( 11 އެޕްރިލް 2023 އާ ގުޅޭ )
"އޭނާ އެހެން ބުނީމާ ޤަބޫލުކުރީތަ؟. އަހަރެމެންގެ ދެމެދަށް ވަދެ ދަރަކްއަށް އެހާ ބޮޑު އޮޅުވާލުމެއް އޮޅުވާލި މީހެއްގެ ވާހަކަ ޤަބޫލުކުރަންވީ ކީއްވެ؟. މިހެން މިވީ ދަރަކް އެއްޗެކޭ ނުބުނީމަ. އެކަމުގެ ފައިދާ އޭނާ ވަރަށް ބޮޑަށް ނަގައިފި. އަހަންނާ އިނދެގެން ހުރެ އެހެން އަންހެނަކާ ކިސްކޮށް އޭނާއާއެކު ކޮޓަރިއެއްގައި ވަގުތު ހޭދަކުރިކަން އެނގުމަށްފަހު މަޢާފުކުރެވިދާނެތަ؟. އަހަރެމެންގެ އެނިވަރސަރީގައި އަހަރެންނަށް ތިދިނީ ވެސް އޭނާ އަހަންނަށް ޗޫޒްކުރި ހަދިޔާއެއް. އެއީ ދަރަކް އަހަންނަށް ހޯދާދިން އެއްޗެއްނޫން. އަހަންނަކަށް ނޭނގެ މިކަމުގައި އިތުރަށް ދެން ބުނަން އޮތީ ކީކޭކަމެއް..." ސިޔާގެ ޚިޔާލުތަކުން ލައިލީގެ ހިތްހަމަނުޖެހުން އިތުރުވީ ވަރަކަށް އޭނާގެ އަޑު ވެސް ބާރުވެއްޖެއެވެ.
"އައި އޭމް ލޫސިން ދި މޮސްޓް އިމްޕޯޓެންޓް ތިންގް ޓު މީ." މޫނުގައި ދެއަތް އަޅާލައިގެން އިނދެ ފުންނޭވާއެއް ދޫކޮށްލި ލައިލީގެ ހިތުގައި ވިއެވެ. އެވަގުތު ދަރަކް ގޮވާލި އަޑު އިވުނެވެ.
"އަހަންނަށް އެނގޭ ދަރަކް ތި ވިސްނަނީ ކީކޭކަން. ސިޔާ ޖެހި މަޅީގައި ދަރަކް ހައްޔަރުވީ. އެކަމުގައި ދަރަކްގެ ކުށެއްނެތޭ. އެހެންވީމަ އަހަރެން ދަރަކްއަށް އެކަމުގައި ބްލޭމް ކުރަންވީ ކީއްވެހޭ؟. އެހެންވިޔަސް ހެޔޮ. ކަންތައްވީ ގޮތާމެދު އަހަރެން މިހުންނަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައި. އަހަރެން ބޭނުމެއްނޫން އަހަރެންގެ ފިރިމީހާގެ ގައިގާ އެހެން އަންހެނަކު އަތްލާކަށް. ހަމައެކަނި އަހަންނާ އޮންނަން ޖެހޭ ފަދަ ގުޅުމެއް ހިލޭ އަންހެނަކާ ބާއްވާކަށް. އަހަރެން ބޭނުމެއްނޫން އަހަރެމެންގެ މެދުގައި ނުދެއްކޭވަރުގެ ވާހަކައެއް އޮންނާކަށް. އެކަކުއަނެކަކަށް ކަންކަން ސިއްރުކުރާކަށް. ސިޔާ އެކަންޏެއްނޫން. އެހެން އެއްވެސް އަންހެނަކާއެކީ ދަރަކް ފެންނާކަށް އަހަރެން ނޭދެން. ދުވަހަކުވެސް އެކަހަލަ މަންޒަރެއް ދުށުމަކަށް ބޭނުމެއްނޫން. ދަރަކްއަކީ އަހަރެންގެ މީހެއް. އަހަރެންގެ ފިރިމީހާ. އަހަރެންނޫން އަންހެނަކަށް ދަރަކްގެ ސަމާލުކަން ދެވިގެންނުވާނެ." ލައިލީއަށް އިށީނދެ ނީނދެވިގެން ކޮޅަށް ތެދުވެ އަޑަށް ބާރުލާފައި ވާހަކަދެއްކިއެވެ.
