ދުނިޔެ

އީރާންގެ ރައީސް، އިބްރާހީމް ރައީސީ ސައުދީއަށް ވަޑައިގަންނަވާނެ: އީރާން

ސައޫދީ އަރަބިއްޔާގެ ރަސްގެފާން ސަލްމާން ބިން އަބްދުލްއަޒީޒު ދެއްވާފައި އޮތް ދައުވަތު ގަބޫލުކުރައްވައި، އީރާންގެ ރައީސް، އިބްރާހީމް ރައީސީ ސައުދީއަށް ރަސްމީ ދަތުރެއް ކުރައްވާނެ ކަމަށް އީރާންގެ ޚާރިޖީ ވަޒީރު ހުސައިން އަމީރު އަބްދުއްލަހިޔާން ވިދާޅުވެއްޖެ އެވެ.

އަމީރު އަބްދުއްލަހިޔާން މިހާރު އުޅުއްވަނީ ސައޫދީ އަރަބިއްޔާއަށް ކުރައްވާ ރަސްމީ ދަތުރެއްގައި، ސައޫދީގަ އެވެ.

މިއީ ދެ ގައުމުގެ ގުޅުން -- ސިޔާސީ ފެންވަރުގައި އަލުން ގާއިމުކުރި ފަހުން އީރާންގެ ޚާރިޖީ ވަޒީރުގެ ގޮތުގައި އޭނާ ސައޫދީއަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

އަބްދުއްލަހިޔާން ވިދާޅުވި ގޮތުގައި ސަލްމާން ރަސްގެފާންގެ ދައުވަތަށް އިބްރާހީމް ރައީސީ ވަރަށް އަވަށް ސައޫދީއަށް ވަޑައިގަންނަވާނެ އެވެ. ނަމަވެސް އޭނާ ވަކި ތާރީހަކަށް އިޝާތާތެއް ނުކުރައްވަ އެވެ.

އިބްރާހީމް ރައީސީ ސައޫދީއަށް ވަޑައިގަތުމަކީ ވަރަށް ބޮޑު އުއްމީދެއް ކަމަށް ސައޫދީގެ ހާރިޖީ ވަޒީރު ފައިސަލް ބިން ފަރުހާން ވެސް ވިދާޅުވި އެވެ.

އަބްދުއްލަހިޔާންއާ އެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފަރުހާން ވިދާޅުވީ ސައޫދީގެ އުއްމީދުތަކަށް އީރާނުން އެއްބާރުލުން ދިނުމަށް އެއްބަސްވުމަކީ އުފާވެރި ހަބަރެއް ކަމަށާއި ސައޫދީންވެސް އެގޮތުގައި އީރާންއާ އެކު ދެމި އޮންނާނެ ކަމަށެވެ. އަދި އިބްރާހީމް ރައީސީ ސައޫދީއަށް ވަޑައިގަތުމަކީ ވަރަށް ބޮޑަށް އެދެވިގެންވާ ކަމެއް ކަމަށްވެސް ފައިސަލް ބިން ފަރުހާން ވިދާޅުވި އެވެ.

ވޯލްޑް އެކްސްޕޯ 2030 ސައޫދީގައި ބޭއްވުމަށް އިރާން ތާއީދުކުރުމަކީ ލިބިވަޑައިގެންނެވި ފަރަށް ބޮޑު އުފަލެއް ކަމަށްވެސް ސައޫދީގެ ވަޒީރު ވިދާޅުވި އެވެ.

ހުސައިން އަމީރު އަބްދުއްލަހިޔާ ވިދާޅުވި ގޮތުގައި ސައޫދީއާ އެކު ސަރަހައްދީ މަސްލަހަތު ހިމާޔަތްކުރުމަށް އީރާން މަސައްކަތްކުރާނެ އެވެ. އަދި މުސްލުމުންނަށް ދިމާވެފައި ހުރި އެންމެ ބޮޑު މައްސަލަ -- ފަލަސްތީނަށް ރަނގަޅު ގޮތެއް ހޯދައިދެއްވުމަށްވެސް ސައޫދީއާ އެކު މަސައްކަތްކުރައްވާނެ އެވެ.

ސަރަހައްދީ މަސްލަހަތަށް ސައޫދީން އިސްނަގާފައި ހުރި ބިޔަ ޕްރޮޖެކްޓްތަކުގައި އީރާންގެ ހިއްސާ އޮންނަން އެދިވަޑައިގަންނަވާ ކަމަށް ވެސް އީރާންގެ ވަޒީރު ވިދާޅުވި އެވެ.

މުސްލިމް، އިސްލާމީ ޖަމާއަތަށް އޮތް ކޮންމެ ކަންބޮޑުވުމަކީ އީރާނަށް އޮތް ކަންބޮޑުވުމެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.