ދުނިޔެ

ސައޫދީ އަރަބިއްޔާގެ އެމްބަސީ އީރާންގައި އަލުން ހުޅުވައިފި

އީރާންގައި ވެރިރަށް ތެހެރާންގައި ހުންނަ ސައޫދީ އަރަބިއްޔާގެ އެމްބަސީ ހަތް އަހަރު ދުވަހު ބަންދުކޮށްފައި ބެހެއްޓުމަށް ފަހު ބުދަ ދުވަހު އަލުން ހުޅުވައިފި އެވެ.

ސައޫދީ އާއި އީރާންއާ ދެމެދުގައި އޮތް ނުތަނަވަސްކަން ނިމުމަކަށް ގެނެސް އެމްބަސީތައް ހުޅުވަން ދެ ގައުމުން އެއްބަސްވީ މިއަހަރުގެ މާޗުގައި ޗައިނާގައި އޮތް މަޝްވަރާތަކަށްފަހު އެވެ.

މަޝްވަރާތަކަށްފަހު ދެ ގައުމުގެ ގުޅުން މިހާރު އޮތީ އާދައިގެ ހާލަތުގަ އެވެ. ދެ ގައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ގާއިމުކޮށް، ސައޫދީގެ ވެރިރަށް ރިޔާޒްގައި ހުންނަ އީރާން އެމްބަސީވެސް މިހާރު ހުރީ ހުޅުވާފަ އެވެ. އަދި ދެ ގައުމުގެ ހާރިޖީ ވަޒީރުން ވެސް ވަނީ ގުޅުން ބަދަހިކުރުމުގެ މި މަރުހަލާ ތެރެއިން އެއް ގައުމު އަނެއް ގައުމަށް ދަތުރުކުރައްވައި އެއް މޭޒު ދޮށުގައި ސައްލާކުރައްވާފަ އެވެ.

ސައޫދީ އާއި އީރާންއާ ދެމެދު ފްލައިޓްތައް ފަށައި ވިޔަފާރި އާއި އަދި ފަތުރުވެރިކަން ވެސް މިހާރު އޮތީ ފަށާފަ އެވެ.

ދެ ގައުމުގެ ދެމެދުގައި ގާއިމުކުރި އެއްބަސްވުމުގެ ދަށުން ސަރަހައްދީ އަދި ބައިނަލްއަގްވާމީ މައްސަލަތަކުގައި ދެ ގައުމުގެ ފިކުރާއި ޚިޔާލު އެއްގޮތްކުރުމަށް ވަރަށް ބޮޑަށް މަސައްކަތްކުރައްވާނެ ކަމަށް އޮފިޝަލުން އޮތީ ވިދާޅުވެފަ އެވެ.

އީރާންގައި ހުރި ސައޫދީ އެމްބަސީ ހުޅުވުން ތަންކޮޅެއް ލަސްވި ސަބަބެއް ކަމަށް ހަބަރުތައް ބުނަނީ، އެމްބަސީ ކުރިން ހުރި އިމާރާތް މާބޮޑަށް ބާވުމުގެ ސަބަބުން މަރާމާތަށް ވަގުތު ބޭނުންވީ ކަމަށެވެ.

ސައޫދީ އެމްބަސީ ބަންދުކުރީ 2016 ގައި ހިނގާދިޔަ ހަމަނުޖެހުންތަކެއްގައި -- އެމްބަސީ ތެރެއަށް ބަޔަކު ވަދެގަނެ ހުޅުޖެހުމުގެ ސަބަބުންނެވެ. މި ހަމަލާގައި އެމްބަސީގެ މުވައްޒަފުންނަށް ވެސް ވަނީ އަނިޔާ ލިބިފަ އެވެ.

ސައޫދީ އާއި އީރާންއާ ދެމެދުގައި އޮތް ގުޅުން ކަނޑާލަން ޖެހުނު ސަބަބަކަށް މި ހަމަނުޖެހުންތައް ވިއެވެ.

ސައުދީން މިހާރު މަސައްކަތްކުރަނީ ސަރަހައްދީ -- އަރަބި ހުރިހާ ގައުމެއް އެއްގަލަކަށް އަރުވައި، އެއް ޖަމާއަތެއް ގޮތުގައި ގުޅުން ދެމެހެއްޓުމަށެވެ. މި ގޮތުން ސީރިއާއާ އެކު ވެސް ގުޅުން ބަދަހިކޮށް ވަނީ އާ ސަފުހާތަކަކުން ތާރީޚު ޖަހަން ފަށާފަ އެވެ.