ލައިލީ ހާމަކުރީ އޭނާގެ ހަޤީޤީ އިޙްސާސްތަކެވެ. މީގެ ކުރީން އޭނާ އަޑުވީއްލާ ނުބުނާ އެތައް ވާހަކައެއް ލައިލީ ހާމަކުރިއެވެ. ދަރަކްއަށް އިތުބާރެއް ނުކުރެވޭނެއޭ ހީވާ ކޮންމެ ފަހަރަކު ލައިލީގެ ވިސްނުމަށް އައީ ދަރަކްއާ ދުރަށް ދިއުމަށެވެ. އެކަމަށް ކެތްނުކުރެވޭނެއޭ ހީވެ ވަރިވުމުގެ ޚިޔާލު ވެސް ލައިލީ ކުރިއެވެ. އެކަމަކު އެއިން ކޮންމެ ފަހަރަކު ދަރަކްގެ އުނި ސިފަތަކަށްވުރެ އޭނާގެ އޯގާތެރިކަމާއި ރަނގަޅުކަން ކުރި ހޯދައެވެ. ހިތުގައި ދަރަކްއަށް ދެވިފައިވި ލޯތްބާއި ޤަދަރު ފުހެއެއްނުލެވެއެވެ. ވަރިވުމުގެ ޚިޔާލުން ލައިލީގެ ހިތުގައި ރިހެވެ. އެހިސާބަށް ވިސްނުން ދާންޖެހުނީތީ ރުޅި ވެސް އައެވެ. ކޮންމެގޮތެއްވިޔަސް ލައިލީއަށް އެނގެނީ ދަރަކް ކައިރިން ވަރިވާކަށް އޭނާ އަދި ތައްޔާރެއްނޫން ކަމެވެ.
"އެނީތިންގް އެލްސް..." ދަރަކް ސޯފާއިން ތެދުވި ގޮތަށް ލައިލީގެ ގައިގާ ބައްދާލުމާއެކު ބުންޏެވެ.
"ލައި ރުހޭކަމެއް ނޫނީ އަހަރެން ނުކުރާނަން. އެހެންވީމަ މިއަދު އެއްވެސްކަމެއް ނުހިފަހައްޓާ އަހަންނަށް ކިޔާދީ. ލައި ރުޅި އައިސް ފޫހިވާ ކަންކަމަކީ ކޮބާކަން. ލައި އެންމެ އުފާވަނީ އަހަރެންގެ ފުށުން ކޮންކޮން ކަމަކާކަން. އަދި ތި ހިތުގައި ހަސަދަވެރިކަން އުފެދޭނެ ކަމެއް އޮތިއްޔާ އެކަމެއް ވެސް ބުނޭ. ލައިގެ ހުރިހާ އިޙްސާސެއް މިއަދު އެނގެން ބޭނުން. ލައިގެ ކޮންމެ ވާހަކައެއް އަހަރެން އަޑު އަހާނަން. އިރާދަކުރެއްވިއްޔާ ކުރިޔަށް އޮތްތަނުގައި މިކަހަލަ ގޯހެއް ދެން ނުހަދާނަން. އަހަރެން ބަދަލުވާން ބޭނުން. އަހަރެންގެ މުޅި އުމުރު ވޭތިކުރާން އެދެނީ ލައިލީއާއެކު. ދުވަހަކުވެސް ލައިލީއާ ވަކިވުމުގެ ވިސްނުމެއް އަހަރެންގެ ނެތް." އަނބިމީހާގެ ގައިގާ ބައްދާލައިގެން ހުރެ ދަރަކް ބުންޏެވެ. އެ ވާހަކަތަކުން ލައިލީގެ ދެ ލޮލަށް ކަރުނަ ޖަމާވިއެވެ. ކުރީން ނުކުރެވޭ ގާތްކަމެއްގެ އިޙްސާސް ދެމެދުގައި އުފެދިއްޖެހެން ލައިލީއަށް ހީވިއެވެ.
