުރުމަށް ހެދި އެއްބަސްވުމުގެ ދެލިކޮޕީ އޮތް ގޮތެވެ.

އީރާން އާއި ސައޫދީގެ މިގުޅުމުގެ ތެރެއިން ޔަމަން ސުލްހަކުރުމަށް ވެސް މަޝްވަރާތަކެއް ކުރާނެ އެވެ. ޔަމަންގެ ސަރުކާރާއި ހޫސީންނާ ދެމެދު މިހާރު ވެސް ވަނީ މަޝްވަރާތައް ފެށިފަ އެވެ.