ސީރީއާގެ ޚާރިޖީ ވަޒީރު ފައިސަލް މިގްދާދު މިވަތުގު ހުންނެވީ ސައޫދީގަ އެވެ. އެއީ ސައޫދީގެ ޚާރިޖީ ވަޒީރު ފައިސަލް ބިން ފަރުހާންއާ ބައްދަލު ކުރެއްވައި މަޝްވަރާ ކުރެއްވުމަށެވެ.
ސައޫދީ އާއި ސީރިއާ މަޝްވަރާ ކުރަނީ 2011 އިން ފެށިގެން ސީރިއާއަށް ކުރިމަތިވެފައި އޮތް ހަނގުރާމައިގެ ބަނަކަން ފިލުވާލުމަށެވެ.
ސީރިއާގެ ރައީސް ބައްޝަރުލް އަސަދުގެ ސަރުކާރަށް ވަފާތެރި ސިފައިނާއި އާންމު ރައްޔިތުން ހިމެނޭ ގޮތުން އެކުވެފައި އިދިކޮޅު ސިފައިންނާ ދެމެދު 2011 ގައި ފެށި ހަނގުރާމައިގެ ކަނިތައް އަދިވެސް ނުނިވެ އެވެ. މިކަމުގެ ސަބަބުން ސީރިއާ ވަނީ އަރަބި ދުނިޔެއިން ވަކިވެ އަދި އިގުތިސާދީ ފުން ވަޅުގަނޑެއްގަ އެވެ.
ފައިސަލް ބިން ފަރުހާންއާ ހަވާލާދީ ޚަބަރުތައް ބުނާ ގޮތުން ސައޫދީގެ ވިސްނުމަކީ ސީރިއާއަށް ސިޔާސީ ގޮތުން ހަމަޖެހުން ގެނައުމެވެ.
ސުލްހައަށް މަގުފަހިކުރުމަށްޓަކައި އދ. އިން ސީރިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ގަޔާ ޕެޑާސަންއާ ގުޅުއްވައި ވަޒީރު ވަނީ ސައޫދީން މިކަމަށް އިސްނަގައިފިކަން ދަންނަވާފަ އެވެ.
ސައޫދީގެ އުންމީދަކީ ޚާރިޖީ ވަޒީރު ވިދާޅުވި ގޮތުގައި އަރަބި ގައުމުތަކުގެ ބައިވެރިއެއް ގޮތުގައި ސީރިއާ އަލުން ހަރަކާތްތެރިވުމެވެ.
ސީރިއާ އަލުން އަރަބި ލީގުގައި ބައިވެރިކުރުމަށް އީރާގާއި މިސްރު އަދި އުރުދުންގެ ޚާރިޖީ ވަޒީރުން ސައޫދީގެ ޖިއްދާގައި ބައްދަލުކުރައްވާނެ އެވެ. މިއީ އަލްޖީރިއާ އިން ވެސް ގޮވާލާފައި އޮތް ކަމެކެވެ.