"ޔަގީންތަ؟. އަހަރެން ކޮންމެ އެއްޗެކޭ ބުންޏަސް ދަރަކް އަޑު އަހާނަންތަ." ލައިލީއަށް އަހާލެވުނެވެ.
"އޮފްކޯޒް މައި ލަވް." ދަރަކް ބުނެލިއެވެ.
"އެނގޭތަ. އަހަރެން ވަރަށް ދެރަވި ޕްރެގްވާންވެގެން އެހާ ރެޑީވީމާ ވެސް ދަރަކް އެރޭ އަހަރެންނާ ދުރަށް ދިޔައީމަ. ވަރަށް ހިތަށް އެއްޗެހި އެރި." ލައިލީ ބުންޏެވެ.
"އައި އޭމް ސޯ ސޮރީ ލައި. އެއީ އަހަރެން އެންމެ ހާސްވެފައި ހުރިއިރު. އަހަރެންނަށް ލައި ހިތްހަމަޖައްސާ ނުދެވިދާނޭތީ ޖެހިލުންވީ. އަހަރެން ވެސް ލައިއަށް އެރޭ އެހެން ހަދަން ޖެހުނީތީ ވަރަށް ބޮޑަށް ދެރަވި. އެކަމާ ވަރަށް ވިސްނުނު." ދަރަކް ބުންޏެވެ.
"ބަޓް ވަޓް އައި ހޭޓް މޮސްޓް އިސް... އައި ކާންޓް ޓްރަސްޓް ޔޫ އެނީމޯ." ލައިލީގެ ދެ ލޮލުގައި ބޮނޑިވެފައިވި ކަރުނަތައް ފައިބައިގަތެވެ.
"ދަރަކްއަށް ޝައްކުކުރަންވީމަ އަހަރެންގެ އަމިއްލަ ނަފްސުދެކެ ވެސް ފޫހިވި. އެކަމަށް ނިމުމެއް އަންނާނީ ކޮންއިރަކުން ކިހިނެއްބާއޭ ހިތަށް އަރައަރާ ހުރީ." ލައިލީއަށް ކުރެވުނު އިޙްސާސްތައް ބަންޑުންކޮށްލިއެވެ. ދަރަކް ނިކަން އަވަހަށް ލައިލީގެ ކޯތާފަތް ފުހެލަ ދިނެވެ. އަދި ލައިލީގެ ދެ ލޮލުގައި އޭނާ ބޮސްދިނެވެ.
"އައި އޭމް ސޮރީ އައި މޭޑް ޔޫ ސަފާ ލައިކް ދެޓް. އަހަރެންނަށް ނުވިސްނޭކަން. ސިޔާއަކީ ލައިގެ ގާތް ރަޙުމަތްތެރީންގެ ތެރެއިން މީހަކަށްވީމަ އޭނާއާ މެދު ގޮތެއް ނިންމަން ފުރަތަމަ އުނދަގޫވީ. ލައިއަށް އެކަމުން ހާޓްވާނޭ ވަރު އެނގޭތީ ދެން ހިތަށް އެރީ އަހަރެން އަމިއްލައަށޭ މިކަމާ ކުރިމަތިލާނީ. ކޮންމެވެސް އެއްގޮތަކަށް އޭނާގެ ކަންތައް ވީހާ ވެސް އަވަހަކަށް ނިންމަން ބޭނުންވީ. އެއީ އޭނާއަށް ފައިސާދީގެން ވިޔަސް ހެޔޮކަމަށް. އަހަރެން ބޭނުންވީ އަހަރެންގެ ދިރިއުޅުން. އަހަންނާއި ލައިއަށް ހަމަޖެހިގެން އުޅެވޭން. އަހަންނަށް ގޯސްތަކެއް ހެދުނުކަން ޤަބޫލުކުރަން. ފުރަތަމަ ވެސް ލައިއަށް ހުރިހާކަމެއް ކިޔާދެވުނުނަމަ އަހަރެމެންގެ ދެމެދަށް މިހާބޮޑު ދުރުކަމެއް ނައީސް. އަހަރެން ބިރުގަނެ ޖެހިލުންވީ... ލައި ގެއްލިދާނެތީ. އިޓްސް އޯލް ބިކޯޒް އޮފް މައި އޯން ވީކްނެސް. ލައިގެ ކުށެއް އެކަމުގައިނެތް." އެންމެފަހު ޖުމްލައާއެކު ދަރަކް ލުއި ހިނިތުންވުމެއް އަނބިމީހާއާ ބަދަލުކޮށްލިއެވެ.
"ދަރަކް. ބައެއްފަހަރު ބައެއް ހަޤީޤަތް އަޑު އަހަން ވަރަށް ހިތްވަރު ބޭނުންވާނެ. އެކަމަކު އިތުބާރުކުރެވޭ ޚާއްޞަ ފަރާތެއްނަމަ އެއީ ކިތަންމެ ޤަބޫލުކުރަން ދަތި ހަޤީޤަތަކަށް ވިޔަސް އަޑު އަހާނޭ ހިތްވަރު ލިބޭނެ. އެހެންވީމަ... މިއަދަށްފަހު ކިތަންމެ ކުޑަކުޑަ ކަމަކާ ވިޔަސް ދޮގު ނަހަދަމާ. އަހަރެމެންނަކީ އެކަކުއަނެކަކަށް ހުރިހާކަމެއް ޝެއާކުރެވޭ ވަރުގެ ދެމަފިރިންނަށް ނުވެވޭނެތަ؟." ލައިލީ ބުންޏެވެ.
"ކީއްވެ ނުވެވޭންވީ. އައި ޕްރޮމިސް. ދެން ލައިއަށް އެއްވެސް ކަމެއް ސިއްރެއް ނުކުރާނަން." ލައިލީގެ ކޯތާފަތުގައި ކަނާއަތުން މަޑުމަޑުން ފިރުމާލަމުން ދަރަކް ބުންޏެވެ.
"ބައެއްފަހަރު ބައެއް ކަންކަން ޝެއާކުރަން އަހަރެންނަށް އުނދަގޫ. އެކަމަކު ދަރަކްއަށް ކިޔާނުދީ ބާއްވާކަށް ބޭނުމެއްނޫން. ކުރީން ދުވަހު އަހަންނާއި އަކިޔަލް ދިމާވި. އޭނާ... އޭނާ އަހަރެންދެކެ ލޯބިވެޔޭ ބުނީ... ހީ ޖަސްޓް ކޮންފެސްޑް ޓު މީ." ލައިލީ މިހެން ބުނެލުމާއެކު ދަރަކްގެ މޫނުން ހިސާބެއްގެ ސިހުން ފާޅުވެލިއެވެ. ދަރަކް އެއްޗެކެ ނުބުނެ ހުންނަން ފެށުމުން ލައިލީ ގޮވާލިއެވެ.
"އޭނާ އަހަންނާ މީޓުކުރި. އޮފީސް ދޮށަށް އައިސް ހުރީ. އަހަރެމެން ސަޔަށް ދިޔައިން. އޭނާ އެ ދުވަހު ދެއްކި ވާހަކައިން ތިކަހަލަ އެއްޗެއް އަހަންނަށް ހީވި. އޭނާ ލައިއާ މެދު ދެކޭ ގޮތް." ދަރަކް ބުންޏެވެ.
"އަސްލުވެސްތަ." ލައިލިއަށް އަހާލެވުނެވެ.
"އޭނާއަކީ ސިޔާއެއްނޫން. އޭނާ އެ ހުރިހާ ވާހަކައެއްދެއްކި އިރު ވެސް އަހަރެންގެ ހިތް ބުނީ އަކިޔަލްއަކީ ރަނގަޅު ޒުވާނެކޭ. އެކަމަކު އަހަރެންގެ ކުރިމަތީ އަހަރެންގެ އަނބިމީހާއާ މެދު ޝައުގުވެރިކަން ހާމަކުރުމަކީ ވެސް ނޯމަލް ކަމެއްނޫން. އެހެންވިޔަސް ސިއްރުން ކަމެއްކުރުމަށްވުރެ ރަނގަޅުތާ." ދަރަކް ހީނލިއެވެ.
"އެހެން މީހަކު އަހަރެންނަށް ލޯބި ހުށަހެޅީމަ ދަރަކް ރުޅިއެއް ނާދޭތަ؟." ލައިލީ އަހާލިއެވެ.
"އޮފްކޯޒް އައި އޭމް އެންގްރީ. އަހަރެންނަށްވުރެ އުމުރުގެ ގޮތުން ވެސް އޭނާ ކުޑަ. އެކަމަކު އަހަންނަށްވުރެ ވެސް އޭނާއަށް އަހަރެންގެ އަނބިމީހާ އެނގޭހެން ހީވޭ. އައި ހޭޓް ދެޓް ފީލިންގްސް. އަހަރެން ބިރުގަނޭ ފިރިހެނަކު އައިސް އަހަރެންގެ އަތުން ލައި ޖަހައިގަނެފާނެތީ. ޔޫ ހޭވް ނޯ އައިޑިއާ. ލައި ހުންނަނީ ވެސް އެހާ ލޯބިކޮށް." ދަރަކްގެ އަޑުގައި ކަންބޮޑުވުންވިއެވެ. އެހެންވިޔަސް އެ ވާހަކަތައް އަޑުއަހަން ހުރި ލައިލީ ކުއްލިއަކަށް ހޭންފެށިއެވެ. ދަރަކް ހައިރާންވެފައި ބަލާލިއެވެ.
"ޓްރަސްޓް މީ. ނޯ މެޓާ ވަޓް ހެޕެންސް... އަހަރެން ވަރަށް ލޯބިވޭ ދަރަކްދެކެ." ލައިލީ ބުންޏެވެ. ދަރަކްގެ ތުންފަތް ވެސް ދެމިލިއެވެ.
"އަހަރެން ވެސް ވަރަށް ލޯބިވޭ. އަހަންނާ ދުރަށް ދުވަހަކުވެސް ނުދައްޗޭ. އަހަންނަށް ގޯހެއް ހެދިއްޖެއްޔާ ރަނގަޅުކުރަންވީ ގޮތް ލައި ކިޔާދެއްޗޭ. އަހަރެން ރަނގަޅުކުރާނަން." ދަރަކްއަށް ދުރަކު ނުހުރެވުނެވެ. އޭނާތް އަތްދަނޑި މައްޗަށް ލައިލީ އުފުލާލިއެވެ. އެއާއެކު ލައިލީގެ ހުނުމުގެ އަޑު އެޕާޓްމެންޓްގެ ތެރެއަށް ފެތުރިއްޖެއެވެ. އަނބިމީހާ އުރާލައިގެން ދަރަކް މިސްރާބު ޖެހީ އެމީހުންގެ ނިދާކޮޓަރިއަށެވެ.
ދެމެފިރިންގެ ދެމެދުގައި ހިތް ހުޅުވާލެވުމުން ދަރަކްއާއި ލައިލީގެ ކައިވެނީގެ ފޭރާމުގައި ޖެހުނު ލައްގަނޑު ދޮވެވި ސާފުވެއްޖެ ކަހަލައެވެ. އެކަކުއަނެކަކު މައްޗަށް އޮތް ލޯބި ފަނޑުނުވާކަން ލޮލުން ފެންނަމުންދިޔައެވެ. ތުންފަތްމަތީވާ ހިނިތުންވުމުގައި ކުރީން ނުފެންނަ ހިތްހަމަޖެހުން ވިއެވެ. އިތުބާރުގެ ބާގަނޑު ދެމަފިރިންގެ ހިތްވަރުން ބައްދައިލައިފިއެވެ. އަދި އެގޮތުގައި ދެމިތިބުމަށް އަޒުމް ކަނޑައެޅިއްޖެއެވެ.
"އަހަރެމެން ކައިވެނި ކުރި ދުވަހުން ފެށިގެން އަހަރެމެން މިވަނީ ޢާއިލާއަކަށްވެފައި. އައި ލައިކް ދެޓް. އަހަރެމެން ދެމީހުންނަށް ވިޔަސް ކައިވެނީގެ ގުޅުމުގެ ސަބަބުން ދަ ޓޫ އޮފް އަސް އާ ނައު ވަން. ދަރަކްއާ މެރީ ކުރި ދުވަސް އެއީ އަހަރެންގެ ހަޔާތުގައި އައި އެންމެ އުފާވެރި އެންމެ އުންމީދުން ފުރިގެންވީ ދުވަސް." ލައިލީގެ އަތްތިލައިގަ ހިފާލައިގެން އޭނާގެ އިނގިލިތަކާ ކުޅެން އޮތް ދަރަކްއަށް ބަލާލާފައި ބުނެލިއެވެ. ދަރަކް ހިނިތުންވެލިއެވެ.
ކުރިޔަށް ވާން ހުރި ކަންކަން ތަޢުބީރު ކުރާހާ އިންސާނުން ކުޅަދާނައެއް ނޫނެވެ. ލައިލީއާއި ދަރަކްއަށް ވެސް އެ މީހުންގެ ދިރިއުޅުން ރާވާ މިސްރާބުން ކުރިޔަށް ދާނެކަމެއް ޔަގީނެއްނޫނެވެ. ދިރިއުޅުން އެމީހުންނަށް ކުރިމަތިކުރުވާނެ އިމްތިހާނެއް އެނގެނީއެއް ނޫނެވެ. އެހެންވިޔަސް ދެ މީހުން އެކުގައި ކޮންމެ ކަމަކާ ވެސް ކުރިމަތިލާން ތިބީ ތައްޔާރުވެގެންނެވެ.
އެރޭ ލައިލީއަށް ޒިންދު ގުޅިއެވެ. ދެމަފިރިން ހަމަޖެހިއްޖެތޯ ބަލާށެވެ. މަންމައަށް ލައިލީ ޝުކުރު އަދާކުރިއެވެ. އަމިއްލައަށް އިސްނަގަން ނޭނގިފައި ހުއްޓާ ލައިލީއާއި ދަރަކް އެއްތަންވުމަށް ބާރުއަޅައި އެކަން އެގޮތް މެދުވެރި ކުރުވީ ޒިންދުއެވެ. ދަރަކް ގެނެސް އޭނާއާއެކު ލައިލީ ގެއަށް ފޮނުވާނުލިނަމަ އަދިވެސް އެ ދެމަފިރިންގެ ދިރިއުޅުން އޮތީހީ ކުރިޔަށް ނުގޮސް ހުއްޓިފައެވެ. މަންމަ ކައިރިޔަށް ދެވުނީތީ ލައިލީ އުފާކުރެއެވެ. ކުރީން މަންމައާ ނުދެކެވި ހުރި ވާހަކަތައް ވެސް އެކަމުގެ ސަބަބުން އެ ދެމެދުގައި ދެކެވިއްޖެއެވެ. މަންމައާ މެދު ދެކެވުނު ގޮތް ވެސް ބަދަލުވެއްޖެއެވެ. ދެމަފިރިއެއްގެ ދެމެދުގައި ޖެހޭ ކުންޏަކީ އެ ދެ މީހުންނަށް ނޫން ބަޔަކަށް ހައްލުކޮށްދެވޭނެ ކަމެއް ނޫނެވެ.
(ނުނިމޭ)